ނޫސް ބަޔާން: އެމްޑީޕީ ކެޔޮދޫ ދާއިރާގެ ނޫސް ބަޔާން

މިދުވަސްވަރަކީ ސަރުކާރު ހަމަމަގަށް އެޅުވުމުމަށްކަމަށްބުނެ ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަމަސަލަސް ކަމާއި، ތަރައްގީއަށް ހަސަދަވެރިވާބަޔަކު، މާލޭގެ އެކިއެކި ސަރަހައްދުތަކަށް އެއްވެ، ސަރުކާރާއި ރައްޔިތުންގެ މުދަލަށް ގެއްލުންތައްދީ ފިތުނަފަސާދަ އުފައްދަމުންދާދުވަސްވަރެކެވެ.

ސިޔާސީ ޕާޓީތަކާއި ޝެއިހުންގެ ތާކިހާ އަޅައިގެން ތިބެ މަދުބަޔަކު ގައުމުގެ ތަރައްގީގެ ދުވެލި ހުށްޓުވުމަކަށްގެނައުމަށް ކުރަމުން މިގެންދާ ހަޑި މުޑުދާރު އަމަލު މި ދާއިރާއިން ހަރުއަޑުން ކުށްވެރިކުރަމެވެ.

އަދި މިޕާޓީ އާއި ސަރުކާރަކީ ލާދީނީ ބައެއްކަމަށް ބުނާ ބުނުމަކީ އެއްވެސް ބުރަދަނެއްނެތް، ގައުމުގައިވާ ހަމަޖެހުން ނަގާލާ މިގައުމުގައި ހަލުއިކަމާއި އެކު ކުރިޔައްދާ ތަރައްގީގެ ޕްރޮގްރާމްތަކާއި ، ރައްޔިތުންނަށް ލިބެމުންދާ ލުއިފަސޭހަތަކުގެ ވާހަކަ އޮއްބާލުމަށް ފަތުރަމުންދާ އެއްވެސް ހަގީގަތެއްނެތް ފިތުނައިގެ ވާހަކަ ތަކެކެވެ.
އަދި އަދުލު އިންސާފު ހަމަމަގަށް އެޅުވުމަށް މިައަދުގެ ވަލީއުލްއަމްރު ކުރައްވަމުންގެންދަވާ ބުރަމަސައްކަތްޕުޅު ހުށްޓުވުމަށް އިދިކޮޅުފަރާތްތަކުން މަސައްކަތްކުރަމުން އެގެންދަނީ މިގައުމުގައި ކުރިން ވެރިކަންކުރި ހުދުމުހުތާރު އަނިޔާވެރި ވެރިޔާގެ ދިގުވެރިކަމުގައި ކޮށްފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި ހިންގާފައިވާ ޖަރީމާތައް ފޮރުވުމަށެވެ. އަދި މި ނުބައި އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް އެމީހުންގެ ހަގީގީ ސިފަމިދަނީ ފެންނަމުންނެވެ.
އެހެންކަމުން އިދިކޮޅު ފަރާތްތަކުން ހިންގަމުންގެންދާ ޣައިރުޤާނޫނީ އަމަލުތަކާއި ދައްކަމުންގެންދާ ސާބިތުނުހިފާވާހަކަތައް ވަގުތުންވަގުތައް ހުށްޓާލުމަށް މިދާއިރާގެ ފަރާތުން ގޮވާލަމެވެ.

އަދި މިގައުމުގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ، އަދި މިޕާޓީގެ އިސްލީޑަރ މިގައުމަށް ހަމަޖެހުންގެނެސްދެއްވުމަށާއި އަދުލްއިންސާފު ގާއިމުކޮށްދެއްވުމަށް ތިޔަކުރައްވަމުންގެންދަވާ ބުރަ މަސައްކަތްޕުޅަށްޓަކައި އިންތިހާއަށް ޝުކުރުއަދާކުރަމުން އަދި މަނިކުފާނުގެ ފަހަތްޕުޅުގައި އަޅުގަނޑުމެންތިބި ވާހަކަދަންނަވަމެވެ.އަދި ހަމަ އެހެންމެ ސިފައިންނާއި ފުލުހުން ގައުމަށްޓަކައި އަމަންއަމާންކަން ހިފެހެއްޓުމަށްޓަކައި ތިޔަކުރައްވަމުންގެންދަވާ މިންނަތް ހިދުމަތްތައްވެސް ފާހަ ނުހަނު ޝުކުރުވެރިކަމާއިއެކު މިދާއިރާއިން ފާހަގަކުރަމެވެ. އަދި މި މަސައްކަތުގައި މާތްﷲ ކާމިޔާބީ މިންވަރުކޮށްދެއްވުން އެދި އުޢާ ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ކެޔޮދޫ ދާއިރާ