އެމްޑީޕީގެ ސުލްހަވެރި އެއްވުމުގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ

އިބްރާހީމް ރާމިޒް

dsc_0008އެމްޑީޕީގެ އެއްވުމުގެ ތެރެއިން .. ފޮޓޯ:އަނދާ

18:16: އަލްހާން ވާހަކަދައްކަވާ ނިމުމުން އެއްވުން ސުލްހަވެރިކަމާއެކު ނިންމާލައިފި. އަލްހާނުގެ ވާހަކަފުޅުގައި ކޯޓުތަކުން ހަމައާއި އިންސާފާއެކު ޝަރީޢަތްކުރާނޭ ކަމުގެ ޔަގީންކަން ނުލިބެނީސް ޢަބްދުﷲ ގާޒީ ހުންނާނީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށް ވިދާޅުވި. އަދި މާދަމާ ސްޕްރީމް ކޯޓަށް 2 މައްސަލައެއް ވައްދަވާނޭ ކަމަށް ވެސް އަލްހާން ވިދާޅުވި

18:07: މިހާރު ވާހަކަ ދައްކަވަނީ އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ

17:55: މިހާރު ވާހަކަފުޅު ދައްކަވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ. ސަރުކާރުގެ ވާޖިބުތަކަށް ޝަރުޢީ ދާއިރާއިން ހުރަސްއަޅާ ކަމަށް މާރިޔާ ވިދާޅުވި

17:52: އަދިވެސް ވާހަކަފުޅުދައްކަވަމުން ގެންދަވަނީ ރައީސް ނަޝީދު. އެމަނިކުފާނު ރައީސް ކަމުގައި ހުންނެވިހާ ދުވަހަކު ޝަރުޢީ ދާއިރާ އިސްލާހުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމުގައި ވިދާޅުވި. އަދި ގައުމުތަކުގެ އިންތިޤާލީ މަރުހަލާގައި މިލިޓަރީ ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަމަށާއި، އެ ގޮތުން ދެކުނު ކޮރެއާ މިސާލަކަށް ނެންގެވި. “ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން އަޅުގަނޑު. އަޅުގަނޑު އަޅާފައިވާ ފިޔަވަޅަކީ އެއްވެސް މީހަކަށް ދެރައެއް ދިނުމަށް އަޅާފައިވާ ފިޔަވަޅެއް ނޫން. މިއީ ޣައިރު ގާނޫނީ އެއްވެސް ކަމަކަށް ބާރުދޭނެ ޕާޓީއެއް ވެސް ނޫން، ސަރުކާރެއް ވެސް ނޫން. އަޅުގަނޑަކީ އެފަދަ މީހެއް ނޫން. ” ރައީސް ވިދާޅުވި

17:42: މިހާރު ވާހަކަދައްކަވަމުން ގެންދަވަނީ އެމްޑީޕީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު. އެމަނިކުފާނަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމަށާއި، އެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނީ ސާބިތުކަމާ އެކީގައި ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކީގައި ކަމަށާއި، އެއިރެއްގައި ކުރަން ޖެހުނު ކަމެއް ކުރައްވައި ނިންމަންޖެހުނު ކަމެއް ނިންމަވާނޭ ކަމަށް ރައީސް ވިދާޅުވި، .

17:40: އެއްވުމުގައި އެތައް ހާސް ބަޔަކު މިހާރު ބައިވެރިވެއްޖެ. މުޅި ސުނާމީ ބިނާ ސަރަހައްދު އޮތީ ރީނދޫ ބެނާތަކާއި އެމްޑީޕީގެ ދިދަތައް ހިފައިގެން ތިބި އެކި އުމުރު ފުރައިގެ މީހުންތަކުން ތޮއްޖެހިފަ

17:35: މިހާރު ވާހަކަ ދައްކަވަމުން ގެންދަވަނީ ޔޫތު މިނިސްޓަރ ޙަސަން ލަތީފް.
މިނިސްޓަރ ވިދާޅުވީ އެމަނިކުފާނަކީ މާލޭ ބޭފުޅެއް ކަމަށާއި، ގޭގެ ބިއްލޫރި ތަޅާލިޔަސް ނިދިކުރައްވާނޭ ތަންތަން މަދު ނޫން ކަމަށް. އަދި އަޒުމަކަށް ވެސް ބަދަލެއް ނާންނަ ކަމަށް. ސަރުކާރުން މުސާރަދީގެން ފާދިރީން ގެންގުޅޭ ކަމަށް ބުނެ ވާހަކަ ދައްކާނަމަ އެ ވާހަކަތައް ދައްކާ މީހުންނާ ދެކޮޅަށް ދައުވާކުރައްވާނޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި. އަދި އިދިކޮޅު ފަރާތްތަކުން ދީނުގެ ވާހަކަ ދައްކަނީ އެމްޑީޕީގެ ސަރުކާރުން ވައުދުތައް ފުއްދާތީ ދާއްކާނެ އިތުރު ވާހަކައެއް ނެތިގެން ކަމަށް ވެސް މިނިސްޓަރ ޙަސަން ލަތީފް ވިދާޅުވި..

17:10: މިހާރު ވާހަކަދައްކަވަނީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު. އޭނާ ވިދާޅުވީ ޝަރުއީ ދާއިރާ އަކީ އަކުންބަކުން ކުޅޭ ދާއިރައެއް ކަމަށް. އިދިކޮޅު ފަރާތްތަކުން ލީޑަރުން ގޭގައި ފިލާ ތިބެ މަގުމައްޗަށް ނެރުނީ އިލްހާމާއި މަހްލޫފް ފަދަ ދެތިން ކުދިން ކަމަށް ވިދާޅުވި. އަދި ނޫސްވެރިން ވެސް ސިޔާސީ ނުވުމަށް އަލީ ވަހީދު ގޮވާލެއްވި. ސިޔާސީ ވާން ބޭނުންނަމަ ނޫސްވެރިކަން ދޫކޮށްލުމަށް ފަހު އައުމުން އެމްޑީޕީގައި ދެމިތިބެންޖެހޭ ސަބަބު ވަރަށް ސާފުކޮށް ކިޔައިދެއްވާނޭ ކަމަށް އަލީ ވަހީދު ވިދާޅުވި

17:00: މިހާރު ވާހަކަދައްކަވަމުން ގެންދަވަނީ ޖޭއެސްސީގެ ކުރީގެ މެންބަރު ޢައިޝަތު ވެލެޒިނީ. ވެލެޒިނީ ވިދާޅުވީ ފަނޑިޔާރުގެ މިނިވަން ކުރުމަށް އޭނާ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުންނަވާނޭ ކަމަށް. މީގެ ކުރިން ވާހަކަދެއްކެވި އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި). އިންތި ވިދާޅުވީ އެމްޑީޕީން ޚިޔާލުފާޅުކުރުމަކަށް ހުރަހެއް ނާޅާނޭ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީއާއި ސަރުކާރާއި ދިމާލަށް ވެސް އަދި އެއްވެސް މުސްލިމަކާއި ދިމާލަށް ކާފަރެކޭ ނުވަތަ ލާދީނީ އޭ ނުކިޔޭނޭ ކަމަށް.

16:50 ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސުލްހަވެރި އެއްވުމެއް ސުނާމީ ބިނާ ސަރަހައްދުގައި ފަށައިފި. މި އެއްވުމުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވޭ. ރައީސް ނަޝީދު ވެސް މިހާރު ވަނީ އެއްވުމަށް ވަޑައިގެންފައި

ފޮޓޯ: އަނދާ