ފުނަމާ
އިންސާނުންގެ ނިޔަތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ކަށަކުޅަދުން ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ހިތްތަކުގައި ފޮރުވިގެންވާހާކަމެއް އެއިލާހު މޮޅަށް ދެނެވޮޑިގެން ވެއެވެ. އެއްވެސް އިންސާނަކަށް އަނެކާގެ ހިތުގައި ވާއެއްޗެއް މޮޅަށް އެނގުމަކީ ޖާއިޒުކަމެއް ނޫނެވެ. އެހެނަސް އިންސާނާއަށް ސިކުނޑީގެ ނިއުމަތް ދެއްވާފައިވަނީ އޭނާގެ ވެށީގައި ވާހައި ކަމަކާއި ދުރުގައި ވާހާކަމެއް ހޯދައި ބަލައި އެނގި ގަތުމަށެވެ. މިކައުނުގައި ލެއްވި އެކިއެކި ބޮޑެތި އަޖާއިބުތަކަށް ދާންދެން އިންސާނާގެ މިސިކުނޑީގެ ބޭނުންކޮށްގެން މިގެންދަނީ ހޯދަމުންނެވެ.
އިންސާނުން ކަންކުރަނީ އެމީހުންގެ ބުއްދީގެ ބޭނުންކޮށް އެމަށްޗަށް ވިސްނައި ބަލައި ހޯދައި، ނިންމައިގެންނެވެ. އިސްލާމުންގެ ގާނޫނަކީ ކީރިތި ގުރުއާނެވެ. އޭގެ މަފްހޫމް ތަކާއި ހުކުމްތައް އިންސާނުން ދެނެގަންނަނީވެސް ސިކުނޑީގެ ބޭނުން ކޮށްގެންނެވެ. އިލްމު ލިބިގަނެ ގެންނެވެ. އިސްލާމީ ޝަރީއަތަކީ ބާވައިލެއްވި ޝަރީއަތެކެވެ. އެޝަރީއަތުގެ ހުކުމްތައް ކަނޑައަޅަނީވެސް އިންސާނާގެ ބޭރުފުށުގެ އަމަލުތަކަށް ބަލައި ރިޢާޔަތް ކޮށްގެންނެވެ. މިނޫންގޮތަކަށް ކަންކުރާން އަންގަވާފަކާ ނުވެއެވެ. އެހެންކަމުން މިއާއި ޚިލާފު އެއްވެސް އުސޫލެއް މުސްލިމުން ގަބޫލެއް ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ.
ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. މިގައުމުގައި ބުނެއުޅެނީ މިތިބީ މުސްލިމުން ކަމުގައެވެ. މުސްލިމަކަށް ވެވެނީ ކިހިނެއްކަން ދީން އަންގައި ދީފައި ވެއެވެ. ބައެއް ނަޒަރިއްޔާތުން ބުނާނަމަ ދެޝަހާދަތް ދުލުން ކިއުމުން އެމީހަކީ މުސްލިމެކެވެ. ތަކްލީފް ލިބި ތަސައްރަފު ފުދިފައި ވުން ޝަރުތު ވުމާއެކުގައެވެ. ނަމަވެސް މިއީ ހަގީގަތެއް ކަމުގައި އެންމެންނަކު ގަބޫލެއް ނުކުރާނެއެވެ. އެހެނީ ހަމައެކަނި ބުއްދި ސަލާމަތުން ހުރެ ތަސައްރަފު ފުދުމުން ޝަހާދަތް ކިއުމުން ހުރިހައި ކަމެއް ފުރިހަމަވެ ނިމުނީ ކަމުގައި ގަބޫލުކުރެވޭނެ ހަމައެއް ހަމައެކަނި ނޯންނާނެއެވެ.
މުސްލިމަކަށް ވުމަށްފަހު އެމީހާ މިދީނަށް އުޅޭންޖެހޭ ގޮތްތަކެއް އެވަނީ އަންގަވާފައެވެ. އިސްލާމް ކަމުގެ ރުކުންތަކާ އީމާންކަމުގެވެސް ރުކުންތަކެއް އެބަވެއެވެ. އުޅުމާ ގުޅުންތައް ވަކިހަމަޔަކާ އުސޫލުތަކެއްގެ ތެރޭގައި ބަހައްޓާން އެބަޖެހެއެވެ. މުސްލިމުން ކުރާންޖެހޭ ޚާއްސަ ކަންތައް ތަކަކާއި އުޅޭންވީ ގޮތްތަކެއް އެބަހުރެއެވެ. ގިރާނުކުރެވޭނެ އޮޅިތަކެއްވެސް ހުރެއެވެ. މިކަންކަން ބޭރުފުށުން ނުފެންނަހާ ހިނދަކު އެހެންމީހުން އެމީހެއްގެ އިސްލާމް ކަމާއި މެދުގައި ޝައްކު ކުރާނެއެވެ. އިންސާނެއްގެ ހިތެއް ކުރީން ބުނިހެން އަނެއް އިންސާނާއަކަށް ބަލައި ނުހޯދޭނެއެވެ.
