ދީނާ ގުޅުވައިގެން ކުރާ ސާބިތު ނުހިފޭ ތުހުމަތުތަކާއި ޢަދުލު އިންޞާފް ޤާއިމް ކުރުމުގައި މެދުވެރިވާ ހުރަސްތައް ނައްތާލެއްވުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

radio-address-hep-450-x-270

ދީނާ ގުޅުވައިގެން ކުރާ ސާބިތު ނުހިފޭ ތުހުމަތުތަކާއި، ހަމައެހެންމެ، ޢަދުލު އިންޞާފް ޤާއިމް ކުރުމުގައި މެދުވެރިވާ ހުރަސްތައް ނައްތާލެއްވުމަށްޓަކައި ކުރެއްވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ދީނާ ގުޅުވައިގެން ކުރެވޭ ސާބިތު ނުހިފޭ ތުހުމަތުތަކާއި، ސާބިތުނުވާ ދޮގު އިލްޒާމްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއިން ކަމެއްގައި އިރާދަފުޅާއެކު އެއްގޮތަކަށްވެސް އެމަނިކުފާނު ފަހަތަކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ. އަދި މިކަންކަމުގައި ސާބިތުވެ ހުންނެވުން ގުޅިފައި ވަނީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަމާންކަމާއި، އުފާވެރިކަމާއި، ބާއްޖަވެރިކަން ޙާޞިލްކޮށްދެއްވުމަށްޓަކައި އަޅުގަނޑުމެން އެންމެން ކުރަންޖެހޭ މަސައްކަތްތަކާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދީނީގޮތުން މީހަކާ ދިމާއަށް އޭނާއަކީ ލާދީނީ މީހެއް ކަމަށް ތުހުމަތުކޮށް ވާހަކަ ދެއްކުމަކީ، ވަރަށްބޮޑު މައްސަލައެއް ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން މީގެ ދެދުވަހެއް ކުރިން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ދެއްކެވި ވާހަކަފުޅުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވައި، އެވާހަކަފުޅުގެ މައިގަނޑު ނުކުތާތަކަށް އަލިއަޅުއްވާލެއްވިއެވެ.

ރާއްޖޭގައި އިލެކްޓްރިކް ކަރަންޓަށް ކުރެވޭ ހޭދަ ކުޑަކުރެއްވުމަށާއި، ތެޔޮ އެތެރެކުރެވޭ މިންވަރު މަދުކުރެއްވުމަށާއި، އިޢާދަކުރެވޭ ހަކަތަ އުފެއްދުން އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި މިއަދު ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިމަސައްކަތްތަކަށް ތަފާތު ކުރިއެރުންތަކެއް ލިބެން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިގޮތުން، 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ތިމާވެށްޓާ ގުޅޭގޮތުން ބޭއްވުނު ބައްދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، އެ ބައްދަލުވުމުން ވަރަށް ގިނަގުނަ ކުރިއެރުންތަކެއް ދިވެހި ސަރުކާރަށް ލިބުނުކަން ފާހަގަކުރެއްވިއެވެ. އަދި އެދަތުރުފުޅުގައި ކުރެއްވުނު މަޝްވަރާތަކަށްފަހު، ޑެންމާކް ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިވެދެއްވުމަށް ކަނޑައަޅުއްވައި، ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް، ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމުނު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމްގެ ތެރެއިން ހައްދުންމަތީގެ ދެސަރަޙައްދެއްގެ އިންޖީނުގެތައް އިޢާދަކުރެވޭ ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން ހަކަތައަށް ބޭކާރުވެގެންދާ ޚަރަދު ސަލާމަތް ކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށާއި، މިމަސައްކަތުން އަހަރަކު ގާތްގަނޑަކަށް 4 މިލިއަނާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ބޭކާރުނުވެ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އަޅުގަނޑުމެންނަށް ޚަރަދަކާނުލައި، މަތިވެރި މާތް އަމުރުފުޅާއެކު މިންވަރު ކުރައްވާފައިވާ ބޮޑު އެއް ނިޢުމަތަކީ، ރާއްޖެއަށް ލިބޭ އަވީގެ ދޯދިތައް ކަމަށާއި، މިނިޢުމަތަކީ އިލެކްޓްރިކް ކަރަންޓް ނުވަތަ ހަކަތަ އުފެއްދުމަށް، މިޒަމާނުގައި ނުހަނު އެދެވޭ ބޭނުންތަކެއް ކުރެވޭ ވަސީލަތެއްކަން މިވަނީ ފާހަގަވެފައި ކަމުގައިވެސް ވިދާޅުވިއެވެ.