ނޫސް ބަޔާން: ގދ.މަޑަވެލި ދާއިރާގެ ނަމުގައި މަޑަވެލި ދާއިރާގެ ކައުންސިލްގެ ނައިބު ރައީސް ސާހިރު ހަސަން ނެރުމަށް މަސައްކަތްކުރަމުންދާ ނޫސްބަޔާނަށް މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ރައްދު ދެއްވުން

mdp-logo

ގދ.މަޑަވެލި ދާއިރާގެ ނަމުގައި މަޑަވެލި ދާއިރާގެ ކައުންސިލްގެ ނައިބު ރައީސް ސާހިރު ހަސަން ނެރުމަށް މަސައްކަތްކުރަމުންދާ ނޫސްބަޔާނާއި ގުޅޭގޮތުން ދަންނަވަމެވެ.

އަޅުގަނޑަކީ 1989،ފެށިގެން ދިވެހިރާއްޖެއަށް އިސްލާހީ މަސައްކަތް ކުރަމުންދާ މީހެކެވެ. މިގޮތުން ވޭތުވެދިޔަ އަނިޔާވެރި ހުދުމުހްތާރު 30 އަހަރުގެ ދިގު ވެރިކަން ގާނޫނީ ހަމަތަކުގެ މަތިން ބަދަލުކުރުމަށް ރެޔާއި ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުންގޮސް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އުފެދުމާއިއެކު އެޕާޓީއާއި ގުޅިގެން މަސައްކަތްކޮށް، ކުރިންދެންނެވި ވެރިކަން 2008ގެ ނޮވެމްބަރ 11ގައި ބަދަލުކޮށް މިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއާއި އެއްގޮތަށް ވެރިކަން ކުރަމުން އަންނަ ޕާޓީގައި ހިމެނޭ މީހެކެވެ.

މަޑަވެލި ދާއިރާގެ ނަމުގައި ސާހިރު ސޮއިކޮށް ނެރެފައިވާ ބަޔާންގައި މިވާ، އަޅުގަނޑަކީ އެމް.ޑީ.ޕީ ތަމްސީލްކުރާ މީހެއް ނޫންކަމަށް ބަޔާންގައި ލިޔެފައިވާ ލިޔުމާއި ބެހޭގޮތުން ދަންނަވަމެވެ. އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ހޮވުނީ ގާނޫނުގެ ހަމަތަކުގެ މަތިން އިލެކްޝަން ކޮމިޝަންގައި އެމް.ޑީ.ޕީގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގައި ވާދަކޮށް ޑި.އާރު.ޕީގެ ކެންޑިޑޭޓް ބަލިކޮށް، އެމް.ޑީ.ޕީއަށް ތާއީދުކުރާ ސަޕޯޓަރުންނާއި އެމް.ޑީ.ޕީގެ މެމްބަރުންގެ ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުންނެވެ. އަޅުގަނޑަކީ މަޖިލީހަށް ހޮއްވަވާފައިވާ އެމް.ޑީ.ޕީ ތަމްސީލްކުރާ މެމްބަރެކެވެ. އަޅުގަނޑު މަސައްކަތް ކުރަމުންގެންދަނީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މުޅިރާއްޖެއާއި އަދި ހޮވިފައިވާ ދާއިރާއަށް ވިސްނައިގެންނެވެ. މިގޮތުން އެބަޔާންގައިވާ ދާއިރާއަށް އެއްވެސް ކަމެއްކޮދެވިފައި ނުވާކަމަށް ބުނެފައިވާތީ އެކަމާ ހިތާމަކުރަމެވެ. އަޅުގަނޑު ނިސްބަތްވާ ޕާޓީ އެމް.ޑީ.ޕީގެ ވެރިކަމުގައި މަޑަވެއްޔައް، އެކަނިވެރި މައިންގެ ގޮތުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގޮތުގައި، އުމުރުން ދުވަސްވީ މީހުންގެ ގޮތުގައި ބިލިއަނުން މަޑަވެއްޔަށާއި އަތޮޅަށާއި މުޅިރާއްޖެއަށް ސީދާ ގޮތުގައި ފައިސާ ލިބެމުންދާއިރު އަދި ވަކިން ހާއްސަކޮށް މި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި މަޑަވެލީގެ އާބާދީކަމަށްވާ 1700އަށް ވުރެއް ގިނަ މީހުންނަށް، އަޅުގަނޑު ވޯޓްދީގެން ސާހިރުގެވެސް އާއިލާއަށް ނިސްބަތްވާގޮތަށް ކޮންމެ ރައްޔިތަކަށް /-100،000 (އެއްލައްކަ ރުފިޔާގެ) ބޭސްފަރުވާ ލިބެމުންދާއިރުވެސް މިއެހީ ނުފެންނަ ލޮލަކަށް، ރައްޔިތުން މަޖިލީހުގައި ކުރާ މަސައްކަތް ނުފެންނާނެކަމީ އޮޅުމެއް އޮތް ކަމެއް ނޫންނެވެ.

