މެންބަރުންގެ ޚިޔާލު: ރާއްޖޭގެ ވެރިކަމަކީ ބޮޑުވަޅުދޮށު ސައިބޯންޏަށް ނުހަދާށެވެ!!!

ފުނަމާ

ދިވެހި ރައްޔިތުން ނުކުމެ ބަދަލަކަށް އެދި މިގައުމުގެ ވެރިކަން މިވަނީ ބަދަލުކޮށްފައެވެ. ރައްޔިތުންގެ ވޯޓަކުންނެވެ. ދިގުދެމިގެންދިޔަ ޚުދުމުޚުތާރު ވެރިކަމެއް ރައްޔިތުންގެ ވޯޓަކުން ވައްޓާ އެއްލާލުމަކީ ދުނިޔޭގައި މަދުން މެނުވީ ހިނގާފައިވާ ކަމެއް ނޫނެވެ. ނަމަވެސް ބޮޑު ލޭއޮހޮރުވުމަކާ ނުލައި މިގައުމުގެ ރައްޔިތުން ނުކުމެ މިގައުމުގެ ވެރިކަން މިވަނީ ބަދަލުކޮށްފައެވެ.

މުޅި ދުނިޔެއަށް މިސާލު ދައްކަމުން ދިވެހީންނަށް މިކަންކުރެވުނީ އެކަން ފުރިހަމަ ކުރުމަށް ބޭނުންވާ ކިތަންމެ ޝަރުތުތަކެއް ފުރިހަމަ ކޮށްގެންނެވެ. މިގޮތުން އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ ރައްޔިތުންގެ ހިތްތަކުގައި ހައްގުބަސް ބުނުމުގެ ރޫހު އުފެއްދުމެވެ. ދުލުގެ މިނިވަންކަމަކީ ކޮބައިކަން އަންގައި ދީގެންނެވެ. ހަމައެއާއެކު އާމަގުން ކުރިއަށް ދާންޖެހޭހިނދު ބޭނުންކުރާނެ ސަމުގާއެއްގެ ގޮތުގައި ގާނޫނުއަސާސީ ބަދަލުކޮށް މިމަގަށް މަގުފަހި ކުރުވައިގެންނެވެ.

ވެރިކަން ބަދަލުވެއްޖެއެވެ. ދިވެހީންގެ އިންސާނީ ކަރާމާތް ހިމާޔަތް ކުރެވި ދުލާއި، ގަލަމުގެ މިނިވަންކަން ލިބިދެވިއްޖެއެވެ. ނަމަވެސް މިމަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހުރިހައި ބަހާތަކެއް އޮތީ އެންމެ ރަނގަޅަށް ފުރިހަމަ ނުކުރެވިއެވެ. ޝަރުއީ ނިޒާމާއި މިނޫންވެސް މުހިންމު ބައެއް ކަންކަމަށް އެންމެ އެކަށީގެންވާ ގޮތަށް ސަމާލުކަން ނުދެވިއެވެ. ގައުމުގެ ބާރުތަކަކީ ކޮބައިކަން ލިޔެވިފައި އޮތް ކަމުގައި ވިޔަސް އެބާރުތަކުގެ އިމަކީ ކޮބައިކަމާ ރައްޔިތުންގެ ހައްގުތަކަކީ ކޮންއިރަކު ކިހިނެއް ކާކު ހިމާޔަތް ކޮށްދޭންޖެހޭ ކަމެއްކަން މިއޮތީ އޮޅިފައެވެ. ހިތާމަޔަކީ އެއްބާރުން އަނެއް ބާރަށް ހަމަލާދެވި އިންތައް އޮޅުވާލެވެމުން ދާއިރު އެކަން އެވަނީ ކީއްވެގެންތޯ ބަލާނުލައި އެންމެންވެސް ސިޔާސީވެގެން އެބައެއްގެ ސިޔާސީ ފިކުރު ގައުމުގައި ވިއްކުމަށް ހޯއް ގޮވަމުން ގެންދާކަމެވެ.

