މިއީ ޣައިރު ގާނޫނީ އެއްވެސް ކަމަކަށް ބާރުދޭނެ ޕާޓީއެއް ނޫން، ސަރުކާރެއް ވެސް ނޫން. އަޅުގަނޑަކީ އެފަދަ މީހެއް ނޫން – ރައީސުލްޖުމްހޫރިއްޔާ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ޣައިރު ގާނޫނީ އެއްވެސް ކަމަކަށް ބާރުދޭނެ ޕާޓީއެއް ނޫން ކަމަށާއި، މި ސަރުކާރަކީ ވެސް އެފަދަ ކަމަކަށް ބާރުދޭނޭ ސަރުކާރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ “ތިޔަހެނެއް ނުކިޔޭނެ” ސިލްސިލާގެ ސުލްހަވެރި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވީ 2009 ވަނަ އަހަރުންގެ ފެށިގެން ބައެއް ފަނޑިޔާރުންނާ ގުޅޭގޮތުން ޚުދު އެމަނިކުފާނުވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެތައް ފަހަރަކު ސިޓީ ފޮނުއްވައި ފިޔަވަޅުއަޅައިދިނުމަށް އެދިވަޑައިގަންނަވަމުން ގެންދެވި ކަމަށާއި، ނަމަވެސް ދާދި އިހަކަށް ދުވަހާ ޖެހެންދެން ވެސް އެ ކޮމިޝަނުން އޮތީ ސަރުކާރުގެ ހުށަހެޅުންތަކަށް އެއްގޮތަކަށް ވެސް އަޅާނުލާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް ދާދި ފަހުން ކޮމިޝަނުން ބައެއް ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމަށް ނިންމުމުން އަނެއްކާވެސް އެހެން ފަނޑިޔާރަކު ޖޭއެސްސީގެ މައްޗަށް ބަސްބުނެފައިވާ ކަމަށެވެ.

“އަޅުގަނޑަށް ފެންނަ ގޮތުގައި އެ ބަސް ބުނާންވީ ފަނޑިޔާރެއް ނޫން. ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން އަޅުގަނޑު. އަޅުގަނޑު އަޅާފައިވާ ފިޔަވަޅަކީ އެއްވެސް މީހަކަށް ދެރައެއް ދިނުމަށް އަޅާފައިވާ ފިޔަވަޅެއް ނޫން. މިއީ ޣައިރު ގާނޫނީ އެއްވެސް ކަމަކަށް ބާރުދޭނެ ޕާޓީއެއް ވެސް ނޫން، ސަރުކާރެއް ވެސް ނޫން. އަޅުގަނޑަކީ އެފަދަ މީހެއް ނޫން.” އެމްޑީޕީގެ އެތައްހާސް ސަޕޯޓަރުންނާއި މުޚާޠަބުކުރައްވައި، ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންތިގާލީ ސުޕްރީމް ކޯޓު ބަންދުކުރީ ގާނޫނު އަސާސީގައިވާ ގޮތަށް ފަނޑިޔާރުގެ ކަނޑައެޅުމުގެ ފުރުސަތު ގެއްލުމުން ކަމަށާއި، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނީ ސާބިތުކަމާ އެކީގައި ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއިރެއްގައި ކުރައްވަން ޖެހިވަޑައިގެންނެވި ކަމެއް ކުރައްވާނޭ ކަމަށާއި، ނިންމަވަން ޖެހުނު ކަމެއް ނިންމަވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ޝަރީއަތުގެ ނިޒާމް އުފެއްދުމަށް ހާއްސަ އިޖުރާއަތުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، ފަނޑިޔާރުގެތަކުގައި ތިބެން ޖެހެނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޝަރުތު ހަމަވާ ބައެއް ކަމަށާއި، 2010 ވަނަ އަހަރުގެ މޭ 11 ވަނަ ދުވަހު ފެނުނީ ޖޭއެސްސީން ކަނޑައެޅި އުސޫލްތަކެއްގެ މައްޗަށް ފަނޑިޔާރުން ހުވާކުރެއްވި އިރު، އެ ބޭފުޅުންނަކީ ގާނޫނީ ޝަރުތު ހަމަވާ ބައެއްތޯ ނުބަލާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭރު ވެސް ޖޭއެސްސީގެ މެންބަރު ވެލެޒިނީ ގެންދެވީ އެކަމާ ދެކޮޅަށް އިޙްތިޖާޖްކުރައްވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

” އަޅުގަނޑު ޖޭއެސްސީ އަށް ސިޓީއެއް ފޮނުވާފައި ދެންނެވިން، ތި ކަނޑައެޅުއްވި ސުލޫކީ މިންގަނޑުތަކަކީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅި މިންގަނޑުތަކެއް ނޫން ކަމަށް. ނަމަވެސް ފަނޑިޔާރުން ހުވާކުރެއްވީ. ހުވާކުރެއްވި ފަނޑިޔާރުންގެ ތެރޭގައި މިހާރު މި މައްސަލަ ޖެހިގެން އުޅޭ ފަނޑިޔާރު (އަބްދުﷲ ގާޒީ) ވެސް ހިމެނޭ.” ރައީސް ވިދާޅުވިއެވެ.

އިއްޔެ އެމްޑީޕީން ބޭއްވި އެއްވުމަކީ އަދުލު އިންސާފްގެ ދާއިރާ މިނިވަންކުރުމަށާއި، ޢަބްދުﷲ ޤާޒީ ދޫކޮށް ނުލުމަށާއި، ސަރުކާރާއި އެމްޑީޕީއާ މެދު ދީން ހަތިޔާރަކަށް ހަދައިގެން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަތުރަމުންދާ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމަށް ގޮވާލައި އެމްޑީޕީން ބޭއްވި މުޒާހަރާއެކެވެ. އަދި މިއަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އިތުރު އެއްވުމެއް އޮންނާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު އިޢުލާންކުރެއްވިއެވެ.