ނޫސް ބަޔާން: އެމްޑީޕީ އިހަވަންދޫ ދާއިރާގެ ނޫސް ބަޔާން

mdp-logo

މިހާރަކަށް އައިސް މާލެ ތެރޭގައި ފަސާދަކުރުމަށްޓަކައި ބައެއްގެ ޙިލަތްތެރި ރޭވުމުގެ ދަށުން ހިންގަމުން ގެންދާ ޣައިރު ޤާނޫނީ އެއްވުންތައް މި ދާއިރާއިން ކުށްވެރިކޮށް، އެކަން ހުއްޓާލުމަށް އެންމެ ހަރުކަށި އިބާރާތުން ގޮވާލަމެވެ.

މި ގައުމުގެ އިސްވެރިޔާ މި ރާއްޖޭގެ ރައްޔިތުން ޑިމޮކްރަސީއަށް ފައްކާކޮށް، އިހު ލިބެންނެތް އިންސާނީ އަސާސްތައް ލިއްބައިދީ، ވެފައިވާ ވައުދުތައް ފުއްދައިދިނުމުގެ އިތުރުން މިވީ މަދު ދުވަސްކޮޅު ތެރޭގައި ރާއްޖޭގެ ރަށްތަކަށް ގެނުވި ތަރައްޤީގެ ބޮޑު މަންޒަރުތައް ފެނުންމިވީ، ވެރިކަމަށް ބޫތުކައިގެން ނުކުމެތިބި، އިދިކޮޅު ފަރާތްތަކުގެ ހިތްތަކަށް ކެތްނުކުރެވިގެން ދިޔަ ކަމެއް ކަމުގައެވެ.

މިހެން މިކަން ހިނގަ ހިނގައި އޮއްވައި، އިދިކޮޅު ފަރާތްތަކުން މި ރާއްޖެ ފަސާދަކުރުމަށް މާތްވެގެންވާ އިސްލާމްދީން ހިތުހުރި ގޮތަކަށް ހަތިޔާރެއް ކަމުގައި ބޭނުންކޮށް، ރައްޔިތުންގެ ލޯމައްޗަށް ތަމްސީލް ކުޅެ، ރޯ ބުހުތާނު މަންޒަރުދައްކައި، ދުނިޔެއަށް ރާއްޖެ ބޭޒާރުކޮށް، ގާނޫނު ފުރަގަހުން މާނަކޮށްގެން ޝަރުޢީ ނިޒާމް ފުނޑު ފުނޑުކޮށްލުމާއެކު، ރިޝްވަތުގެ ހުތުރު ފައިސާ ނަގައިގެން އެ މީހުން ބޭނުންވާ ގޮތަށް މައްސަލަތައް ނިންމައި، ދަޢުލަތުގެ މުދަލަށާއި، ޢާންމު ރައްޔިތުންނަށް ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އެކިވަރުގެ ގެއްލުންތައް ދެމުން ގެންދިއުމީ ރާއްޖޭގެ ރައްޔިތުން ވެސް އަދި މި ތިލަދުންމތީ ރައްޔިތުން ވެސް ދުވަހަކުވެސް ބޭނުންވާނޭ ކަމެއް ނޫނެވެ.

ކަންމިހެން އޮތުމާއި އެކު، ޝަރުޢީ ނިޒާމް ހަމަ މަގަށް އެޅުވުމަށްޓަކައި އެޅެންހުރި އެންމެހާ ފިޔަވަޅުތައް އަޅައިދެއްވައި، ދިވެހިރައްޔިތުންނަށް ޝަރީޢަތުގެ އިތުބާރު ހޯއްދަވައިދެއްވުމަކީ މަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމުގައި މި ދާއިރާގެ އެމްޑީޕީ މެންބަރުން ޤަބޫލުކުރަމެވެ.

މި ތިލަދުންމަތިން މަނިކުފާނަށް ހިއްވަރުދެމުން، ޤާނޫނީ ގޮތުން ލިބިފައިވާ އެންމެހައި ބާރުތަކުގެ ބޭނުން ހިފައި، އެ ފަރާތްތައް ވަކިވަކިން ހައްޔަރުކޮށް ޤާނޫނުލް އުޤޫބާތުން ދެވެންހުރި އެންމެހައި އަދަބުތައް ދިނުމަށް ގޮވައިލުމާ އެކު، މި އިހަވަންދުއަށް ނިސްބަތްވާ، ރާއްޖޭގެ ރައްޔިތުން އަބަދުވެސް ފަޚުރުވެރިވާ މުޙަންމަދު ތަކުރުފާނު މި ގައުމުގެ ދިފާޢުގައި މަސައްކަތްކުރެއްވި ފަދައިން، އިހަވަންދިއްޕޮޅުގެ ރައްޔިތުން މިހާރު ވެސް މިތިބީ މިޤައުމު ޙިމާޔަތްކުރުމަށްޓަކައި ކެތްމަދުވެފައެވެ. އަދި މަނިކުފާނުގެ އިޝާރަތަކަށް ބަލަންތިބި ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް މިގައުމުގެ ރައްޔިތުންނަށާއި، މަނިކުފާނަށް އަރުވަމެވެ.

ބަޔާން ނެރުނީ : އެމްޑީޕީ އިހަވަންދޫ ދާއިރާ