އަނިޔާވެރިކަން އާންމުކުރާނެ ކަމުގައި ގޮވަމުން ގެންދާ ބަޔަކަށް މިގައުމުގެ ވެރިކަން ދޭވަރަށްވުރެ މިއަދުގެ ދިވެހީންނަށް މިފެންނަ ބޮޑުމަންޒަރު މާފުރިހަމަ!

ފުނަމާ

އިވުމުން ބިރުން ދެފައި ތުރުތުރު ލައިގެން ދެއެވެ. އިންސާނުންގެ ބަޔަކު ހަމަ އެފަދަ އިންސާނުންނާއި މެދުގައި ރަހުމެއް ހަމްދަރުދީއެއްވެސް ނެތި މިފަދަ ބަސްތައް ބުނެލާތީއެވެ. އަމިއްލަ ގައުމުގެ އެއްދީނަކަށް އުޅޭ އެއްބަހަކުން ވާހަކަ ދަށްކައި އުޅޭ ބަޔަކާމެދު ކަންކުރާނެ ކަމުގައި ބުނެއުޅޭ މިފަދަ ބަސްތަކުންނެވެ. އަދި ކިއެއްތަ މިއަޑުތައް މިއިއްވައި ހަދަނީ ކޮންބައެއްތޯއެވެ؟ މިގައުމުގެ ވެރިކަން މާދަމާ ކުރާނީ ތިމާމެން ކަމުގައި ބުނެ ގޮވަމުން ގެންދާ މިރާއްޖޭގެ އިދިކޮޅު ޕާޓީ ތަކުގެ އިސް ފަރާތްތަކުންނެވެ.

އަޅުގަނޑުމެން އެންމެންނީ މުސްލިމުންނެވެ. ހާލު ހާލުން އެއްކަލަ “އުޑުފެނާ ، ކަނޑުރޯދި ” ހިފައިގެން މުސްކުޅި މައްލޫނު ދިޔަކަމުގައި ޝަކުވާކުރި ބައެއްމީހުން އެކިޔާ ” ކުފުރު އަހަންމަދު” މެންކަހަލަ މަދުމީހުން މިގައުމުން ފާޅުވިޔަސް މިގައުމު ސައްތައިން ސައްތަ މުސްލިމުންގެ ބިމެއްގެ ގޮތުގައި ދެމިއޮތުމަށް ﷲ ތަޢާލާ މިންވަރު ކުރެއްވީއްސުރެ މިއަދާ ހަމަޔަށްވެސް މި ޓައިޓަލް ދިވެހީންގެ އަތަކުން ފޭރިގަނެވުނު ބަޔަކު އަދި، ގައިމުވެސް ނެތެވެ. އިރާދަ ކުރެއްވިއްޔާ އެއްވެސް ބަޔަކަށް އެކަމެއް ނުވެސް ކުރެވޭނެއެވެ. ވޭތުވެދިޔަ ވެރިކަމުގައި ބަޔަކު ފާޅުގައި މިކަން ކުރާންވެގެން މަރުދީގެންވެސް އެކަމެއް ނުކުރެވުނެވެ. އަދިވެސް ތިމަންނަ މެންނަށް ވެރިކަން ލިބިއްޖިއްޔާ އެކަން ކުރެވޭތޯ ބަލާނެ ކަމުގައި ހީކުރިނަމަވެސް އެކަމެއް ހަމަ އިރާދަ ކުރެއްވިއްޔާ ނުވާނެއެވެ.

ވޭތުވެދިޔަ ވެރިކަމުގައި ދިވެހީންގެ ތެރޭގައި ލާދީނީ ގޮތުން ފަތުރައި ކުރިއަރުވާފައި ނުވަނީ ކޮންކަމެއް ހެއްޔެވެ؟ މުޅީ އޮޑީގައި ހަސަނުދެފައިހެން ވެރިމީހާގެ މުށުތެރޭގައި ގައުމުގެ ހުރިހައި އާރަކާ ބާރެއްގެ އިތުރުން ލެއްވިއްޔާ ލެއްވި ތަނަވަސްކަމެއް އޮތްއިރު ނުކުރާ ނުބައިކަމެއް ނުދޭ އަނިޔާއެއް އެބައޮތް ހެއްޔެވެ؟ މިގައުމުގެ އެންމެހައި ޒުވާނުން މަސްތުވާ ތަކެތީގައި ހަނާކޮށް ލުމުގެ އިތުރުން ހަމަ ބަޑި ޖަހައި މީހުން މެރިއެވެ. ޝަރުއީ ދާއިރާގެ ތެރެއިން ކުށެއް ނުކުރާ އެތަކެއް ހާސް މީހުންގެ އަބުރު ގަސްތުގައި ކަތިލައިލިއެވެ. މުޅިރާއްޖޭގެ އެންމެން ރިބާގެ ވަބާގައި ޖެއްސުވިއެވެ. ބަނގުރަލާ އޫރުމަސް މިއަދު ދެން މިގައުމުން ފޮހެލެވެން ނެތްވަރަށް އިތުރު ކުރުވިއެވެ. މަސް ކަނޑުތައް ބޭރުމީހުންނަށް ފޫޓުއަޅައި ވިއްކާލިއެވެ. އިސްލާމްދީން ފުނޑު،ފުނޑު ކުރާން ފާޅުގައި މަސައްކަތް ކުރާން ބޭނުންވި ކިތަންމެ ބަޔަކަށް މިގައުމުގައި އެފުރުސަތު ދިނެވެ. ކަނޑައެޅިގެން ގުރުއާނާއި ސުންނަތަށް ފުރަށްސާރަކުރިއެވެ. ޒިނޭގެ ހައްދުވެސް އެދޭމީހެއްގެ ގައިގައި މެނުވީ ނުޖެހޭގޮތަށް ހަމަޖެއްސިއެވެ. ދީނުގެ ހައްދުތަކާ އިންކާރުކުރިއެވެ.