މިގައުމުގެ އެންމެހައި ބާރުތައް ޒިންމާދާރު ކުރުވުމުގެ ޒިންމާ ބޮލުގައި އަޅުވައި ރައްޔިތުން އިންތިޚާބު ކުރި ރައީސުލްޖުމްހޫރިއްޔާއަކީ ދެންހުރި ބާރުތަކެއްގެ މައްޗަށް ބަހެއް ނުބުނެވޭނޭ ފަރާތެއް ކަމުގައި ބަޔަކު ދެކޭނަމަ ދައުލަތުގެ ބާރުތައް އިސާހިތަކު ފެއިލްވެގެން ހިނގައިދާނެކަން މިއަދު މިދަނީ ފެންނަމުންނެވެ. ވެރިކަމުގެ ފަރާތުން ކުރާންޖެހޭ ކަންކަން ކުރުމަށާ ، އެފަރާތުން ގައުމު ކުރިއަށް ގެންދިއުމަށް ކުރަމުން ގެންދާ އެންމެހައި މަސައްކަތްތަށް ފަނުފުލުން ދުށްވާލުމުގެ ނިޔަތުގައި ސިޔާސީގޮތުން ބަޔަކު ނުކުމެ މިއަދު މިކުރަމުން ގެންދާ މަސައްކަތް ތަކުގެ ސަބަބުން ގެއްލުން ލިބެނީ ކޮންބަޔަކަށް ހެއްޔެވެ؟ މިގައުމުގެ ނިކަމެތި ރައްޔިތުންގެ ސަލާމަތަށް ހުރަސްއެޅި ރެޔާދުވާލުގެ އަރާމާއި ނިދި ގެއްލުވާލައި މުޅިގައުމު ހަލަބޮލި ކޮށްލައިގެން ވެރިކަން ވައްޓާލުމަށް ހުވާކުރަމުން ގެންދާ ބަޔަކަށް އެފުރުސަތު ގާނޫނުއަސާސީއިން ދީފައި އެބައޮތޭ ބުނާނަމަ އެޖަހަނީ ގައިމުވެސް ޖޯކެވެ. ހަމަ ބުއްދި ސަލާމަތުން ހުރި އެކަކުވެސް އެކަން ގަބޫލެއް ނުކުރާނެއެވެ.

އިއްޔެ އެއްގޮތަކަށް މިއަދު އަނެއް ގޮތަކަށް ވާހަކަ ދައްކަމުން އެގެންދާ މީހުންގެ ދުލުގެ އަގާއިމެދު ވިސްނާނެ ކޮންމެސް ބަޔަކު މިގައުމުގައި އަދިވެސް ދިރިއުޅޭކަމާ އެމީހުންނަކީވެސް މިގައުމުގެ ވަޒަންވެރީން ކަމުގައި ގަބޫލުނުކުރިޔަސް އަދި، ހަމައެމީހުންނަކީ މިގައުމުގައި މިއޮތް އެއްބައެއް ވަންތަކަމާއި ދީނީ އެއްބައިވަންތަކަމާ ޚިލާފު ބައެއް ކަމުގައި ހަދައި ބޭރުކޮށްލާން އުޅުނަކަސް އެކަމަކީ ފިތުނަ އުފެއްދުން ފިޔަވައި އެހެން ނަތީޖާއެއް ނެރެވޭނެ ކަމެއް ނޫނެވެ.

މިގައުމުގެ ވެރިކަމަކީ ގާނޫނީ ހަމަތަކުގެ މަތީން ރައްޔިތުންގެ ވޯޓަކުން ހޮވޭ ފަރާތަކާ ކަނޑައެޅިފައިވާ މުއްދަތަކަށް ހަވާލުކުރެވޭ އަމާނާތެކެވެ. މިގައުމުގެ ކުރިމަގާ ރަށްޔިތުންގެ ލާބައާއި މަންފާއަށް ވިސްނައި ކަންކަން ހަމަމަގަށް އެޅުވުމަކީ ވެރިކަންކުރާ އެގްޒެކްޓިވް ބާރަށް ޚާއްސަ ކުރެވިފައިވާ ކަމެކެވެ. ހަމަ އެހެންމެ ދައުލަތުގެ އެހެން ބާރުތައް އެމީހުންގެ ޒިންމާ އެންމެ ފުރިހަމަޔަށް އަދާކުރޭތޯ ބެލުމާ ޒިންމާ ކުރުވުމަކީވެސް އެގްޒެކްޓިވް ބާރަށް ގާނޫނުއަސާސީ ލާޒިމްކުރާ ކަމެކެވެ. އެހެންކަމުން ދައުލަތުގެ ވެރިކަން ހިންގާ ބާރުފިޔަވައި އެހެން ބާރުތަކުން އެމީހުންގެ ފުރިހަމަ ޒިންމާ އަދާކުރުމުގައި ފަސްޖެހޭނަމަ އެވަގުތެއްގައި އަޅާންޖެހުނު ފިޔަވަޅެއް ނާޅައި ދޫކޮށްލައި ގައުމު ފަސާދައިގެ ތެރެއަށް ވައްޓާލުމަކަށް ރައްޔިތުން ނޭދޭނެއެވެ. އަދި މިހެން ވެއްޖެނަމަ ރަށްޔިތުން ދުވަހަކުވެސް އެވެރިޔަކަށް މާފެއް ނުކުރަނެއެވެ. ދައުލަތުގެ ތިންބާރުގެ އިތުރުން ދެން އުފެދިފައިވާ މުސްތަގިއްލު މުއައްސަސާތަކަކީ ދައުލަތުގެ ތިންބާރަށް ފާޑުކިޔައި ޖަދަލު ކުރުމުގެ އެއްވެސް ހައްގެއް އޮންނާނެ ބައެއް ކަމުގައި ދުށުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ގައުމުގައި ހިނގާ ކަންކަމާ ގުޅޭގޮތުން އެބައެއްގެ ޒިންމާއާއި ގުޅޭ ކަންކަމުގައި ސަރުކާރާއި އަނެއް ދެބާރަށް އެހީތެރިވެދިނުމާ ، ހެޔޮގޮތުގައި އިލްތިމާސް ކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް ކަނޑައެޅިގެން ” ތިމަންނާ މެންނަކީ މުސްތަގިއްލު ބަޔެކޭ ، ނުބެހެވޭނެޔޭ ، ޖަވާބުދާރީ ވާކަށް ނުޖެހޭނެޔޭ ” ބުނާނަމަ މުސްތަގިއްލު މުއައްސަސާ ތަކާއި ދައުލަތުގެ ތިންބާރުގެ ބާރުވެރިކަން ހަމަހަމަ ކަމުގައި ބަޔަކު ގަބޫލުވެސް ކޮށްފާނެއެވެ. އެެކަމަކު އެއަކީ ވާނެ ކަމެއް ނޫނެވެ. ކުރެވޭނެ ކަމެއްވެސް ނޫނެވެ.

