މެންބަރުންގެ ޚިޔާލު: ރާއްޖޭގެ ޝަރުއީ ނިޒާމު މިއޮތީ ބަޔެއްގެ ފީކުދާނަކަށް ހަދާފައެވެ

ފުނަމާ

” ފުލުހުންގެ އެތައް ދުވަހެއްގެ މަސައްކަތުން ގިނައަދަދެއްގެ މަސްތުވާ އެއްޗިއްސާއި ، ހޯދިގޮތެއް ބުނެދޭން ނޭނގޭ އެތައް މިލިޔަން ރުފިޔާއާއި އެކު މީހަކު އަތުލައިގެންފި” މިހެން ބުނާތާ 24 ގަޑިއިރު ނުވަނީސް ދެންއިވެނީ، ” ކުރިމިނަލް ކޯޓުން އެމީހާ ބަންދުގައި ބެހެއްޓުމުގެ މުއްދަތު އިތުރު ނުކޮށްދިން ” ވާހަކައެވެ. ނޫނީ ފުލުހުންގެ ތަހުގީގު ނިންމައި ފޮރިންސިކް އެވިޑެންސްއާއި އެކު ހުށައެޅުނު މައްސަލަ އެބުނާ ކާފީ ހެއްކެއް ނެތޭ ބުނެ ކުށުގެ ތުހުމަތުގައި ބަންދު ކުރެވުނު މީހާ ދޫކޮށްލާ ވާހަކައެވެ.

ސުލްހަވެރި މުޒާހަރާއެއްގައި ބަޔަކު މަގުމަތީން ހިނގަމުން ގެންދިޔައިރު ކުޅިބަލާން ހުރި ޒުވާނެއްގެ ބޮލުގައި ލަކުޑި ބެރިޔަކުން ޖަހައި ކޯމާއަށް ދުއްވާލުމުން ފުލުހުން ހައްޔަރުކުރި މީހާއަކީ ކުރީންވެސް އިނގިރޭސި ވިލާތުގައިވެސް މީހެއްގެ މަރުގެ މައްސަލައެއްގައި ތުހުމަތުގެ އިނގިލި ދިއްކުރެވޭ މީހެއްކަމަކު ކުރީގެ ރައީސެއްްގެ ދަރިޔަކަށް ވީތީވެ ފުލުހުން ތަހުގީގަށް މީހުން ހައްޔަރު ކޮށްގެން ގެންގުޅުމަށް ގާނޫނުން ހުއްދަ ކޮށްފައިވާ 24 ގަޑިއިރުވެސް ހަމަނުވަނީސް ފުލުހުންނަށް އަމުރު ކޮށްގެން ކޯޓަށް ގެންގޮސް އެމީހާ ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމުގައި ބުނެ ދޫކޮށްލިއިރު ހަމަ އެކަމުގެ ތެރޭގައި ގެންދެވުނު އެހެންމީހުން ނުވަތަ މީހަކުގެ ބަންދުގެ މުއްދަތު އިތުރުކޮށް ކުރީން ފުލުހުން ހައްޔަރުކުރި ކުރުމަކީވެސް ހުއްދަ ކަމެއް ކަމުގައި ނިންމާލިއެވެ. އިންސާފު އޮތީ ކޮންތާކު ހެއްޔެވެ؟

