ސިޔާސީ ބައެއްގެ ފިކުރު މިދަނޑިވަޅުގައި ހުންނަންވާނެ މަންޒިލަކީ ތިމާމެންގެ ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭނޭ ކަންތައްތަކެއްގެ ވާހަކަ ރައްޔިތުންނަށް ހުށަހަޅައި އެ ހުށަހެޅުން ވިއްކުމަށް މަސައްކަތްކުރުން ކަމުގައި ކޮލަމާފުށީ ކައުންސިލުން ބުނެފި

އިބްރާހީމް ރާމިޒް

kolamaafushiކޮލަމާފުށި: ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވެފައި .. ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ބައެއްގެ ފިކުރު މިދަނޑިވަޅުގައި ހުންނަންވާނެ މަންޒިލަކީ ތިމާމެންގެ ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭނޭ ކަންތައްތަކެއްގެ ވާހަކަ ރައްޔިތުންނަށް ހުށަހަޅައި އެ ހުށަހެޅުން ވިއްކުމަށް މަސައްކަތްކުރުން ކަމުގައި ގއ. ކޮލަމާފުށީ ކައުންސިލުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ސަރުކާރުން، ސަރުކާރުގެ ވަޢުދުތައް ފުރިހަމަކުރަމުންގެންދާ މި ދަނޑިވަޅުގައި އިދިކޮޅުފަރާތްތަކަށް އެކަން ހަޖަމް ނުކުރެވި، ޣައިރުޤާނޫނީގޮތުން ސަރުކާރު ވައްޓާލުމަށް ހިންގަމުންގެންދާ ދަށުދަރަޖައިގެ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރކޮށް ކޮލަމާފުށީ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލޭގެ އަމަންއަމާންކަން ނަގާލައި، ދައުލަތުގެ މުދަލާއި، ތަންތަނަށް ގެއްލުންދީ ދައުލަތުގެ ވަޒީރުންނަށް ބިރުދެއްކުމަށް ހިންގާ ޙަރަކާތްތަކުގައި އިސްކޮށް ބައިވެރިވާ ހުރިހާ ފަރާތްތަކާމެދު ދައުލަތުގެ ވެރިޔާގެ ހައިޘިއްޔަތުން ފިޔަވަޅު އަޅުއްވައި މި ޙަރަކާތްތައް ހުއްޓުމަކަށް ގެނައުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ވެސް ގޮވާލާފައިވެއެވެ.

“ދީން ޙިމާޔަތްކުރުމުގެ ނަމުގައި ސަރުކާރުގެ ބޮލުގައި ދޮގު ތުޙުމަތު އަޅުވައި، ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް ވެރިކަމަށް ދަހިވެތިވެފައިވާ މަދު ބަޔަކު އަޑީގައި ތިބެގެން ހިންގާ މި ހަރަކާތަކީ ޤަބޫލުކުރެވޭ ކަމެއްނޫނެވެ. ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތަރަހައިން ބޭރުވެ، ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއެޅުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމުގައި ބެލެވޭނެ އެއްވެސް ޖާގައެއްނެތެވެ. މުޒާހަރާކުރުމާއި ހަމަނުޖެހުން ހިންގުމުގައި ރޭގަނޑުގެ ނިދިނަގާލުމުގެ ބަދަލުގައި ، ތިމާމެންގެ ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭނޭ ކަންތައްތަކެއްގެ ވާހަކަ ރައްޔިތުންނަށް ހުށަހަޅައި އެ ހުށަހެޅުން ވިއްކުމަށް މަސައްކަތްކުރުމަކީ ސިޔާސީ ބައެއްގެ ފިކުރު މިދަނޑިވަޅުގައި ހުންނަންވާނެ މަންޒިލެވެ. އެހެންނަމަވެސް އެކަން ކުރުމުގެ ބަދަލުގައި ވަޢުދުތައް ފުއްދަމުން އަންނަ ސަރުކާރަކަށް ޖެއްސުންކުރާ ކުރުމަކީ ސިޔާސީ އެއްވެސް އުރަތްޕެއް ނެތްކަން އެނގި ހާމަވެގެންދާ ކަމެކެވެ.” ކޮލަމާފުށީ ކައުންސިލްގެ ނޫސް ބަޔާނުގައި ވެއެވެ.

އެހެންކަމުން އިދިކޮޅު ސިޔާސީ ޕާޓީތައް އެކުވެގެން ރާއްޖޭގައި ހިންގަމުންގެންދާ ހަމަނުޖެހުންތައް މިހާރުން މިހާރަށް ހުއްޓާލުމަށާއި، ޑިމޮކްރަސީގެ ރޫޙާއެއްގޮތަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކޮށް، މަގުމައްޗަށް ނިކުމެ އިދިކޮޅު ފަރާތްތަކުން ިހިންގާ ފިނޑި ހަޑިމުޑުދާރު ޢަމަލުތަކުން ސަރުކާރު ނުވެއްޓޭނެކަން ހަނދާންކޮށްދޭ ކަމަށް ކޮލަމާފުށީ ކައުންސިލްގެ ނޫސް ބަޔާނުގައި ވެއެވެ.
ސިޔާސީ އިސްލާޙީ ޙަރަކާތް ފެށުމާ އެކު ހެން، އޭރުގެ ސަރުކާރާ ދެކޮޅަށް ތެދުވި ކޮލަމާފުއްޓަކީ އެމްޑީޕީގެ ފުރިހަމަ އަޤްލަބިއްޔަތު އޮންނަ ރަށެކެވެ.