މެންބަރުންގެ ޚިޔާލު: ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނުކުމެ މިތިބީ ކާފަރުންނަށް ވުރެވެސް ނުބައި ބައެއް

ފުނަމާ

މިއަދު މިގައުމުގައި އިސްލާމްދީން ހިމާޔަތް ކުރާށޭ ބުނެ ނިކުމެ މިއުޅޭމީހުންގެ އަޚުލާގީ މިންގަނޑާއި އަމަލުތަކަށް ބަލާލުމުން ހާމަވެގެން އެދަނީ އެމީހުންނަކީ ނުބައި ނުލަފާ ކަމުގައި އިންތިހާއަށް ހައްދު ފަހަނަ އަޅާފައިވާ ބައެއް ކަމެވެ.

އިސްލާމީ ތާރީޚު ފެށުނީއްސުރެ މިއަދާ ހަމަޔަށްވެސް އިސްލާމްދީން މަތިވެރި ކުރުމުގެ ނަމުގައި ، މުސްލިމުންގެ ދިފާއުގައި އެއްވެސް ބަޔަކު މިއަދު މިގައުމުގައި މިއުޅޭ ބައިގަނޑު އެކުރަމުން ގެންދާފަދަ ލާއިންސާނީ ކަންކަން ކޮށްފައި ނުވާކަން ތާރީޚަށް ބަލާލުމުން އެނގޭނެއެވެ.

އިސްލާމް ދީނުގައި ޙުރުމަތް ތެރިވެގެންވާ ޚާއްސަ ހަތަރު މައްސަރެއް ވެއެވެ. އެގޮތުން ޒުލްޤައިދު، ހައްޖު، މުޙައްރަމު އަދި ، ރަޖަބު މަހަކީ ﷲ ޙުރުމަތްތެރި ކުރެއްވި ހަތަރު މައްސަރެވެ. މިމައްސަރު ތަކުގެ ތެރޭގައި ހަނގުރާމަ ކުރުމާއި ހަމަނުޖެހުން ހިންގުން ވަނީ މަނާ ކުރަށްވާފައެވެ. ނަމަވެސް މިއަދު މިގައުމުގައި ބޮޑުތުނބުޅި ލައިގެން މިއުޅޭ ރޯނު އެދުރުންނަށް މި ސައްތައިން ސައްތަ މުސްލިމު ގައުމުގެ ރައްޔިތުން ހަމަޖެހިލައިގެން ލޮލުފިޔައެއް ޖަހާލާނެ ދުވަހެއްވެސް ދޭކަށް ބޭނުމެއް ނުވެއެވެ. އެމީހުންގެ ޖާހިލުކަމާ މަކަރުވެރިކަމާ މިގައުމުގެ ވެރިކަމަށް ބޫތު ކައިފައި ތިބި މިންވަރު އެއަށްވުރެ މާބޮޑެވެ.

އިސްލާމްދީން ހިމާޔަތް ކުރުމަށޭ ބުނެ ނުކުމެ މިއުޅޭ މީހުންގެ ހާލަކީ ގަބުރު މަތީގައި ނަމާދުކުރަނީ ކަމުގައި ބުނެ ޑުރާމާ ކުޅެފާނެއެވެ. އެއިރު އެމީހުންގެ ފަހަތުގައި ލައިގެން ތިބިހައި އަންހެނުންނަކީ ކޮންހާލަތެއްގައި ތިބި ބައެއް ކަމެއް ބެލުމެއްނެތި އެމީހުންނާއި ތަބާވެ ގޮތްދައްކާން އަމުރު ކުރާނެއެވެ. މިޑްރާމާގެ އިންޓަވަލްއާޢި ދިމާވަނީ އީސާގެ ފާނުންގެ އީދުމީލާދީގެ ގޮތުގައި ނަސާރާއިން ފާހަގަކުރާ ދުވަސްކަމުން އެދުވަހު އެއްކަލަ ބޮޑެތި ހުރިހައި ޝޭޚުން ތިބިކަމުގައި ބުނެވެނީ އެމީހުންގެ ބަހުން ހަށިވިއްކާ ޕާލާތަކުން މަސާޖުކޮށްގެން ބޯފުޅިތަކުގެ ވަށައިގެން ކުރާ ނާޗަރަންގީ ބަލަން ނަުވަތަ އެކަމުގައި ބައިވެރިވެގެން ނޫންކަމެއްވެސް ނޭނގެއެވެ. އެއިރުވެސް ގޮވާނީ ބިސްމިﷲ ، ﷲ އަކްބަރުކަންވެސް ނޭނގެއެވެ. މިއީ މިވެރިންގެ ހާލެވެ.