ކުރީގެ ސަރުކާރުގައި ދައުލަތުގެ ގިނައަދަދެއްގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުން ކުރިކަމުގައި ތުހުމަތު ކުރެވި ޝަރީއަތަށް ހުށައެޅުނު ކުރީގެ ރައީސްގެ ކޮއްކޮ ޝަރީއަތްކޮށް ނިންމުމަށްފަހު ހުކުމަކާ ހަމަޔަށް ނުގޮސް ދެއަހަރާ ކައިރިވީއިރު ، ގާފަރާ ކާށިދޫގެ ރައްޔިތުންގެ ހައްގުތައް ކަތިލައި އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދަމާގެންގޮސް ހުކުމް އިއްވާލައި އޭނާއަށް ލިބިއޮތް އިސްތިއުނާފުގެ ފުރުސަތު ދިގުދަންމައި އެގޮނޑި މަޖިލީހުގައި ހުސްކޮށް ބަހައްޓައިގެން އެރައްޔިތުންގެ ހައްގަށް އުނިކަން ގެންސްފައި މިވަނީ ކިހިނެއް ކޮންގޮތަކުންކަން އެބައެނގޭ ހެއްޔެވެ؟ މިކަމާ ކަންބޮޑުވާ އެއްވެސް މުސްތަގިއްލު މުއައްސަސާއެއް މިގައުމުގައި އެބަހުރި ހެއްޔެވެ؟

ނިކަމެތި މީހެއްގެ މައްސަލައެއް ކޯޓަށް ދިއުމާއެކު ކޯޓުތަކުން ތެޅިގަނެ އަވަހަށް ނިޔާކަނޑަ އަޅާލައި ނިންމާއިރު މުއްސަނދި މަހުޖަނުންގެ މައްޗަށް ނުވަތަ މަސްތުވާ ތަކެތީގެ ބޮޑެތި މައްސަލަ ތަކުގައި ތުހުމަތު ތަކުގައި އަތުލައިގަނެވޭ ބޮޑެތި ކުށްވެރީން އެއްދޮރުން ވަށްދައި އަނެއް ދޮރުން ނުކުމެވޭނެ ފުރުސަތު އެލިބިދެނީ ކިހިނަކުންކަން ބުނެދެވިދާނެ ހެއްޔެވެ؟ ހިއުމަން ރައިޓްސް ކޮމިޝަންއާއި ، ޕުރޮސިކިއުޓަރ ޖެނަރަލް ތިބީ މަސްވެފައިވާ ހާލުގައި ހެއްޔެވެ؟ މިވެސް ދިވެހި ރައްޔިތުންގެ ސުވާލުތަކެކެވެ. މިއަޑު އަހާނެ ކަންފަތެއް މިގައުމުގެ އެބުނާ މުސްތަގިއްލު މުއައްސަސާ ތަކުގައި ނެތީކީއްވެ ހެއްޔެވެ؟

މިގައުމުގެ ރައްޔިތުން ވެރިކަމާ މަތިކުރި ސަރުކާރާއި އެސަރުކާރު ހިންގަމުން ގެންދާ ޕާޓީގައި ތިބި ސައްޚަ މެންބަރުންނާއި އެެމީހުންނަށް ތާއީދު ކުރާހާ ބަޔަކީ ހަރުބިއްޔަ ކާފަރުންނޭ ގޮވައި ނަގާއިރު އެބުނާ ފަތާސީރު ޕުރޮސިކިއުޓަރ ޖެނެރަލްއާއި އުއްތަމަ ފަނޑިޔާރު ކޮބައި ހެއްޔެވެ؟ ދުލުގައި ތަޅުއަޅުވައިގެން އެތިބީ ކީއްވެފައި ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކީ ރައްޔިތުންގެ ތެރެއިން ހިމެނޭ ފަސްހާހެއްހާ މީހުން ނުވަތަ އެއަށްވުރެ މަދު ބައެއްގެ ވޯޓުން ހޮވިގެން ތިބޭ ބައެކެވެ. ގައުމުގެ ވަލީއުލް އަމުރަކީ ފެންއިސްކުރެއްގެ ކައިރިއަށް ފެންބަލައިގޮސް ކިޔޫ އެއްގައި ތިބި ވިއްސަކަށް މީހުން އިސްކުރި މީހެއް ނޫންކަމާ އެއީ މުޅިގައުމުގެ އެންމެހައި ރައްޔިތުންގެ ވޯޓަކުން ހޮވާ މީހެއްކަން ނޭނގި ދެބަންދިހާރުވެފައި އެތިބަ ބައެއް ފަނޑިޔާރުންނަށް އެމީހުންނަކީ ރައްޔިތުންގެ އެންމެ ވޯޓެއްވެސް ނުލިބި އެމަގާމުތަކަށް އިސްކުރެވޭ ބައެއްކަން ނޭނގޭހާ އެމީހުން ތަސައްރަފު ނުފުދޭނަމަ އިސްލާމީ ޝަރީއަތަށް ކުރަފި އަރުވަން އެމީހުން އެގޮނޑިތަކުގައި އެބައިތިއްބަނީ ކީއްވެ ހެއްޔެވެ؟