މި ދެންނެވުނީ އެނުލަފާ ވެރިކަމުގައި ހިނގާދިޔަ ބޮޑެތި ޚިޔާނާތާއި އަނިޔާގެ ކުޑަކުޑަ މިންވަރެކެވެ. ދިވެހި ރައްޔިތުން ދުވަހަކުވެސް އެެ އަނިޔާވެރި ކަމާ ލާދީނީ ކަންކަމަށްވުރެ ވަކިން ބޮޑަށް އެފަދަ ކަންކަން ހިންގި ވެރިއެއްގެ ވާހަކައެއް ނާހާނެއެވެ. ޕޯޗުގީޒުން ރާއްޖެ ބަނޑުދަށު ލައިގެން އެތިބަ ދިގުޒަމާނުގައިވެސް ގުނައި އަދަދު ކޮށްފިނަމަ އޭރު ޖަލުތަކުގައި ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ އަދަދަށް މީހުން މަރާފައެއް ނުވާނެއެވެ. ދިވެހި ރައްޔިތުންގެ ކަރަށް އެވެރިން އެޅި ރަލުން މަސްތުވީ މީހުންނާއި އަނިޔާވެރި ސަރުކާރުގެ މުށްދަށުގައި މަސްތުވެ މަރުވެގެން ދިޔަ ޒުވާނުންގެ އަދަދު އެތަށް ގުނަޔަކުން އިތުރުވާނެ ކަމުގައި ހުވާކޮށްފާނަމެވެ.

އެފަދަ އަނިޔާވެރި ވެރިޔެއްގެ ކިބައިން މިގައުމު ސަލާމަތްކޮށް މިގައުމާއި މިއަދު ހަވާލުވެ ވަޑައިގެން އެހުންނެވީ ރައީސް ނަޝީދެވެ. ވައުދުތައް ކުރައްވައިގެން ވަޑައިގެން އެވަޢުދުތައް އެގެންދަވަނީ ފުށްދަވަމުންނެވެ. އެތަކެއް ގޮންޖެހުންތައް އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރަމުން ދާއިރުވެސް ފިސާރި ސާދާކަމާ ، ސާބިތުކަމާއިއެކު އެމަނިކުފާނުން މިވީ މަދު އަހަރުތަކުގެ ތެރޭގައި އެކުރެއްވި މިންނަތް ބައިނަލް އަގްވާމީ ދުނިޔެއާއި ދިވެހި ރަށްޔިތުން ބަލައިގެންފިއެވެ. އެކަމަކު ލޮލުހާލު އަނދިރި ކަމުން ނުވަތަ ފިތުނައާއި ، ހަސަދަ ވެރިކަމުން ފުރި ހިތް ފާސިގުވެފައިވާ ބަޔަކަށް އެކަމެއް ނުފެންނާނެ ތާއެވެ. މިތިން އަހަރުގެ ތެރޭގައި ބައިނަލް އަގްވާމީ ދުނިޔޭގައި ރައީސް ނަޝީދަށް ލިބިވަޑައި ގެންނެވި ރީތި ނަންތަކަކީ ދުޝްމަނުންގެ ހިތްތައް އިރިގެންގޮސް ދެމިޔަކަނުން ސޮނިވެއްޓި ދިޔަކަމަކަށް ވެގެން ހިނގައްޖެއެވެ. ބޯހިޔާވަހިކަން ދިވެހި ރަށްޔިތުންނަށް ލިބިދިނުމުގައި އެމަނިކުފާނުން ވެވަޑައިގެންނެވި ވައުދުތައް ފުށްދަވައި ދެއްވާނެކަން މިއަދު މިގައުމުގެ ކުދި ޅަދަރިންވެސް ގަބޫލުކުރާނެއެވެ. ދަތުރު ފަތުރު ކުރުމުގެ ފަސޭހައާއި ، ރަށުބަންދުން ވީއްލުމުން ލިބޭ މިނިވަންކަން މިދަނީ ދިވެހީން އިހުސާސްކުރަމުންނެވެ.

