ނޫސް ބަޔާން: ދިވެހި ސަރުކާރުން ރާއްޖޭގެ އަދުލުއިންސާފްގެ ނިޒާމް އިސްލާހް ކުރުމަށް، ކުރައްވާ މަސައްކަތަށް ތާއީދުކޮށް އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ގދ.ތިނަދޫ ކައުންސިލުން ކުށްވެރިކޮށްފި

އިބްރާހީމް ރާމިޒް

ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމަކީ ރައްޔިތުންގެ މެދުގައި އިތުބާރު ލިބިފައިވާ ނިޒާމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާމަސައްކަތަށް ތިނަދޫރައްޔިތުންގެ ފުރުހަމަ އެއްބާރުލުމާއި ތާއީދު ހާމަކޮށްފިއެވެ.

ގދ. ތިނަދޫ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ “ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ނިޒާމަކީ ވަކިބައެއްގެ މުށުތެރެއަށްލެވިފައިވާ ނިޒާމެއްކަމުގައި ރައްޔިތުންގެ ތެރޭގައި ވާހަކަދެކެވި ޝަރުޢީ ނިޒާމާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލި ދިވެހިރައްޔިޔުންނަށް އިންސާފް ލިބުމަށް ހުރިމަގުތަށް ބަންދުވެ، ރާއްޖޭގައި ހިންގޭ ޝަރީޢަތްތަކަކީ ވަކިބަޔަކު ބޭނުންވާގޮތަށް ބުރަވެ ނިންމޭ ޝަރީއަތްތަކެއްކަމުގައި ރައްޔިތުންނަށް ގަބޫލުކުރެވޭހިސާބަށްދިޔުމުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދީފައިވާ ޤާނުނުއަސާސީ ޙިމާޔަތްކުރުމުގެ ބާރުގެ ބޭނުންކުރައްވައި ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމަކީ ރައްޔިތުންގެ މެދުގައި އިތުބާރު ލިބިފައިވާ ނިޒާމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާމަސައްކަތަށް ތިނަދޫރައްޔިތުންގެ ފުރުހަމަ އެއްބާރުލުމާއި ތާއީދު އޮތްވާހަކަ ދަންނަވަމެވެ.”

ސަރުކާރުގެ މިމަސައްކަތަށް ހުރަސްއެޅުމަށް ވަކިބަޔަކުނުކުމެ މާލޭގެ މަގުތަކުގައި ހިންގާ ލާއިންސާނީ އަމަލުތަށް މިކައުންސިލާއި ތިނަދޫ ރައްޔިތުން ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާ ކަމަށާއި، އަދި ދިވެހި ފުލުހުންނާއި ސިފައިންގެ މަސައްކަތަށް ހުރަސްއަޅައި ފުލުހުންނަށް ކުރިމަތިކުރުވާ ހާނިއްކަތަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށް މި ނޫސް ބަޔާނުގައިވެއެވެ. އަދި އިދިކޮޅުފަރާތްތަކުގެ މުޒާހަރާތައް ކަވަރުކުރުމަށް މަސައްކަތްކުރާ ނޫސްވެރިން ނާއި ދިމާކޮށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ނޫސްވެރިންނަށް އަނިޔާ ކުރުމަކީ މިކުރެވޭ މުޒާހަރާތަކީ ޞުލްޙަވެރި މުޒާހަރާތަކެއްނޫންކަން ކަށަވަރުވާކަމެއް ކަމަށާއި، އަދި މިމުޒާހަރާތަކުގެ ސަބަބުން ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ނުހަނުބޮޑެތި ގެއްލުންވެ މިޙަރަކާތްތަށް ހިންގޭ ސަރަޙައްދުގައި އަޅާފައިވާ އޮޑި ދޯނިފަހަރަށް ގެއްލުންވެ ރައްޔިތުންނަށާއި ސަރުކާރަށް މާލީގޮތުން ކުރިމަތިވާ ގެއްލުންތަކުގެ ޒިންމާ އިދިކޮޅުފަރާތްތަކުން އުފުލަންޖެހޭނެކަމަށް އެ ކައުންސިލުން ގަބޫލުކުރާ ކަމަށް ވެސް ތިނަދޫ ކައުންސިލްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ވެސް މާލެ އަކީ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގެ އެތަކެއް ރައްޔިތުންތަކެއް ދިރިއުޅެމުންދާ ތަނަކަށްވެފައި މާލޭގެ މަގުތަކުގައި މިހިންގާ ޖަރީމާތަކުގެ ސަބަބުން ގައުމުގެ އެއްވެސް ރައްޔިތަކަށް އަނިޔާއެއްލިބުމަކީ މިކައުންސިލުން ކުއްވެރި ކުރާނެކަމެއް ކަމަށާއި، މިހާތަނަށްވެސް އިދިކޮޅުފަރާތްތަކުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް އެކިވަރުގެ އަނިޔާ ލިބެމުންދާ ކަމަށް މި ނޫސް ބަޔާނުގައިވެއެވެ..

