މިއީ ހިއްވަރުގަދަ ކުރަންވީ ވަގުތު – މާރިޔާ ދީދީ

އިބްރާހީމް ރާމިޒް

އަދުލު އިންސާފުގެ ދާއިރާ މިނިވަން ކުރުމަށް އެމްޑީޕީން ކުރި މަސައްކަތް އަދި ވަނީ ނާކާމިޔާބު ވެފައި ކަމަށާއި، މިއީ އެ މަސައްކަތުގައި ހިއްވަރުގަދަކުރަންވީ ވަގުތު ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންކަން ވެސް ކުރެއްވި މާރިޔާ ވިދާޅުވީ ކާމިޔާބީގައި ހިއްތިރިކުރުމަށާއި، ނާކާމިޔާބީގައި ހިއްވަރުގަދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ވަރަށް ޙިކުމަތްތެރި ބަސްފުޅެއް ކަމަށާއި، އަދުލުއިންސާފްގެ ދާއިރާ މިނިވަންކުރުމަށް 3 އަހަރު ވަންދެން އެމްޑީޕީން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށާއި، އެހެން ކަމުން މިއީ ހިއްވަރުގަދަ ކުރަންވީ ވަގުތު ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އިއްޔެގެ އެއްވުމުގައި އެމްޑީޕީގެ ސްޕޯކްޕާސަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅު އެމްޑީޕީން ޚިޔާލުފާޅުކުރުމަކަށް ހުރަހެއް ނާޅާނޭ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީއާއި ސަރުކާރާއި ދިމާލަށް ވެސް އަދި އެއްވެސް މުސްލިމަކާއި ދިމާލަށް ކާފަރެކޭ ނުވަތަ ލާދީނީ އޭ ނުކިޔޭނޭ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

މި އެއްވުމުގައި، އެމްޑީޕީގެ ރީނދޫ ޕޯޑިއަމެއްގައި މުޅިން އަލަށް ވާހަކަދެއްކެވި، ޖޭއެސްސީގެ ކުރީގެ މެންބަރު ޢައިޝަތު ވެލެޒިނީ ވިދާޅުވީ ފަނޑިޔާރުގެ މިނިވަން ކުރުމަށް އޭނާ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުންނަވާނޭ ކަމަށާއި، އޭނާ ހުންނެވީ ވަރަށް ގިނަ ހެއްކާއި ޤަރީނާއާއި އެކީގައި ކަމަށް ވިދާޅުވިއެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ޝަރުއީ ދާއިރާގެ ޙުކުމްތައް އިއްވަނީ އަކުންބަކުން ކުޅޭ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން ލީޑަރުން ގޭގައި ފިލާ ތިބެ މަގުމައްޗަށް ނެރުނީ އިލްހާމާއި މަހްލޫފް އާއި އުމަރު ނަސީރު ފަދަ ދެތިން ކުދިން ކަމަށް ވިދާޅުވި އެވެ.

މި އެއްވުމުގައި ވާހަކަދެއްކެވި ޔޫތު މިނިސްޓަރ ޙަސަން ލަތީފް ވިދާޅުވީ ސަރުކާރުން މުސާރަދީގެން ފާދިރީން ގެންގުޅޭ ކަމަށް ބުނެ ވާހަކަ ދައްކާނަމަ އެ ވާހަކަތައް ދައްކާ މީހުންނާ ދެކޮޅަށް ދައުވާކުރައްވާނޭ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ދީނުގެ ވާހަކަ ދައްކަނީ އެމްޑީޕީގެ ސަރުކާރުން ވައުދުތައް ފުއްދާތީ ދައްކާނެ އިތުރު ވާހަކައެއް ނެތިގެން ކަމަށެވެ.

އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވީ ކޯޓުތަކުން ހަމައާއި އިންސާފާއެކު ޝަރީޢަތްކުރާނޭ ކަމުގެ ޔަގީންކަން ނުލިބެނީސް ޢަބްދުﷲ ގާޒީ ހުންނާނީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި މިއަދު ސްޕްރީމް ކޯޓަށް 2 މައްސަލައެއް ވައްދަވާނޭ ކަމަށް ވެސް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަލްހާން ވިދާޅުވިއެވެ.

އިއްޔެ އެމްޑީޕީން ބޭއްވި އެއްވުން ނިންމާލިއިރު ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ސުނާމީ ބިނާ ސަރަހައްދަށް އެއްވެފައިވާކަން ފާހަގަކުރެވުނެވެ.