މިގައުމުގެ ކުދި ޅަދަރިންގެ ގަޔަށް ޖަހަމުންއައި ވެކްސިން ޖެހުމަކީ ހަރާމް ކަމެއް ކަމަށާއި ، ޖާރިޔާއިން ހުއްދަ ކަމުގައި ގޮވައިނަގައި މިގައުމުގައި އަޅުންގެ ވިޔަފާރި ހިންގާ އަދި ކިއެއްތަ މަސްތުވާ ތަކެއްޗާއި އެންމެ ދޯޅު އަދި އެއިން ވިޔަފާރި ކޮށްގެން ކޮލީގައި މަސްޖަހާފައި ތިބި މަހުޖަނުންގެ އުނގަށް ވެއްޓި އެމީހުންނަށް ސަޖިދަ ކުރާ ހާލު މިމީހުން ދުނިޔެއާއި އާޚިރަތް ހަނދާން ނެތިފައި ތިއްބެއް ކަމަކު މިގައުމުގެ އެންމެންނަކު މިތިބީ އެމީހުންނަށް އެޖެހިފައިވާ ހާލު ޖެހިފައި ނޫންކަން އެމީހުންނަށް އެނގޭން ޖެހޭނެއެވެ.

ބުނެބަލާށެވެ. އިސްލާމް ދީން ހިމާޔަތް ކުރުމުގެ ނަމުގައި މިގައުމުގެ ސިފައިންނާއި ފުލުހުންނަށް ރިޝްވަތު ދޭނެ ކަމުގައި ފާޅުގައި ގޮވާލުމަކީ ހުއްދަ ވާނެ ކަމެއް ހެއްޔެވެ؟ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ކޮންމެ ގޮތަކުން ވަށްޓާލުމަށް މީހުން އެއްކޮށް ބާރުދީ ހަމަނުޖެހުން ހިންގުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައި މި މަރުމޯލުން ހީކުރަނީ ހެއްޔެވެ؟ މީސްތަކުންގެ އަމިއްލަ ގެދޮރަށް ގާނޫނީ އެއްވެސް ހަމަޔެއް ބާރެއް އަމުދުން ނެތި ވަދެ އާއިލާތަކަށް ބިރުދަށްކައި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަކީ އީމާންކަމުގައި އެމީހުންނަށް ހަމައެކަނި ފުރިހަމަ ނުވެވިއޮތް ކަމަކީ ހެއްޔެވެ؟ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ވަލީޔުލް އަމްރު އިސްލާމްދީނުގައި ކަނޑަ އަޅުއްވާފައިވާ ރުކުންތަކާއި ޚިލާފުނުވާހާ ހިނދަކު އެވަލީޔުލް އަމްރަށް ފުރިހަމަޔަށް ކިޔަމަން ތެރިކަން އަދާކުރާން ޖެހޭކަން އެތިބަ އަނދޮޅުންނަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އެއަށްވުރެ އެމީހުންގެ ސިކުނޑީގައިވާ ޝައިތާނިއްޔަތުކަން މާބޮޑުކަން މިދަނީ ހާމަވަމުންނެވެ. ވެރިކަމާ ހަސްގަނެ އަމިއްލަ ނަފުސު ކުޑަ ފައިސާ ކޮޅަކަށް ވިއްކާލައިގެން ތިބިކަން މިދަނީ އެނގި ހާމަވަމުންނެވެ.

