2013 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށް ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

2013 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށް ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގެ ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމަށްޓަކައި މިއަދު މެންދުރުފަހު މަހިބަދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަލިމަޑުކަމުން ސަލާމަތްވުމަށާއި، އުނދަގޫތަކުން ދުރުވެ، ރިވެތި ގޮތުގައި ދިރިއުޅުމަށްޓަކައި ނަރުދަމައެއް ކޮންމެހެން ބޭނުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ސަރުކާރު ހިންގެވުމާ ޙަވާލުވެވަޑައިގެންނެވިއިރު، ނަރުދަމާގެ ނިޒާމް ފޯރުކޮށްދެވިފައިވަނީ، ރާއްޖޭގެ އާބާދީގެ 22 ޕަސެންޓް ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް، އެމަނިކުފާނު ސަރުކާރު ހިންގެވުމާ ޙަވާލުވެވަޑައިގެންނެވިފަހުން މިދެތިން އަހަރުގެ ތެރޭގައިވެސް 22 ޕަސެންޓް އިތުރުކުރެވިއްޖެ ކަމުގައި ވިދާޅުވިއެވެ. އަދި ނަރުދަމާގެ ޚިދްމަތް ދެވިފައިވާ ރާއްޖޭގެ ރައްޔިތުންގެ ޢަދަދު މިހާރު ހުރީ އާބާދީގެ 50 ޕަސެންޓާ ހިސާބަށް ގެންދެވިފައި ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިދާޅުވިއެވެ.