އެއިރެއްގައި ކުރަން ޖެހުނު ކަމެއް ޖެހިލުމެއްނެތި ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މި ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި

hep-kurumba-maldives-450-x-299

ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި، އެއިރެއްގައި ކުރައްވަން ޖެހުނު ކަމެއް، ޖެހިލުންވެވަޑައިގަތުމެއްނެތި ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގެ ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވުމަށްޓަކައި މިއަދު މެންދުރުފަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވެރިކަން ހިންގެވުމުގައި، ކިތަންމެ ހުރަސްތަކެއް ކުރިމަތިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ކިތަންމެ ހުރަސްތަކެއް ކުރިމަތިވެވަޑައިގެންނެވި ކަމުގައިވީނަމަވެސް، މި ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ބައެއް ފަނޑިޔާރުންނާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކިފަހަރު، އެކިއެކި ޝަކުވާތައް އުފުއްލިފައިވާނޭ ކަމަށް ވިދާޅުވިއެވެ. އެތައް ޒަމާނަކަށްފަހު، އެކޮމިޝަނުން ފަނޑިޔާރުންނާ ގުޅޭގޮތުން ފިޔަވަޅު އެޅުއްވުމަށް ނިންމެވީމާ، އެ މައްޗަށް ފަނޑިޔާރުން ބަސް ބުނީމާ، ޤާނޫނުއަސާސީގެ ހިންގުން އޮންނަނީ ހުއްޓިފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންވީމާ، އެހިސާބުން އަލުން އަނބުރާ ޗާޓަށް އައުމާ ގުޅޭގޮތުން ވިސްނަންޖެހޭ ކަމަށާއި، ކުރިއަށް ދެވެން އޮތް މަގު ދެނެގަންނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު ވަރަށް ޞަރީޙަކޮށް ބަޔާންކޮށްފައި އެބައޮތް ކަމަށާއި، ޤާނޫނުއަސާސީގެ ބެލެނިވެރިއަކީ ދައުލަތުގެ އެންމެމަތީ ވެރިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ޤާނޫނުއަސާސީގެ ބެލެނިވެރިންނަކީ، ރާއްޖޭގެ އެންމެހާ ރައްޔިތުން ކަމަށްވާއިރު، އެ ޤާނޫނުއަސާސީ ޙިމާޔަތް ކުރެއްވުމަށް އެމަނިކުފާނު އަބަދުވެސް މަސައްކަތްޕުޅު ކުރައްވަންޖެހޭނެ ކަމަށާއި، އެހެން ބޭފުޅެއްގެ އަތްމައްޗަށް އެކަން ދޫކޮށްލެއްވެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤާނޫނުއަސާސީވެސް އެމަސައްކަތް، އެހެން ބޭފުޅުންނާ ޙަވާލުކޮށްފައިނުވާ ކަމަށާއި، އެހެންކަމުން، ރާއްޖޭގެ ޝަރުޢީ ނިޒާމު ރަނގަޅު ގޮތުގައި ހިނގަހިނގާ ބޭއްވުމަށްޓަކައި، އެވަގުތަކު ކުރައްވަން ޖެހުނު ކަމެއް ކުރެއްވުމަކީ، އެމަނިކުފާނުގެ ވާޖިބެއް ކަމަށާއި، އެމަނިކުފާނަށް މަޖުބޫރު ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ. އަދި ޤައުމަށްޓަކައި، މުޅި ދައުލަތަށްޓަކައި، ރާއްޖޭގެ ރައްޔިތުންނާއި، ދަރިންގެ ދަރިންނަށްޓަކައި، އެއިރެއްގައި ކުރައްވަން ޖެހުނު ކަމެއް، އެއިރެއްގައި ކުރެއްވެން އޮތް ގޮތަކަށް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.