މިގައުމުގެ އެންމެހައި ރައްޔިތުން ރޭގަނޑު ލޮލުފިޔައެއް ޖެހިޔަނުދީ ނަފުސާނީ ބިރުވެރި ކަމެއްގެ ތެރެއަށް ވަށްޓާލައިގެން އެމީހުންގެ ބަތާކައިގެން ޓީވީ ޗެނަލު ހިންގާ މީހުން ލަށްވައި ވަގުމަންޒަރު ދަށްކަމުން މުޅިގައުމު ފަސާދަ ކުރުވަމުން އެގެންދަނީ އިސްލާމް ދީނުގެ ކޮން ހަމައެއްގެ މަތީން ހެއްޔެވެ؟

ޒުވާން ޅަކުދީން ކޮޅަކަށް މަދު ފައިސާ ކޮޅެއް ދީގެން ނުވަތަ ބައެއްމީހުން އެބުނާހެން މަސްތުވާ އެއްޗެތި ދީގެން ނެރެ އެކެއް ދޭއް ތިނެއް ގޮވައި މިގައުމުގެ ސަލާމަތީ ބާރުތަކަށް ހަމަލާދެމުން ރައްދުގައި އެބާރުތަކުން ހަމަލާދިނުމުގެ ކުރީން ފިލައި ދުވެދާ ފިނޑީންނަކީ މިދީނުގައި އެބުނާ ނަބީބޭކަލުންގެ ވާރިސުން ކަމުގައި މިއަދުގެ ޅަދަރީންނަށް ދައްކައިދޭން ބޭނުން ވިއެއް ކަމަކު މިއަދު ރޭރުވެ ގޮތް ހުސްވެފައިވާ އިދިކޮޅު މީހުންނާއި އެއުޅޭ ކަޓު މުއްލާއިންނަށް ގަދަރުކުރާނެ އިތުރު ބަޔަކު މިގައުމަކު މިހާރަކު ނެތެވެ. އިއްޔެވެސް މިއަދުވެސް މިސަރުކާރުގެ ތެރޭގައި ދޫލައިގެން މާމުއީގެ ރަހަބެލި އަންހެނަކު ކުރީންވެސް ވިކުނުހެން މިއަދުވެސް އެމީހުންނަށް ވިކުމަކީ ބަޔަކު މާބޮޑަކަށް ޖެހިލުން ވާނެ ކަމެއް ނޫނެވެ. އަދި ގެނަޔަސް އެފަދަ މުނާފިގުންގެ ކިބައިން އެހެން ކަމެއް ނުފެންނާނެއެވެ.

މިއަދު މިގައުމުގެ މަޝްހޫރު ކަޓުމުއްލާއިން ކަމުގައިވާ ހައެއްކަ ތުނބުޅިޔާއި އިދިކޮޅު މީހުންނަށް ވެގެން މިއުޅޭ ގޮތަކީ މީގެ ކުރީންވެސް އެމީހުން ރޭވިހުރިހައި ބޮމެއް އަތަށް ގޮވިނަމަވެސް ، މިފަހަރު މިއުޅެނީ އެއަށްވުރެ ބޮޑުވަރު ވެގެންނެވެ. އުނގަށް ގޮވައި ގެންނެވެ. ދެން އަލަކުން އެމީހުންނަށް ސަލާމަތް ވެވޭނެ އެއްގޮތެއްވެސް ފެނިނެތި އެމީހުންގެ ގިބުލަ ކަމުގައި ހަދައިގެން އެއުޅޭ ، ފަރާތުގެ އަމުރަށް ބިރުންގޮސް ރުއްސައި ދެވޭތޯ ކުރެވެން އޮތް ކަމެއް ކުރަނީއެވެ. މިކަމުގައި އެމީހުންނަށް ވާގިދީގެން އުޅުނު، ގޮތްކުޑަ ކަމަށް ބެލެނިވެރި ފަރާތުން ބުނެފައިވާ ނާއިބު ކަލޭގެ ދަމާކިހިލި ޖަހައިގެން ގެންދިޔައީމައި މިހާރު އެތިބަ ދުވަނީ ހަމަ ހަގީގަތުގައިވެސް ރޭރުވެގެންނެވެ. މިގައުމުގެ ވެރިކަމަށް ނިވަށްތައި ގަނެގެން ނުކުމެ އެކަމަކު ދީން ހިމާޔަތް ކުރާށޭ ގަވައި ނަގަމުންދާ މީހުންނަކީ ޔަހޫދީންނާއި ނަސާރާއިންނަށް ވުރެވެސް އިޔަހޫދިކަން ބޮޑު ބައެކެވެ. އެހެނީ އެމީހުންގެ ބޭނުމަކީ މުސްލިމުން މުސްލިމުންނާއި ތަޅާފޮޅުވައި އިސްލާމީ ގައުމެއް ފަނާކޮށް ނެތިކޮށްލުމެވެ.