އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލެ ހަލަބޮލިކުރުމަށް ކުރާ މަސައްކަތް ކަމަދޫ ކައުންސިލުން ވެސް ކުށްވެރިކޮށްފި

އިބްރާހީމް ރާމިޒް

kamadhoo-440-x-338

އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލެ ހަލަބޮލިކުރުމަށް ކުރާ މަސައްކަތް ބ.ކަމަދޫ ރަށު ކައުންސިލުން ވެސް ކުށްވެރިކޮށްފި އެވެ.

އެ ކަުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޕީ ޕީ އެމް އިސްނަގައިގެން ސިޔާސީ ބައެއްފަރާތްތަކާއި ގުޅިގެން ސިލްސިލާކޮށް މާލޭގެ މަގުތައް ބަންދުކޮށް ހިންގަމުން ގެންދާ ޣައިރު ޤާނޫނީ ހަރަކާތްތައް އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށް ބުނެފައެވެ.

” މިއަމަލުތަކުތެރޭގައި މީހުންގެ މުދަލަށާއި ފުރާނައަށް ގެއްލުން ދިނުމުގެ އިތުރުން ވެށިފަހި މާލޭ މަސްރޫއުގެ ދަށުން މާލެ ފެހި ކުރުމަށް މާލޭ ސިޓީ ކައުންސިލުން އިންދާފައިހުރި ގިނަ އަދަދެއްގެ ރުއްތައް ސިޔާސީ މަގުސަދެއް ހާސީލްކުރުމަށް ބޮޑެތި ކުއްވެރިން ބައިވެރިކޮށްގެން ވަނީ ގެއްލުންދީފައެވެ.” ބ.ކަމަދޫ ރަށު ކައުންސިލްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ވެސް، އިދިކޮޅު ފަރާތްތަކުގެ މި ޢަމަލުތަކުގެ ސަބަބުން ގިނައަދަދެއްގެ ފުލުހުންނަށާއި އާއްމުންނަށާއި، އަދި ވިޔަފާރިވެރިންނަށް އެކިކަހަލަ ޖިސްމާނި އަނިޔާތައް ލިބިފައިވާ ކަމަށާއި، މީގެ އިތުރުން މަޖީދީމަގާއި ޗާންދަނީމަގު ގުޅުނު ކަންމަތި ބަންދުކޮށް އެތަނުގައި އަދުގަދަ ކުރުމުގެ ސަބަބުން އެސަރަޙައްދުގައި ވިޔަފާރި ކުރަމުންދާ ފަރަތްތަކަށާއި، ދިރިއުޅޭ މީހުންގެ ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅި، ދިރިއުޅޭ ގޭގެއަށް ވާސިލްނުވެވި، އެފަރާތްތަކަށް ޤާނޫންއަސާސިންނާއި ޢާއްމު ޤަނޫންތަކުން ލިބިދޭ ހައްޤަކުން މަހުރޫމް ކުރެވުމުންދާތީ އެ ކައުންސިލުން ކަންބޮޑުވެ ހިތާމަކުރާ ކަމަށް ކަމަދޫ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

މިއެއްވުންތަކުގައި ގޭންގުތައް ހަދައިގެން މާރާމާރީ ހިންގުމާއި ވައްކަންކުރުމާއި ފޭރުންފަދަ ކުއްތަކުގައި ތަކުރާރުކޮށް ބައިވެރިވެފައިވާ ފަރާތްތަކުން ޙަރަކާތްތެރިވެފައިވާކަން ފުލުހުންވަނީ ކަށަވަރުކޮށްދީފައިވާ ކަމަށާއި، ވުމާއިއެކު ޤާނޫނީ ވެރިކަން ވައްޓާލުމުގެ ބޭނުމުގައި މާލޭގައި ހިންގަމުންމިގެންދާ ޙަރަކާތްތަކަކީ މުޖުތަމައުއަށް އާއްމުވެފައިވާ ގޭންގު ކުއްތަކާއި މާރާމާރީތައް، ހުއްޓުވައި އެފަދަ ޙަރަކަތްތަކުގައި އިސްވެ އުޅޭ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ދައުލަތުގެ މުއައްސަސާތަކާ، ފުލިހުން މަސައްކަތްތަކަށް ހުރަސްއެޅުމުގެ މަގުސަދުގައި ޕީޕީއެމް، ހިންގަމުންގެންދާ ޣައިރުޤާނޫނީ ޙަރަކާތްތަކެއްކަމުގައި އެ ކައުންސިލުން ދެކޭ ކަމަށް ވެސް ކަމަދޫ ކައުންސިލުގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ކުއްލިގޮތަކަށް ސަރުކާރަށް ހުއްޓުންތައް ގެނައުމަށް މަސައްކަތްޕުޅުތައް ކުރައްވަމުންގެންދަވާ އެއްވެސް ފަރާތެއްގެ ނުފޫޒުގައި ނުތިއްބަވައި، ޤައުމީ މަސްލަހަތަށާއި، ޤައުމުގެ ކުރިއެރުވުމަށްޓަކައި އެކުވެރިވެ ވަޑައިގެން ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކީގައި ދިވެހިރާއްޖޭގެ ސިޔާދަތާއި ރައްޔިތުންގެ އެއްބައިވަންތަކަމާއި، އަމަންއަމަން ކަމާއި، ރައްކާތެރިކަމާއި، ޤައުމުގެ ޝަރަފް ހިފެހެއްޓުމަށްޓަކައި މަސައްކަތްކުރުމީ އެންމެންގެ މަސްޢޫލިއްޔަތެއް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

އަދި އިދިކޮޅު މީޑިއާތަކަކީ ސަރުކާރު ޒިންމާދާރުކުރުވުމުގެ ބަދަލުގައި ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ހަތިޔާރަކަށް ހަދާފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީއާއި ޤާނޫން ތަކާއި ޤާނޫންތަކުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް އެންމެހާ ރައްޔިތުން އިހްތިރާމްކޮށް އަމަން އަމަން މާހައުލެއް ޤާއިމުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ދިވެހި ރައްޔިތުންނަށް، މި ބަޔާނުގައި ކަމަދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ބ.ކަމަދޫ ކައުންސިލްގެ ނޫސް ބަޔާން ވިދާޅުވުމަށް މި ލިންކަށް ފިއްތަވާ ލައްވާ