މިގައުމުގައި މިއަދު ސިޔާސީ ގޮތުން ފެއިލްވެފައިވާ ބަޔަކު ނުކުމެ ސަރުކާރު ވައްޓާލަން ފާޅުގައި އާންމުންނަށާއި ދައުލަތުގެ ދިފާއީ ބާރުތަކަށް ގޮވާލައި ހަދަމުން ގެންދާއިރު ވިސްނާލަން ޖެހެނީ އެމީހުން އެކަން އެކުރަނީ ކޮން ސަބަބަކާ ހުރެތޯއެވެ؟ ސަރުކާރުން ރައްޔިތުންނަށް ފުށްދައި ދޭނެ ކަމުގައި ވައުދުވި ކަންކަން އެގެންދަނީ ފުށްދައި ދެމުންނެވެ. ވެރިކަންކުރާ ޕާޓީން މަގުމަށްޗަށް ނުކުންނަނީ އެހެން ފަރާތްތަކުގެ އުނދަގުލާއި ޖެއްސުން ބޮޑުވެ އެހެން ގޮތެއް ނެތީމައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ކޮންމެވެސް ނަމެއް ކިޔައިގެން މީހުން ނިދިޔަނުދީ ، ރައްޔިތުންގެ ހައްގުތައް ފުނޑާލައި މިގައުމުގައި ފިތުނަ އުފެއްދުމަށް ނުނިކުންނަ މަހެއް ހަމަނެތޭ ދެންނެވިދާނެއެވެ. އަނެއްކާ ނުކުމެ ދައްކަނީ އެނުކުތުމަށް ގާއިމުކުރި ހުއްޖަތާއި ނުގުޅޭ ވާހަކަ ތަކެވެ. އިސްލާމްދީން ހިމާޔަތް ކުރާށޭ ކިޔައި ނުކުމެ ދައްކަނީ ސަރުކާރު ވަށްޓާލާވާހަކައެވެ. ކަންކަމަށް ފާޑުކިޔައި ސުލްހަ ވުމަށްވުރެ އިސްކަންދެނީ މީހުންނަށް ހަޖޫޖަހައި މަލާމާތްކޮށް ކާރަރުންނޭ ގޮވުމަށެވެ. މީހުންގެ ގެދޮރު ފުނޑައި މުދާތަށް ފަނާކޮށްލުމަށެވެ.

އެމީހުންގެ ނިޔަތަކީ ވެރިކަން ވައްޓާލުމެވެ. އެނޫންކަމަކަށް ވިސްނުމެއް ފިކުރެއް އަމުދުން ނެތްކަން އެބަ އެނގެއެވެ. އެކަމަކު ހަގީގަތަކީ ދިވެހި ދައުލަތުގެ ވެރިކަމަކީ އެވަޅަކުން އެންމެން ފެންވަރާން ހަދާފައިވާ ބަންޑާރާ ބޮޑުވަޅުދަށުގައި ބާއްވާފައި އޮންނަ ދަނޑި ސައިބޯނި ގަނޑެއް ހެން ބޭނުން ކޮންމެ މީހަކުގޮސް ގައިގައި އުނގުޅަން އޮންނަ އެއްޗެއް ނޫންކަމެވެ. ދިވެހި ވެރިކަމަކީ މިހާވަރުގެ ހައިބަތެއް ނެތް އެއްޗެއް ކަމުގައި ހަދައިގެން ހަމައެވެރިކަން ހޯދަން އެބަޔަކު އެމަރުދެނީ ފަހެ ކީއްވެބާވައެވެ. އެހެންމީހުންވެސް އެމީހުންނަށް ރަށްދުދިނުމަށް މިގައުމުގައި އެބަތިބިކަން މިހާރު ހަމަ އެނގޭނެތާއެވެ.