ޢަބްދުﷲ ގާޒީގެ ސުލޫކީ މިންގަނޑު ބަހައްޓަވާ ގޮތުން ހުޅުދުއްފާރުގެ ގިނަ ރައްޔިތުން ލަދުގަނެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި

އިބްރާހީމް ރާމިޒް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޢަބްދުﷲ މުޙައްމަދުގެ ސުލޫކީ މިންގަނޑު ބަހައްޓަވާ ގޮތުން ރ.ހުޅުދުއްފާރުގެ ގިނަ ރައްޔިތުންތަކެއް ތިބީ މުޖުތަމަޢުގައި ލަދުގަންނަންޖެހޭ ދަރަޖައަކަށް ވެއްޓިފައި ކަމަށް ހުޅުދުއްފާރު ކައުންސިލުން ބުނެފިއެވެ.

ހުޅުދުއްފާރު ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުންޤައުމީ ޕާޓީގެ ނައިބުރައީސް ޢަބްދުލް މަތީން ރ.ހުޅުދުއްފާރަށް ނިސްބަތްވާ ފަރުދަކަށް ވެހުރެ ދައްކަވަމުން ގެންދަވާ އިތުބާރުނުހިފޭ ބުނިބުންޏަށް ދައްކަވާ ދޮގުވާހަކަތަކުގެ ސަބަބުން ރ.ހުޅުދުއްފާރަށް އެކަމުގެ ހުތުރުނަން ރައްދުވަމުން ދާ ކަމަށާއި، އަދި ރ.ހުޅުދުއްފާރު ބަހާރުގޭ ޢަބްދުﷲ މުޙައްމަދު އިސްމަޤާމެއްގައި ހުންނަވައި އޭނާގެ ސުލޫކީ މިންގަނޑު ބަހައްޓަވާ ގޮތުން ރ.ހުޅުދުއްފާރުގެ ގިނަ ރައްޔިތުންތަކެއް ތިބީ މުޖުތަމަޢުގައި ލަދުގަންނަންޖެހޭ ދަރަޖައަކަށް ވެއްޓިފައި ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެން ކަމުން އެ ބޭފުޅުންގެ މައްސަލަތައް ބައްލަވައި، ފިޔަވަޅުއެޅުއްވުމަށް ވެސް ހުޅުދުއްފާރު ކައުންސިލުން ވަނީ ސަރުކާރަށް ގޮވާފައެވެ. އަދި ރ. ހުޅުދުއްފާރު ވަނީ މިސަރުކާރާއި އެކުގައި ކަމުގައި ކަމަށާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ނަގަހައްޓައި، ދެމެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ދިވެހި ސިފައިންގެ އެންމެ އިސްކޮމާންޑަރު ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އައްސަރިބަހާއި ސާބަސް ރައްދުކުރާ ކަމަށާއި، އެމަނިކުފާނުގެ މަސައްކަތްޕުޅަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދެއްވާ އެއްބާރުލުމަށް އެފަރާތްތަކަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށް ވެސް ހުޅުދުއްފާރު ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި އެވެ.

“ދިވެހި ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ހިންގަމުންގެންދާ ހަމަނުޖެހުންތައް އެންމެ ހަރުކަށި އިބާރާތުން މިކައުންސިލުން ކުއްވެރިކުރަމެވެ. އަދި ސަރުކާރާއި މެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްރަތު އުފެއްދުމަށް ދީނާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންގެންދާ އިތުބާރުނުހިފޭ ފިތުނަވެރި ވާހަކަތައް ހުއްޓާލުމަށް މިކައުންސިލުން ގޮވާލަމެވެ.” ހުޅުދުއްފާރު ކައުންސިލުގެ ނޫސް ބަޔާނުގައި ވެއެވެ.