އަބްދުﷲ ގާޒީގެ މައްސަލައިގައި އަވަސް ނިންމުމެއް 48 ގަޑިއިރު ތެރޭގައި ނިންމަން ޖެހޭނެ – އަލްހާން

އިބްރާހީމް ރާމިޒް

alhaan-near-supreme-court-450-x-273

އަބްދުﷲ ގާޒީގެ މައްސަލައިގައި އިންސާފުވެރި އަވަސް ނިންމުމެއް 48 ގަޑިއިރު ތެރޭގައި ނިންމަން ޖެހޭނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާނު ފަހުމީ ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިންއާ ބައްދަލު ކުރައްވައި އަބްދުﷲ ގާޒީއާ ބެހޭ މި ދެ މައްސަލަ ހުށަހެޅުމަށް ފަހު އަލްހާނު ވިދާޅުވީ ސްޕްރީމް ކޯޓުން އެއްބާރުލުން ނުދީފިނަމަ، އެ މައްސަލަތައް ބެލުމަށް އެމްޑީޕީން ޕްރެޝަރު ކުރާނެ ކަމަށެވެ.

އަލްހާން އިއްޔެ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ޢަބްދުﷲގާޒީ ފުލުސް އޮފީހަށް ހާޒިރު ވުމަށް ފޮނުވުނު ޗިޓަކާއި ގުޅިގެން، ހައިކޯޓުން އެ ޗިޓަށް ހާޒިރުވުން ހުއްޓުވައި، އެއާއި ބެހޭގޮތުން ޝަރީޢަތްކޮށް، ދަންވަރު ހޭލާތިބެ ޢަމަލުކުރިގޮތަކީ މިދައުލަތުގެ ގާނޫނުއަސާސީ އާއި ޚިލާފް ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެން ހުށައެޅުއްވި މައްސަލައަކާއި ޖުޑިޝަލް ސަރވިސް ކޮމިޝަނުން އަބްދުﷲ ގާޒީ އާއި ދޭތެރޭ ފިޔަވަޅެއް އަޅަން ނިންމާފައިވާނަމަ އެފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހެޅުއްވި މައްސަލައެކެވެ.

އެ ގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތަށް މަދުވެގެން 48 ގަޑި އިރު ތެރޭގައި ޕޮޒިޓިވް ނަތީޖާތަކެއް ނުދައްކަވައިފިނަމަ، “އަޅުގަނޑުމެން ޖެހޭނީ ރައްޔިތުންގެ ފަރާތުން އުފުލާ އަޑެއް އުފުލައި ކުރަން ޖެހޭ ޕްރެޝަރެއް ކުރަން.” އަލްހާނު ވިދާޅުވި އެވެ. ސްޕްރީމް ކޯޓުގެ ބޭރުގައި ތިބި ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުންނާ މުޚާޠަބުކޮށް އަލްހާން ވިދާޅުވިއެވެ.

އަލްހާނު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އަބްދުﷲ ގާޒީ އާ މެދު ފިޔަވަޅު އެޅުން ފަސްކުރުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވާ މައްސަލައިގައި ގޮތެއް ނިންމަވައި ދިނުމަށް ހުށަހެޅުއްވުމުން އެ މައްސަލައިގައި ހައިކޯޓުން ނިންމާފައި ވަނީ ކިހިނެއްތޯ ބެއްލެވުމަށް ސުޕްރީމް ކޯޓުގެ ބެންޗަށް ހުށަހަޅުއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށާއި، އަދި އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފުލުހުން ފޮނުވާފައިވާ ޗިޓަށް އަމަލު ކުރުން ފަސް ކުރުމަށް ކޮށްފައިވާ އަމުރު އިސްތިއުނާފް ކުރެވޭނޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.