އަދިވެސް ދަންނަވަމެވެ. މަޑަވެލީގެ ތަރައްގީއަށް އެއްވެސްކަމެއް ކޮށްނުދޭކަމަށް ނޫސްބަޔާން ނެރޭއިރުގައި އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި އިނދެ ދައުލަތުގެ ބަޖެޓްގައި 34 މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކޮށްގެ އެޅުމަށް ހަމަޖެހިފައިވާ ކޯޒްވޭއާއި އަދި މަޑަވެލީގެ ބިން ބޮޑުކުރުމުގެ މަޝްރޫއާއި އަދި މަޑަވެލި، ހޯޑެއްދޫގައި އަޅާ 150 ފްލެޓް އަޅަން ހަމަޖެހިފައިވާކަންވެސް މަނިކުފާނަށް ނޭންގުކަމީ މަނިކުފާނު ރައްޔިތުން އިންތިހާބުކޮށްފައިވާ މަގްސަދާދޭތެރޭގައި ސުވާލު އުފޭކަމެކެވެ.

އަދި ދަންނަވަމެވެ. ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތުގެ މަތިން ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ އިދާރީ އޮފީހަކީ އެއަތޮޅެއްގައި ކުރިން އަތޮޅުވެރިކަންކުރި ރަށްރަށުގައި ހެދިފައިވާ އޮފީސްކަމަށްވެފައި މަނިކުފާނު އެއޮފީހަށް ހާޒިރުވެފައިވަނީ ކިތަށް ދުވަހުތޯ އަމިއްލަ ނަފްސާއި ސުވާލުކުރުން ރަގަނޅުކަމެއް ކަމުގައި ދެންނެވީމެވެ.

އަޅުގަނޑު މަޑަވެލި ދާއިރާ ތަމްސީލްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހޮވުމުގައި މަޑަވެލި ލިބުނީ 91 ވޯޓެވެ. މަނިކުފާނު ބޭނުންކަމަށްވަނީނަމަ މަޑަވެލީގެ ކިތަށްމީހުންގެ ސޮއި މަނިކުފާނަށް ލިބުމުންތޯ ރައްޔިތުން އެދޭގޮތް ހާމަވެގެންދާނީ، އަޅުގަނޑު ނިސްބަތްވާ ދާއިރާގައި ހިމެނޭ ތިނަދޫ ދެކުނު، މަޑަވެލި، ހޯޑެއްދޫ، ނަޑެއްލާ ރައްޔިތުން އެދޭގޮތް ހާމަކޮށްދޭ ލިޔުމެއް ވަރަށް އަވަހަށް މަނިކުފާނާއި ހަމައަށް ފޮނުވާނޭކަމުގައިވެސް ދަންނަވަމެވެ. އަޅުގަނޑު ކެމްޕޭނުގައި ވައުދުވެފައިވާ ދާއިރާގެ ހުރިހާ މަސްވެރިންގެ ހެލްތް އިންޝޫރަންސް ސްކީމެއް ހޯދާއިދޭން ވީ ވައުދާއި އަދި ރިޔާސީ އިންތިހާބުގައި މިއަދު ރާއްޖޭގެ ލޮބުވެތި ރައީސްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެމް.ޑީ.ޕީގެ މެނިފެސްޓޯގައި ލިޔެވިފައިވާ 5 ވައުދަކީ، އަޅުގަނޑުވެސް މައިގަނޑުގޮތެއްގައި ރައްޔިތުންނަށްވީ ވައުދުކަމަށްވާތީ މިވައުދުތައް ފުއްދިއްޖެކަމަށްވަނީ ނަމަ މިރާއްޖެއާއި މިދާއިރާއަކީ ކުޑަ ސިންގަރޕޫރެއްކަމަށްވެދާނެކަމަށް މިއަދުވެސް ގަބޫލުކުރަމެވެ. އަދި މިކަމުގައި އޮތް ދައްޗަކީ މަނިކުފާނު ހިމެނޭ ޕާޓީގެ ފަރާތުން މިސަރުކާރަށް ރައްޔިތުންގެ ހައްގުތަކަށްކުރާ މަސައްކަތުގައި އެއްބާރުލުން ނުލިބުމާއި ވަކިން ހާއްސަކޮށް 23 ޑިސެމްބަރ 2011ގައި ބޭއްވި ދީން ހަތިޔާރަކަށް ދައްކައިގެން ހައްދުފަހަނައަޅާފައިވާ ބައެއްގެ ގޮތުގައި މިރާއްޖެ މުޅިދުނިއެއްއަށް ހާމަވާގޮތަށް ކުރި މުޒާހަރާގެ ފަހުން. ސީދާ މަޑަވެލި ދާއިރާއަށް ބޭރުގެ ފަރާތުން މިރާއްޖެ ނުދެކޭވަރުގެ ބޮޑު މަޝްރޫއެއް ހުއްޓުވާ، އިންވެސްޓަރުން މާޔޫސްކޮށް މިދާއިރާގެ ކުރިމަގު ބަރުދާސްކޮށްލީ މަނިކުފާނާއި މަނިކުފާނު ހިމެނޭ ޕާޓީކަންވެސް ހަދާންކޮށްދެމެވެ.
އަދި ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑު މަސައްކަތްކުރާނީ ގާނޫނާއި ގާނޫނުއަސާސީގައިވާގޮތުގެ މަތިން ރައްޔިތުންނަށް މަންފާއާއި ލާބަކުރުވަނިވިގޮތުގައެވެ.

