ރައީސުލްޖުމްހޫރިއްޔާ 4 ޅެންފޮތެއް ނެރުއްވައިދެއްވައިފި

hep-lhenveringe-dhuvas-450-x-299

މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިބަހުގެ އެކެޑަމީއިން އިންތިޒާމްކޮށްގެން ރޭ ބޭއްވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެން 4 ޅެންފޮތެއް ނެރުއްވައިދެއްވައިފިއެވެ.

މި ފޮތްތަކަކީ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރ މިސްޓަރ ޏިޔާނޭޝްވަރު މުލޭ ލިޔުއްވާފައިވާ ޅެންފޮތް ކަމަށްވާ ފަތިހުގެ އިންތިޒާރުގެ ދިވެހި ތަރުޖަމާއާއި، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން އެކުލަވައިލެއްވި ޅެންވެރިޔާ މިފޮތާއި، ޢަބްދުއްރަޝީދު ޙުސައިންގެ ޅެންތައް ހިމަނުއްވައިގެން ނެރުއްވާފައިވާ ޅެންފޮތް މަލަސް އާއި، ދިވެހިބަހުގެ އެކެޑަމީން ތައްޔާރު ކުރެއްވި ޅެންފޮތް ޅެންވެރިކަމުގެ ވާދީ މިފޮތްތަކެވެ. އިންޑިއާގެ ހައިކޮމިޝަނަރ މިސްޓަރ މުލޭގެ ޅެންފޮތް، ދިވެހިބަހަށް ތަރުޖަމާ ކުރެއްވީ، ޢަބްދުﷲ ޞާދިޤާއި، ޙަބީބާ ޙުސައިން ޙަބީބެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޅެންވެރިކަމަކީ މި ދީބުގައި ދިވެހިން އުޅޭން ފެށީއްސުރެ ފަށައިގެން، އުފެދެމުން، ފޯދެމުން ފައްކާވެފައި އޮތް ކަމެއް ކަމަށާއި، ޅެންވެރިކަމަކީ އަޅުގަނޑުމެންގެ ހިތްތަކަށް އުފާވެރިކަމާއި އުޖާލާކަން ގެނެސްދޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިބާވަތުގެ ދުވަސްތައް ފާހަގަކުރަމުން މިގެންދަނީ، ދިވެހި ޅެންވެރިކަން ދިރުވުމުގެ މަތިވެރި މަޤްޞަދުގައި ކަމަށާއި، ހުރިހާ ޝާޢިރުންގެވެސް އަމާޒަކީ، މަޤްޞަދަކީ، ޅެންވެރިކަމުން އުފަލާއި ޢިބްރަތް ހޯދައިދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ބައެއް ޅެންވެރިން ހައްދަވާފައިވާ ޅެންތަކުގެ ހަނދާންތައް އާކުރައްވައި، ބައެއް ބޭފުޅުން ހައްދަވާފައިވާ ބައެއް ޅެންބައިތުތައް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަކީ ލިޔުންތެރިކަމުގައި ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރެއްވި، އަދި ލިޔުންތެރިކަމާއި، ޅެންވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅެކެވެ.