ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސް ނޭޅުމަށާއި ސަރުކާރާއިމެދު ސާބިތު ނުހިފޭ ދޮގުވާހަކަތައް ނުފެތުރުމަށް އއ. އަތޮޅު ކައުންސިލުން ގޮވާލައިފި

އިބްރާހީމް ރާމިޒް

އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއަޅައި، ސަރުކާރާއިމެދު ސާބިތު ނުހިފޭ ދޮގުވާހަކަތަކެއް ފަތުރައި، ރައްޔިތުންގެ ހިތުގައި ސަރުކާރާއި މދު ނަފްރަތު އުފައްދަން މަސައްކަތް ކުރަމުންދާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށް އއ.އަތޮޅު ކައުންސިލުން ބުނެފިއެވެ.

ރިޔާސީ ނިޒާމެއްގައި ރައްޔިތުންނަށްދޭ ޚިދުމަތްތައް ބިނާވެފައިވާނީ ސަރުކާރުންވާ ވަޢުދުތަކަށާއި، އަދި މެނިފެސްޓޯއެއްގެ މައްޗަށް ކަމަށާއި، އެމްޑީޕީގެ ސަރުކާރުން ވެރިކަމާ ހަވާލުވީއްސުރެ ރައްޔިތުންނަށް މީގެ ކުރިން ހިތަށް ވެސް ނުގެނެވޭ ފަދަ ގިނަގުނަ ޚިދުމަތްތަކާއި، ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްތައް ރާއްޖޭގެ އެކިކަންކޮޅުގައި ހިނގަމުންދާ ކަމަށް އެ ކައުންސިލުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައިވެއެވެ.

” ދިވެހިރާއްޖޭގެ ރައްޔިތުން ރަށު ބަންދުން ސަލާމަތްވެ، ބޭސް ސިޓީއަށް ސަލާން ޖެހުން ހުއްޓި، ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ފެށި، ތަކެތީގެ އަގު އަތްފޯރާ ފަށަށް ތިރިވަމުން އަންނާތީވެ، ރައްޔިތުންގެ ހިތުގައި ސަރުކާރާއި މެދު ޔަގީންކަމާއި އިތުބާރު ބޮޑުވެގެންދާ ދަނޑިވަޅެއްގައި އިދިކޮޅު ފަރާތްތަކުން ދިވެހީންގެ ދީން ކަމުގައިވާ މާތްވެގެންވާ އިސްލާމް ދީން ސިޔާސީ ހަތިޔާރަކަށް ހަދައިގެން ސަރުކާރާއި ދެކޮޅަށް ހިންގަމުންދާ ޢަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް މި ކައުންސިލުން ގޮވާލަމެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ޑިމޮކްރަސީގެ ރިވެތި އުޞޫލުން އަމަލުކުރަމުން ގެންދިއުމަކީ އޭގެ ފައިދާ ލިބިގެންދާނޭ ކަމެއް ކަމުގައި މި ކައުންސިލުން ދެކެމެވެ.” އއ. އަތޮޅު ކައުންސިލްގެ ނޫސް ބަޔާނުގައި ވެއެވެ.

އއ.އަތޮޅު ކައުންސިލްގެ ނޫސް ބަޔާން ވިދާޅުވުމަށް މި ލިންކަށް ފިއްތަވާ ލައްވާ