މިހުރިހައި ކަމެއްގެ މުގުލުގައި ހުރިކަމުގައި ބުނެވޭ އަދި، އޭނާގެ މަށްޗަށް ފަނޑިޔާރުންގެ ބެލެނިވެރި ފަރާތުން ސުލޫކީ މިންގަނޑު ތަކާއި ޚިލާފުވެއްޖެ ކަމުގައި ބުނެފައިވާ މީހަކު އެބުނާ ސުލޫކެއް ބުޑުދަށަށް ލައިގެން އަރައި ފަނޑިޔާރެއްގެ ގޮނޑީގައި ވެޑުވިއިނދެ ހިތުހުރި ގޮތަކަށް ހުކުމްކުރާން އިންނައިރު މުސްތަގިއްލު މުއައްސަސާތަކުގެ ދެލޯ ސަލާމަތުން އެބަހުރި ހެއްޔެވެ؟ މިގައުމުގައި ފުލުހުން ބޮޑެތި ކުށްތަކުގެ ތުހުމަތުގައި އަތުލައި ގަންނަ ކޮންމެ މީހެއްގެ އަތުން ޖީބުފުރައިގެން އެއުޅޭ ފުންނާބު ދިގުވަކީލުން ނުކުމެ އެބުނާ އަބުޅޯ ގާޒީ ގަދަފައި ވިއްދައި ދޫކޮށްލި ނުރައްކާތެރި ކުށްވެރިއަކު ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް މަރާލި ޒުވާނާގެ ފުރާރަ އަނބުރައި އަތުލައި ދީބަލާށެވެ.

ދިވެހިބައްރުގައި ހިނގަންޏާ ހިނގާހާ ކަމެއް ބަލައި ހެދުމުގެ ބެލެނިވެރިކަން ގާނޫނުއަސާސީން މަތިކޮށްފައިވާ މިގައުމުގެ ވަލީއުލް އަމްރު ހުންނާންވީ މިވަކީލުންނާއި އެފަނޑިޔާރުން އެޖަހާ ސަކަރާތް ނުފެންނަ ކަމުގައި ހަދައިގެން ދެމިޔަކަނުން ހީލަހީލައި އެތިބޭ މުސްތަގިއްލު މުއައްސަސާ ތަކުގެ މީހުން އެތިބޭ ގޮތަށް ހެއްޔެވެ؟ ވެރިކަންކުރާ ޕާޓީ އޮންނާންވީ ބަހެއް ނުބުނެ ޕެރަލައިޒް ވެފައި ހެއްޔެވެ؟ މިއީ އަޖާއިބު އަންތަރީސްވާ ވަރުގެ ކަމެކެވެ. އެޕާޓީއަކުން މިގައުމުގެ ވެރިކަމަށް ނެރުނު މީހަކު ރައްޔިތުން ބަލައިގަނެ ވެރިކަމާ މަތިކުރުމުން އެޕާޓީގެ ދައުރު ނިމުނީ ހެއްޔެވެ؟ މެންބަރުންގެ ޒިންމާ އަދާކޮށް ނިމުނީ ހެއްޔެވެ؟ ވެރިކަންކުރާ ޕާޓީގެ އެންމެންނަކީ ކާފަރުން ކަމުގައި ގައިން ތާހިރުނުވެ ހިނެއިން ނުކަނޑާ ގަބުރުމަތީގައި ނަމާދުކުރާ ބަޔަކު ނުކުމެ ގޮވާނަގާއިރު އެމީހުންގެ ގިބުލަ ކަމުގައި ބަލައިގެން އެއުޅޭ ކުރީގެ ރައީސް އާއި އޭނާގެ އާއިލާގައި ހިމެނޭ ބޮޑެތި ވަގުން ކަމުގައި ތުހުމަތު ކުރެވޭ މީހުން ނުކުމެ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ފާޅުގައި ރިޝްވަތު ދޭނެކަމުގައި ބުނެ ގާނޫނީ ސަރުކާރު ވަށްޓާލަން ގޮވާއިރުވެސް މިތަން ބަލަން ތިބޭންވީ ހެއްޔެވެ؟

