އައިލެންޑް އޭވިއޭޝަންގެ ޗެއަރމަންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރައްވައިފި

އިބްރާހީމް ރާމިޒް

koli-umaru-manik

އައިލެންޑް އޭވިއޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަންގެ މަގާމުން ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތްތެރި ވެރިޔާ މުޙަންމަދު ޢުމަރު މަނިކު އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، އޭނާގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގަބޫލުފުޅު ކުރައްވައި، ޗެއަރމަންގެ މަގާމުން ވަކިކުރައްވައިފިއެވެ.

އިސްތިޢުފާ ގަބޫލުފުޅު ކުރައްވައި، މުޙަންމަދު ޢުމަރު މަނިކަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަންގެ މަގާމުގައި ހުންނަވައިގެން، އެކުންފުނި ތަރައްޤީ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އޭނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ކުންފުނީގެ ހިންގުން އެތައް ތަނަކުން ހަރުދަނާވެ، ކުންފުނީގެ ފައިދާވެސް އިތުރުވެގެން ގޮސްފައިވާ ކަމާއި، އެއީ މުޙަންމަދު ޢުމަރު މަނިކުގެ ޗެއަރމަން ކަމުގެ ދަށުން ކުންފުނި ހޯދި ބޮޑު ކާމިޔާބީއެއްކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.