އަޅުގަނޑު މެންގެ މިގައުމުގައި މިއަދު ތިންލައްކަ އަށްވުރެ ބޮޑު އާބާދީއެއް އެބައުޅެއެވެ. ގައިމުވެސް މީގެ ތިންބައިކުޅަ ދެބައި މީހުންނަކީ ތަސައްރަފު ފުދިފައިވާ މީހުންނެވެ. މިކިޔާގޮތަށް މުސްލިމުންގެ ޝަރުތު ހަމަވާނެ މީހުންނެވެ. އެކަމަކު މީގެ ތެރެއިން އެކިޔާގޮތަށް ހުޅަނގަށް ބަޅުނުވެ އުޅެނީ ކިތައް މީހުން ހެއްޔެވެ؟ މީހުންގެ ހައްގުތައް ފޭރިގަނެ މީހުންގެ ފުރާނަތަކާއި ކުޅެލަނީ ކިތައް މީހުން ހެއްޔެވެ؟ އިސްލާމް ދީނުގައި ހަރާމް ކުރަށްވާފައިވާ ބޮޑެތިހައި ފާފަތަކަށް ބިރެއްނެތި އަރައި ގަންނަނީ ކިތައް މީހުން ހެއްޔެވެ؟
މިއަދު މިގައުމު މިވަނީ ދުނިޔޭގެ އެހެނިހެން ގައުމުތައްވެސް އަޖާއިބުވާ މިންވަރަށް ސިޔާސީގޮތުން ގަޑުބަޑު ވެފައެވެ. މިފަދަ ކުޑައާބާދީ އެއް އޮތް އަދި އެއްދީނަކަށް ނިސްބަތްވާ ، އެއްބަހަކުން ވާހަކަ ދަށްކައި އުޅޭ ބައެއްގެ މެދުގައި މިހާވަރުގެ ދެކޮޅުވެރި ކަމެއް އުފެދުމަކީ ބަޔަކު ގައިމުވެސް ހައިރާންވެދާނެ ކަމެއްކަމުގައި ޚޮދު އަޅުގަނޑުމެންވެސް ގަބޫލުކުރާން ޖެހެއެވެ. ކަމުގެ ސަބަބާއިމެދު ފުންކޮށް ވިސްނާލަން އެބަޖެހެއެވެ. ނޫންނަމަ މިގައުމު މިއަދުގެ ޖީލުގެ އަތުން ދުވަހަކު ސަލާމަތް ނުކުރެވޭފަދަ އަނދަވަޅަކަށް ވަށްޓާލުމަށް ބާރުއެޅީ އަޅުގަނޑުމެން ކަމުގައި ދެންއަންނަ ޖީލުތަކުން ބުނާނެއެވެ.
މިގައުމުގައި މިއަދު އުފެދިގެން މިއުޅެނީ ސިޔާސީ ބައިބައިވުން ތަކެކެވެ. ވެރިކަމަށްޓަކައި ކުރެވޭ ޖަދަލުތަކެކެވެ. މީގެކުރީން ވެރިކަންކުރި މީހުންނާއި މިހާރުގެ މިޑިމޮކްރަސީގެ މިވެރިކަމާއި ވާދަކޮށް ފެއިލްވި މީހުންނާއި މިއަދުގެ ސަރުކާރާ ދެމެދު އުފެދިގެން އުޅޭ ނުވަތަ އުފަށްދައިގެން އުޅޭ ގަޑުބަޑު ތަކެކެވެ. ސިޔާސީގޮތުން މިކަމަކީ ދުނިޔެވެސް ހައިރާންވާނެ ކަމެއް ނޫނެވެ. އަބަދުވެސް އިދިކޮޅު ފަރާތްތަކުގެ ބޭނުމަކަށް ވާނީ އެއިރެއްގައި އެއޮންނަ ސަރުކާރަކީ އެއްވެސް ކަމެއް ނުކުރެވޭ ބައެއްކަމުގައި ދެއްކުމެވެ. އަދި އިދިކޮޅުފަރާތް ތަކަކީ ވެރިކަމަށް އެންމެ ގާބިލް ބައެއްގެ ގޮތުގައި ދަށްކައި އަޑުއުފުލުމެވެ. އަދި ތަފާތު ދީންތައް އޮންނަ ގައުމުތަކުގައި ދީނީ ޖަމާއަތްތަކުން އެމީހުންގެ ހައްގުތަކޭ ބުނެވެސް މިފަދަ އަޑުތައް އުފުއްލައެވެ. ނަމަވެސް