ހުޅުދުއްފާރު ކައުންސިލުން ނެރުނު ނޫސްބަޔާނެއްގެ ރައްދު ދިނީ ކަޓަރާއި ލަޓިބުރިން – ހުޅުދުއްފާރު ކައުންސިލް

އިބްރާހީމް ރާމިޒް

dscn2829dscn2833

ސައްތައިން ސައްތަ އެމްޑީޕީގެ އަޤްލަބިއްޔަތު އޮންނަ ކައުންސިލެއް ކަމުގައިވާ ރ.ހުޅުދުއްފާރު ކައުންސިލުން ސަރުކާރުގެ ސިޔާސަތުތަކަށް ތާޢީދުކޮށް ނެރުނު ނޫސްބަޔާނެއްގެ ރައްދު ކަޓަރާއި ލަޓިބުރިން އިދިކޮޅުފަރާތްތަކުން ދީފި ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ރ.ހުޅުދުއްފާރު ކައުންސިލުން 21 ޖަނަވަރީ 2012 ގައި ނެރުނު ނޫސްބަޔާނާއި ގުޅިގެން ރޭގެ ދަންވަރު ވަގުތެއްގައި ރ.ހުޅުދުއްފާރު ގައި ހުންނަ އެމް.ޑީ.ޕީ ހުޅުދުއްފާރު ގޮފި އަދި ހުޅުދުއްފާރު ފެނޭބާގޮފީގެ އޮފީހުގެ 3 ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި، ކައުންސިލްގެ ރައީސް މުޙައްމަދު ޒުބައިރު ދުއްވާ ސައިކަލު މަޑީގައި ކަޓަރުއަޅާފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ވަގު ސިމެއް ބޭނުންކޮށްގެން ކައުންސިލްގެ މެމްބަރުންނަށާއި އެމްޑީޕީގެ ބައެއް މެމްބަރުންނަށް ހަޑިހުތުރު އެސް.އެމް.އެސް ފޮނުވަމުންދާ ކަމަށް ވެސް ހުޅުދުއްފާރު ކައުންސިލުން ބުނެއެވެ.

dscn2830

ހުޅުދުއްފާރު ކައުންސިލުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން ޤައުމީ ޕާޓީގެ ނައިބުރައީސް ޢަބްދުލް މަތީން ރ.ހުޅުދުއްފާރަށް ނިސްބަތްވާ ފަރުދަކަށް ވެހުރެ ދައްކަވަމުން ގެންދަވާ އިތުބާރުނުހިފޭ ބުނިބުންޏަށް ދައްކަވާ ދޮގުވާހަކަތަކުގެ ސަބަބުން ރ.ހުޅުދުއްފާރަށް އެކަމުގެ ހުތުރުނަން ރައްދުވަމުން ދާ ކަމަށާއި، އަދި ރ.ހުޅުދުއްފާރު ބަހާރުގޭ ޢަބްދުﷲ މުޙައްމަދު އިސްމަޤާމެއްގައި ހުންނަވައި އޭނާގެ ސުލޫކީ މިންގަނޑު ބަހަށްޓަވާ ގޮތުން ރ.ހުޅުދުއްފާރުގެ ގިނަ ރައްޔިތުންތަކެއް ތިބީ މުޖުތަމަޢުގައި ލަދުގަންނަންޖެހޭ ދަރަޖައަކަށް ވެއްޓިފައި ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އެ ބޭފުޅުންގެ މައްސަލަތައް ބައްލަވާ ފިޔަވަޅުއެޅުއްވުމަށް ވެސް ހުޅުދުއްފާރު ކައުންސިލުން ވަނީ ސަރުކާރަށް ގޮވާފައެވެ. އަދި ރ. ހުޅުދުއްފާރު ވަނީ މިސަރުކާރާއި އެކުގައި ކަމުގައި ކަމަށާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ނަގަހައްޓައި، ދެމެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ދިވެހި ސިފައިންގެ އެންމެ އިސްކޮމާންޑަރު ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އައްސަރިބަހާއި ސާބަސް ރައްދުކުރާ ކަމަށާއި، އެމަނިކުފާނުގެ މިމަސައްކަތްޕުޅަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދެއްވާ އެއްބާރުލުމަށް އެފަރާތްތަކަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށް ވެސް ހުޅުދުއްފާރު ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި އެވެ.