ފަހަލަސަޢިދު
އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީން ގަބޫލުކޮށްގެންތިބި މުސްލިމުންކަމަށާ އެއްވެސް އިންސާނަކަށް އަޅުގަނޑުމެންނަކީ މުސްލިމުންނެއް ނޫނޭ ނުކިޔޭނެކަމުގައި ރައީސުލް ޖުމްހޫރިޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބުރާހިމްއިސްމާއީލު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމް.ޑީ.ޕީގެ ” ތިހެނެއްނުކިޔޭނެ” ސިލްސިލާގެ 7 ވަނަޖަލްސާގައި ރޭ އެޕާޓީގެ މައިހަރުގޭގައި ވާހަކަފުޅުދައްކަވަމުންނެވެ.
“ތިހެނެއް ނުކިޔޭނެ” މި މަޢުޟޫޢަށް ވާހަކަފުޅުދައްކަވަމުން އިބްރާވިދާޅުވީ އެއްވެސް ފަރާތަކަށް އަޅުގަނޑުމެންގެ ދީނީ ޢަގީދާއާ ކުޅޭކަށް ފުރުޞަތެއް ނުދެއްވާނޭ ކަމަށެވެ. އިބުރާ އިތުރަށް ވިދާޅުވީ މުނާފިގުންގެ 3 ސިފައެއްހުންނަ ކަމަށާއި، އެއީ ވަޢުދެއްކޮށްފިނަމަ އެވަޢުދާ ޚިލާފްވާނޭ ކަމަށާއި، ދޮގުހަދައި، އަމާނާތަށް ޚިޔާނާތްތެރިވާނޭ ކަމަށެވެ. އަދި އެމްޑީޕީއާ މުޚާޠަބުކޮށް އެހެން އެކިޔަނީ މިފަދަ މީހުންކަމަށާ މިރާއްޖެ ފަސާދަ ކުރަމުންވެސް އެދަނީ ވެސް އެމީހުންކަމުގައެވެ.
“ފިތުނަ އުފެއްދުމަކީ އިންސާނަކު ގަތުލުކުރުމަށްވުރެ ބޮޑު ކުށެއް،” އިބުރާ ވިދާޅުވިއެވެ.
ރާއްޖޭގެ ކޯޓަކުން އެނިންމީ މިރާއްޖޭގެ ކޮންމެ ރައްޔިތަކަށްމެ އަނެއްރައްޔިތުމީހާއާ ދިމާލަށް ހިތުހުރި އެއްޗެއްކިއުމުގެ ދޮރު ހުޅުވާލުމަށް ކަމަށާއި، އެއީ އިސްލާމްދީނާވެސް ޚިލާފްކަމެއް، އަދި މިއީ ރައްޔިތުންނަށް ތެދާ ދޮގު އޮޅި ގައުމުގެ އަމާންކަން ގެއްލިގެންދާކަމެއް ކަމަށާއި އަދި މިއީ ވަކިބަޔަކު ރާވައިގެން ހިންގާ ބޮޑުޖަރީމާއެއް ކަމަށް އިބުރާ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން މައުމޫނު ޢަބުދުލްގައްޔޫގެ ކޮއްކޮ ޢަބުދުﷲ އަލްގީނުގެ މައްސަލައިގެ އަޑުއެހުންނިމިފައި ޢަބުދުﷲގާޒީގެ ކޯޓުގައި އޮންނަތާ ދެއަހަރު ވެއްޖެކަމަށާއި އެމައްސަލައިގެ އަޑުއެހުންތައް ނިމުނުފަހުން އަލްގީނުގެ ވަކީލު ރާއްޖޭންބޭރަށް ކިޔަވަންގޮސް މާސްޓަރ އެއް ހިފައިގެން އައި އިރުވެސް އެމައްސަލަ ނުނިމޭކަން އިބުރާ ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް މައުމޫނުގެ ކޮއްކޯފުޅު ޢަބުދުﷲ ހަމީދު ކޯޓަށް ޙާޒިރުކުރުމުގެ ޢަމުރު ފުލުހުންގެ މައްޗަށް ކޮށްފައި އޮންނަތާ އެތައްޒަމާނެއް ވެއްޖެކަމަށާއި، ޢަބުދުﷲ ޙަމީދު ހުންނެވީ ރާޖޭންބޭރުގައި ކަމުން އޭނާ ރާއްޖެގެނެވެނީ އިންޓަރޕޯލް މެދުވެރިކޮށްގެން ކަމަށްވީތީ އިނގިރޭސިބަހުން އެކޯޓުއަމުރު ލިބިގެންނޫނީ ފުލުހުންނަށް އެކަން ނުކުރެވޭނެތީ ޢަބުދުﷲގާޒީގެ ކޯޓުން އެއަމުރު ހޯދަން ފުލުހުންއުޅޭތާ އެތަކެއްދުވަސް ވެއްޖެ ކަމަށާއި، ނަމަވެސް އެއަމުރު އިގިރޭސިބަހުން ފުލުހުންނަށް ދޭނެވަގުތެއް ނުލިބުނު ކޯޓު ދަންވަރު ހުޅުވައިގެން ސުލޫކީ މައްސަލަތަކެއްހުރި ގާޟީއަކު ދޫކޮށްލަން އަމުރު ނެރުމަކީ ޙައިރާންވާންޖެހޭ ކަމެއް ކަމެއް އިބުރާ ވިދާޅުވިއެވެ.
“އަނެއްކަމަކީ ކުރީގެ ސަރުކާރުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެންޓިކޮރަޕްޝަން ބޯޑުންބަލާ ތަހުގީގުކޮށް ކޯޓަށް ފޮނުވުމުން އެމައްސަލައެއް ކޯޓަކުންނުބަލާ،” އިބުރާ ވިދާޅުވިއެވެ. “މިރާއްޖޭގެ ޝަރުއީ ދާއިރާގައި އަދިވެސް އޮތީ މައުމޫނާއި އޭނާގެ ޢާއިލާގެ ނުފޫޒް ކަމަށާއި، އަދިވެސް މިނިވަންއައްސޭރިއަކަށް މިރާއްޖެ އެއްނުދޭ، އެހެންވީމާ އަޅުގަނޑު މިދަންނަވަނީ ތިޔަބޭފުޅުން ޣާފިލުވެ ވަޑައިނުގަންނަވާށޭ.”