ހައިރާންވާން ޖެހޭކަމަކީ ދިވެހީންނަކީ ސައްތައިން ސައްތަ މުސްލިމުންނޭ ބުނާއިރު މިއަދުގެ ސިޔާސީ ކޯޅުންތަކުގައި އެންމެ ބާރަށް މިއިވެނީ ދީނީގޮތުން ޚިޔާލު ތަފާތުވެގެން އުޅޭ އަޑުތަކެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމުގައި ގޮވައި ނަގަމުންދާއިރު ސަރުކާރު ހިންގާ ޕާޓީ އަކީ މިގައުމުގައި އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. ކިތަންމެ ގޮތްގޮތަކުން ބަލާއިރު މިސަރުކާރަކީ މިހާތަނަށް ދީނީ އިލްމު ވެރިންނަށް މިނިވަންކަމެއް ދީފައިއޮތް ސަރުކާރުގެ އިތުރުން މިގައުމުގައި ފުރަތަމަ އިސްލާމީ ވުޒާރާއެއްވެސް ގާއިމުކޮށް ރިބާގެ ވަބާއިން ސަލާމަތް ވުމަށް އިސްލާމިކް ބޭންކެއްވެސް ގާއިމުކުރި ސަރުކާރެވެ. ވެރިކަން މިކުރަނީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އިސްލާމީ ޝަރީއަތާ ޚިލާފުނުވާނޭ ގޮތުން ކަމަށްބުނެ ހަދާފައިވާ ގާނޫނުއަސާސީ އެއްގެ ތަރަހައިގެ ތެރޭގައެވެ. ވީއިރު އިސްލާމް ދީނޭ ބުނެ ސަރުކާރާ އިދިކޮޅަށް ނުކުމެ މިއުޅޭ މީހުން މިގޮވާ ގޮވުން ތަކަކީ ކިޔާވަރެއްގެ ބުރަދަނެއް ހުރި އެއްޗެއް ހެއްޔެވެ؟
ގައުމެއްގެ ހަލާކަށް ގޮވައި މުޅިގައުމު ފިތުނައިގައި ފަނާވެ ނުދަނީސް ހުރިފިޔަވަޅު މަތީން ގުޑާނުލާނެ ކަމުގައި ހުވާކުރަމުން އެގެންދާ މީހުންނަކީ ކޮންކަހަލަ ބައެއް ހެއްޔެވެ؟ ދުނިޔޭގައި ލެއްވިއްޔާ ލެއްވި ފާފައެއް ކޮށްކޮށްފައި ރިސޯޓުތަކުގެ ޕާލާތަކު މަސަންދު ތަކުން އަރާމު ހޯދައިލައިގެން އައިސް ﷲ އަކްބަރު ގޮވީމައި އެއީ އިސްލާމްކަން ފުރިހަމަ ވީހެއްޔެވެ؟ ގައުމުގައި އޮތް ވެރިކަން ވަށްޓާލައި މިގައުމުގެ ކުރިއެރުން މުޅީން އިނދަ ޖައްސާލުމަށް ދުވެބާރު އެޅީމައި އިސްލާމްދީން ނެގެހެއްޓެނީހެއްޔެވެ؟ މިއަދު މިގައުމުގެ ކޮންމެ ރަށްޔިތަކުވެސް އެމީހެއްގެ ސިކުނޑީގެ ބޭނުން އަމިއްލައަށް ކޮށްލައި ވިސްނާލަން ވެއްޖެއެވެ. މުސްލިމުންނާއި އެކު މިގައުމުގައި ހަމައެކަނި މޫނުމަތީގެ އިސްތަށި ދިގުކޮށްގެން މުސްލިމުންގެ ނަމުގައި މުޅިގައުމު ހަލާކުކޮށްލުމުގައި މަހުޖަނުންނަށް ވިކިގެން އުޅޭ މުނާފިގުން ވަކިކޮށް ދެނެގަންނާން ޖެހިއްޖެއެވެ. މުސްލިމުންނާއި މުނާފިގުންނަކީ ސިކުނޑީގެ ހަމަތަކުން ބަލައި ވަކިކޮށް ދެނެގަނެވިދާނެ ބައެކެވެ.