ޢަބްދުﷲ ގާޒީ ހުކުމްކޮށްފައިހުރީ އާޒިމާ ބުނާ ގޮތަށް ކަމަށް ފޯނުގައި ހުރި އެސްއެމްއެސްތަކުން ހާމަވޭ – މުސްތަފާ

އިބްރާހީމް ރާމިޒް

picture-029

ޢަބްދުﷲ ގާޒީގެ 6 މަސް ދުވަހުގެ އެސްއެމްއެސްތައް ބެލިއިރު، ކޯޓުގެ ޙުކުމްތައް ކޮށްފައިހުރީ ޤާނޫނީ ވަކީލާ އާޒިމާ ޝުކޫރު ބުނިގޮތަށް ކަމަށާއި، ބޭންކުން 18 މިލިއަން ރުފިޔާ ވަގަށް ނެގި މީހުން ވެސް ދޫކޮށްލީ އާޒިމާ ބުނެގެންކަން މިދެންނެވި އެސްއެމްއެސް ތަކުން އެނގެން އެބަހުރި ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެ ޕާޓީގެ “ތިޔަހެނެއް ނުކިޔޭނެ” މި ސިލްސިލާގެ 7 ވަނަ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން މުސްތަފާ އިތުރަށް ވިދާޅުވީ ޢަބްދުﷲ ޤާޒީއަށް މިއިން ޒަމާނަކު ވެސް މި ރާއްޖޭގެ އެއްވެސް ކޯޓކަށް ނުވަދެވޭނޭ ކަމަށާއި، ޝަރުޢީ ދާއިރާ ބޭނުންކޮށްގެން މި ސަރުކާރު ވައްޓާލަން ކިތަންމެ ވަރަކަށް އުޅުނަސް އަދި ޢަބްދުﷲ ޤާޒީ ބޭނުންކޮށްގެން އެކަން ކުރުމުގެ ފުރުޞަތު އިދިކޮޅު ފަރާތްތަކަށް ނުދެއްވާނޭ ކަމަށެވެ.

ސަރުކާރުގެ ތަހުގީގީ އިދާރާގެ ބާރު ކަނޑުވާލުމަށްޓަކައި ބޮޑެތި ވައްކަމާއި، މާރާމާރީއާއި، މީހުން މެރުމާއި، މަގުފޭރުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން ހަމަ ކަނޑައެޅިގެން ހެއްކެއް ގަރީނާއެއް ނެތޭ ކިޔައިގެން ދޫކޮށްލާފައިވާ ކަމަށް ވެސް ރޭ މުސްތަފާ ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާ މިނިވަންކޮށް، ހަމަ މަގަށް އެޅުވުމަށް ރައީސުލް ޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތް ހުއްޓަވާ ނުލެއްވުމަށް މުސްތަފާ ރޭގެ ޖަލްސާ ގައި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ގޮވާލެއްވިއެވެ. އަދި ޢަބްދުﷲ ޤާޒީއަކާއި ޤާނޫނާއި ގަވައިދަށް ބެލުމެއް ނެތި ހުކުމްކުރައްވާ ޤާޒީއެއް ކަމަށާއި، އަދި އިތުބާރު ގެއްލިފައިވާ އެއްވެސް ކޯޓަކުން ކުރާ ހުކުމެއް ތަންފީޒްނުކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަށް މުސްތަފާ ގޮވާލެއްވިއެވެ.

އަދި މިހާރު މި ރާއްޖޭގެ ޝަރުޢީ ނިޒާމް ރައްކާތެރި ކުރެވޭނޭ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފި ކަމުގައި ވެސް މުސްތަފާ ވިދާޅުވިއެވެ.