މަސްތުވާ ތަކެއްޗަށް މިސަރުކާރުން ބަންދުކުރާ ކޮންމެ ދޮރެއް ތައްމިނަށް ހުޅުވަން ގަދަފައި ވިއްދައިގެން އުޅުނު ގާޒީކަލޭގެ އެގޮތުގައި ހިފެހެއްޓިއްޖެ ނަމަ މިގައުމު އެކަމުން ގައިމުވެސް ސަލާމަތް ކުރެވޭނެއެވެ. އެކަމަކު މިހާރުވެސް ބަންދު ކުރެވުނު ދޮރުތަކުގެ ސަބަބުން ޝިކާރަވަމުންދިޔަ ކިތަންމެ އާއިލާއެއް އެތިބީ ހިންހަމަ ޖެހުމާއެކު ޝުކުރުން ފުރިފައެވެ. ތިމާގެ ހުރި އެންމެ ދަރިފުޅު މުޅިއުމުރުގައި ދެން ސަލާމަތް ނުވާނެ ކަމުގައި ހީކޮށް މާޔޫސްވި ކިތަންމެ މައިންނާއި ބަފައިން މިއަދު އެތިބީ އެދަރީންގެ މިއަދުގެ ދިރިއުޅުމާމެދު ޔަގީންކަން އުފެދި އަދި ނުވިތާކަށް ސަރުކާރުން އެދަރިއަށް ފަހިކޮށްދިން ވަޒީފާއިން ލިބޭ އާމްދަނީއިން މުޅިން އާހަޔާތެއް ފަށައިގަނެ ކުރިއަށް ދާތަން ބަލަން ތިމާމެންނަށް މިސަރުކާރުން ، ހަމައެކަނި މިސަރުކާރުން ދޭ ފައިސާގެ އިނާޔަތަށް އިންތިހާއަށް ޝުކުރުވެރި ވުމުގައެވެ.

މީގެ ކުރީން ވަގުނަމެއްގައި އޮޅުވާލައިގެންނެގި ޓެކްސްތައް މިއަދި ދެފުށް ފެންނަގޮތަށް ކުރިޔާ ޚިލާފަށް އެތައްތަނަކުން ކުޑަކޮށް ނަގާން ފެށުމާ ދައުލަތަށް ނަގާ ޓެކްސްއިން އެންމެހައި ރައްޔިތުންނަށް ލާބަލިބެމުންދާތަން ފެނުމާ ، އާންމު ޒަރޫރީ ތަކެތިން ޑިއުޓީ ނެގުން ހުއްޓާލުމުން މުދަލުގެ އަގުތައް އަތްފޯރާ ފަށަށް ގައިމުވެސް ދާނެ ކަމުގެ ޔަގީންކަން ލިބުމުން ދެން ތިމާމެންގެ ކުޅިފަސް ގެއްލި ދިޔައީކަން އެނގުނު އިދިކޮޅު މީހުން މިއަދު އެތިބީ ހަގީގަތުގައިވެސް މޮޔަވެފައެވެ.

މިއަދު ކުރެވޭ ނުކުރެވޭ ކަމެއް ނޭނގިގެން ތިބެ މިގޮވަނީ ރައީސް ނަޝީދުގެ ކަރުގައި ވާޖަހައި ދަމާގެންގޮސް ދިގުމުއްދަތައް ޖަލުގައި ބާއްވާ ކުރީންވެސް މިގައުމުގައި އިންސާނުނަށް ދިންފަދަ ލާއިންސާނީ އަނިޔާތައް ދޭނެކަމުގައެވެ. ހަމަ އެހެންމެ ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ކޮންމެ މީހެއް ކޮށާލައި ނިންމާލާނެ ކަމުގައެވެ. ނުވިތާކަށް މިގައުމުގައި އެތިބަ ބޮޑުތުނބުޅި ލައިގެން ޑުރާމާ ކުޅޭ ހައެއްކަ މީހުން ނުކުމެ އަހަރެމެންނަށް އެގޮވަނީ މިއީ ކާފަރުން ކަމުގައި ބުނެއެވެ. އެމީހުން އެހީ ކުރަނީ ދިވެހި ރައްޔިތުން މިތިބީ އަދިވެސް ވަލުބުޑު ނުކަނޑާ ކަމުގައި ހެއްޔެވެ؟ އެފަދަ އަނިޔާވެރިކަން އާންމުކުރާނެ ކަމުގައި ގޮވަމުން ގެންދާ ބަޔަކަށް މިގައުމުގެ ވެރިކަން ދޭވަރަށްވުރެ މިއަދުގެ ދިވެހީންނަށް މިފެންނަ ބޮޑުމަންޒަރު މާފުރިހަމައެވެ.