އިބްރާހީމް ރާމިޒް
މިއަދު މެންދުރުފަހު 3.30 ގައި ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓްށް ދެމައްސަލައެއް ހުށަހަޅުއްވާނޭ ކަމަށާއި އެދެ މައްސަލައަށް ސްޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އެމްޑީޕީގެ މެންބަރުން ކޯޓުކައިރީގައި މަޑުކޮށްގެން ތިބޭނޭ ކަމަށް އެމްޑީޕީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލްހާން ވިދާޅުވީ ޢަބްދުﷲގާޒީ ފުލުސް އޮފީހަށް ހާޒިރު ވުމަށް ފޮނުވުނު ޗިޓަކާއި ގުޅިގެން، ހައިކޯޓުން އެ ޗިޓަށް ހާޒިރުވުން ހުއްޓުވައި، އަނެއްކާ އެއާއި ބެހޭގޮތުން ޝަރީޢަތްކޮށް، ދަންވަރު ހޭލާތިބެ ޢަމަލުކުރިގޮތަކީ މިދައުލަތުގެ ގާނޫނުއަސާސީ އާއި ހިލާފް ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށައަޅާ މައްސަލައާއި ޖުޑިޝަލް ސާވިސް ކޮމިޝަނުން އަބްދުﷲ ގާޒީ އާއި ދޭތެރޭ ފިޔަވަޅެއް އަޅަން ނިންމާފައިވާނަމަ އެފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހަޅާ މައްސަލައެއް މިއަދު ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ވަޑައިގަތުމުން އުއްތަމަ ފަނޑިޔާރު އަލްހާން އާ ބައްދަލުކޮށްފައިނުވާ ކަމަށާއި، އެހެން ކަމުން އަނެއްކާ ވެސް މިއަދު މެންދުރުފަހު 3.30 ގައި އެ ދެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާނޭ ކަމަށް އަލްހާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަލްހާން ވިދާޅުވީ ރޭގަނޑު ދަންވަރު ވެސް ޝާހީން ހަމީދުއާއި އާޒިމާ ޝުކޫރު އަށް އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރެއްވޭ ކަމަށާއި، އެ ގޮތަށް ރޭގަނޑު ދަންވަރެއް، ފަތިހެއް ބެލުމެއް ނެތި ސިޔާސީ މަސްލަޙަތުހުރި ވަކި ފަރާތްތަކެއްގެ މައްސަލަ ބަލާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި، ޙުކުމްކުރެއްވުމުގައި އިންސާފްވެރިވާން ޖެހޭ ކަމަށް އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ޢަބްދުﷲ ގާޒީގެ ސަބަބުން މުޅި ނިޒާމް ހަލާކުވެގެން ދާއިރު، މި ކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށާއި، މިއަދު ހުށަހަޅާ ދެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެމްޑީޕީގެ މެންބަރުން ސްޕްރީމް ކޯޓު ދޮށުގައި ތިބޭނޭ ކަމަށް އަލްހާން ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލްހާންގެ ވަކީލު އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މުޤައްރިެު އަޙުމަދު ޢަބްދުﷲ ޢަފީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.