އަދުލު އިންސާފުގެ ދާއިރާއާއި ގުޅޭގޮތުން ދަންނަވަމެވެ. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ގާނޫނުގައިވާ ގޮތުގެ މަތިން ބަލަހައްޓަންޖެހޭ ފަރާތަކީ ޖުޑީޝަލް ސާރވިސް ކޮމިޝަންކަމުގައި ދަންނަވަމެވެ. އެކޮމިޝަނުން މައްސަލަ ބެލުމަށްފަހު ފަނޑިޔާރަކާއި ބެހޭގޮތުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ އަދިވެސް އިތުރު ގިނަ މައްސަލަތައް ހުރިކަމަށް ފާހަކޮށް އެފަނޑިޔާރާއި ދޭތެރޭ ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން މިފުރުސަތުގައި ހަންދާކޮށްދެމެވެ. އަޅުގަނޑު އެކަމާއި ދެކޮޅު ހަދައިފިނަމަ އަޅުގަނޑު މަޖިލީހުގައި އިންދެ ވޯޓްދީގެން ހަދާ ފާސްކޮށްފައިވާ ގާނޫނަކާއި ހިލާފްވީކަމުގައި ދެކެމެވެ. އަދި އަޅުގަނޑު ހުވާކޮށްގެންހުރީ ގާނޫނާއި ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށްކަމަށްވާތީ، ޖޭ.އެސް.ސީއިން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް އަޑަށް ބާރުލާ އެކަން ތަންފީޒުކުރުމަށްޓަކައި ދައުލަތުގެ އެންމެމަތީ ވެރިޔާ އަދި ސަރުކާރަކީ ތަންފީޒީ ބާރުކަމަށްވާތީ އަދިވެސް އަޑަށްބާރުލައި ހަރުއަޑުން މިކަން ތަންފީޒުކުރުމަށް ގޮވާނޭ ވާހަކަ މަނިކުފާނަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި އަޅުގަނޑު ވާހަކަ ދައްކަޖެހެނީ ވަކިގޮތަކަން ދޭހަވާގޮތަށް ބަޔާންގައި ލިޔެފައިވާތީ ހިތާމަކުރަމެވެ. އަޅުގަނޑު ވާހަކަ ދައްކަނީ އަޅުގަނޑުގެ ޕާޓީގެ ސިޔާސަތާއި ގާނޫނާއި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިންނެވެ. ޑީ.އާރު.ޕީ އެދޭގޮތަށް އަޅުގަނޑު ވާހަކަދައްކަން ނުޖެހޭނެކަމަށް މިފުރުސަތުގައި ހަނދުމަކޮށް އަރުވަމެވެ.