އިންޑިޔާ ކަނޑުގެ ސަލާމަތާއި ބެހޭ ގޮތުން އިންޑިޔާ އަދި ލަންކާގެ ވަފްދޫގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރައްވައިފި

hep-indian-maritime-450-x-299

“ޓްރައިލެޓަރަލް ޑިސްކަޝަންސް އިން މެރިޓައިމް ސެކިއުރިޓީ އިން ދި އިންޑިއަން އޯޝަން ރީޖަން” ވަރކިންގ ގްރޫޕް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އިންޑިޔާގެ ވަފްދާއި ސްރީލަންކާގެ ވަފްދުގެ ބޭފުޅުންނާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްދަލު ކުރައްވައި، އިންޑިޔާ ކަނޑުގެ ސަލާމަތާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި މި ދެ ބައްދަލުކުރެއްވުމުގައި، އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ކުރިމަތިވަމުންދާ ސަލާމަތީ މައްސަލަތަކާ ބެހޭގޮތުންނާއި، އެކަންކަމަށް ހޯދިދާނެ ޙައްލުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކަނޑުފޭރޭ މީހުންނާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، އަދި އެހެން ސަބަބުތަކާ ގުޅިގެންވެސް ކަނޑުގެ ސަރަޙައްދުގައި ކުރިމަތިވާ ނުރައްކާތައް ހުއްޓުވުމަށްޓަކައި، ކޮންމެ ޤައުމަކުން ވަކިވަކިން މަސައްކަތްކުރުމުގެ ބަދަލުގައި، ޤައުމުތައް ގުޅިގެން މިސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

އިންޑިޔާގެ ވަފްދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތީ ކަންކަމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އިންޑިޔާގެ ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ސަލާމަތީ ކަންކަން ވަރުގަދަކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް އެބޭފުޅުން އަލިއަޅުއްވައިލެއްވިއެވެ.

ސްރީލަންކާގެ ވަފްދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިސަރަޙައްދުގެ މަސްވެރިކަމުގެ ރައްކާތެރިކަމުގެ މައްޗަށް މަޝްވަރާ ކުރެއްވިއެވެ.