“ވީމާ ދިވެހިސިފައިންނަށާއި، ފުލުހުންނަށް މާލޭގެ އަމަންއަމާންކަން ބަލަހައްޓައި މާލޭގައި ދިރިއުޅޭ އެންމެހާރައްޔިތުންގެ އަމަންއަމާންކަން ކަށަވަރުކޮށް ދެއްވުން އެދި ދަންނަވަމެވެ. އަދި މާލެއަކީ އަމާންތަނަކަށް ހައްދަވައިދެއްވުމަށް ސަލާމަތީ މުއްސަސާތަކުން ކުރައްވާ މަސައްކަތްތަކަށް މިކައުންސިލުން ހިއްވަރުދީ ސާބަސްދެމެވެ.” ތިނަދޫ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

އަދި ގައުމު މިހާރު މިއޮތް ހާލަތުން ގައުމުގެ ކަންތަށް ހައްލުކުރުމަށް ރައީސުލްޖުމްހޫރުއްޔާއަށް އެއްބާރުލެއްވުންދެއްވައި އެމަނިކުފާނާއެކު މިމަސައްކަތް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނެވި ޑރ.މުހައްމަދު ވަހީދު ހަސަންމަނިކުގެ މައްޗަށް ރައްޔިތުންކުރިމަތި ކުރުވާފައި ވާ ވާޖިބަކަށް ވީހިނދު އެމަނިކުފާނުގެ އަމަލުތަށް މިދެންނެވި ގޮތަށް ނުފެނި، އެމަނިކުފާނު މީޑިޔާ މެދުވެރި ކުރައްވައި ސަރުކާރަށް ކިޔުއްވާ ފާޑުކިޔުންތައް ވެސް ތިނަދޫ ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ. މީގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު އަކީ ތިނަދޫއަށް ނިސްބަތްވާ ރައްޔިތަކަށްވާތީ އެމަނިކުފާނުގެ ޒިންމާ ފުރިހަމަގޮތުގައި އަދާނުކުރެއްވޭތީވެ މިކައުންސިލުން ހިތާމަކުރާ ކަމަށާއި، ނައިބުރައީސްގެ މަސްއޫލިއްޔަތު މިހާރައްވުރެ ރަގަޅަށް ސަރުކާރާއި ގުޅިގެން ފުރިހަމައަށް އަދާކުރެއްވުމަށް ތިނަދޫކައުންސިލުގެ ފަރާތުން ނައިބުރައީސަށް ވަނީ ގޮވާލައްވާފައެވެ..

“ޢަދުލުއިންސާފުގެ ނިޒާމް އިސްލާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިފެއްޓެވިމަސައްކަތް ހުއްޓަވާނުލައްވާ ޢަދުލުއިންސާފުގެ ނިޒާމަކީ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު އިންސާފު ލިބޭނެ ފަދަ ނިޒާމަކަށް ހައްދަވައިދެއްވުމަށް މިކައުންސިލުން ރައީސުލްޖުމަހޫރިއްޔާއަށް ގޮވާލަމެވެ. މަނިކުފާނުގެ މިމަސައްކަތުގައި ތިނަދޫކައުންސިލާއި ތިނަދޫރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އޮތްވާހަކަ ދަންނަވަމެވެ.” ތިނަދޫ ކައުންސިލުގެ ނޫސް ބަޔާނުގައި ވެއެވެ.

ގދ.ތިނަދޫ ކައުންސިލްގެ ނޫސް ބަޔާން ވިދާޅުވުމަށް މިލިންކަށް ފިއްތަވާލައްވާ