މިހުރިހައި ގަޑުބަޑެއް އުފައްދާއިރު ދުވާލުގަޑީގައި ކޯޓުތަކުގެ ހިންގުން ހުއްޓުމަށް ގެނެސްފައި ރޭގަނޑުގެ އިރުއަރާންދެން ރާއްޖޭގެ ހުރިހައި ކޯޓުތަކެއްގެ ފަނޑިޔާރުން އެތިބެނީ ފަހެ ކީއްވެބާވައެވެ. ސަރުކާރު ވަށްޓާލުމަކީ ޝަރުއީ ނިޒާމުގެ މެންޑޭޓު ކަމުގައި ހަމައެކަނި ވާތީ ހެއްޔެވެ؟ ނޫނީ ދައުލަތުން އެފަނޑިޔާރުންނަށްދޭ މުސާރައަށްވުރެ އިދިކޮޅު ފަރާތްތަކުންދޭނެ ކަމުގައި އެބުނާ ފައިސާގަނޑު މާއިތުރު ކަމުން ގުނބޯލުންހެން އެމީހުން ހަދާނެހާ އެއްޗެއް ހަދާން ދޫކޮށްލައިގެން ތިބެނީ ހެއްޔެވެ؟ މިއަދު މިގައުމުގައި ކަންކަން މިހިނގަމުން ދާގޮތަށް ބަލާލާއިރު ރާއްޖޭގެ ޝަރުއީ ނިޒާމު މިއޮތީ އިދިކޮޅު ފަރާތްތަކުގެ ފީކުދާނަކަށް ހަދާފައި ކަމުގައި ބުނާނެ ޖާގައެބައޮތެވެ. އެހެންކަމުން ވަގުތުން ވަގުތަށް ، އޮތިއްޔާ އޮތް ބާރެއްގެ ބޭނުން ކޮށްގެން ޝަރުއީ ނިޒާމު ހަމަޔަށް އެޅުވުމަށް މިގައުމުގެ ވަލީއުލް އަމްރަށް އިލްތިމާސްކޮށް ދަންނަވަމެވެ. މިހާރު މިއޮތްގޮތަށް މިގައުމުގެ ޝަރުއީ ނިޒާމު ދޫކޮށްލާފައި ބޭއްވުމަށްވުރެ ބޮޑު މަލާމާތެއް އިސްލާމް ދީނަކަށް ގައިމުވެސް ނުކުރެވޭނެއެވެ. މިގައުމުގައި އިސްލާމްދީން ހިމާޔަތްކޮށް އިސްލާމީ ޝަރީއަތުގެ އިންސާފު ގާއިމްކުރާން ބޭނުންނަމަ އަވަހަށް ޝަރުއީ ނިޒާމު އިޔަހޫދީ ސިކުނޑިތަކުގެ ވެރީންގެ ކިބައިން ސަލާމަތް ކޮށްދެއްވާށެވެ.