މިސަރުކާރުން ވީ އެއްވެސް ވައުދެއް ހަމަ ފުއްދާ ދެވިފައެއް ނެތްތޯއެވެ!

ފުނަމާ

މިއީ މިއަދު ބަޔަކު ވަރަށް ދައްކާ ހިތްވާ ވާހަކައެކެވެ. އެކަނި އޮވެގެންނާއި ދޭދޭ ދެމީހުން ވެގެންނާއި މީހުން އެއްކޮށްގެންވެސް މިވާހަކަ މިމޭރުމުން ދައްކާލާފައި މެނުވީ ދެލޮލަށް ނިދިނައިސްގެން އުޅޭ ބަޔަކުވެސް މިގައުމުގައި އެބައުޅެއެވެ. އެކަމަކު “ރޯމާދުވާލު” ދެލޯމަތީގައި އަތްއަޅާފައި މިއީ ރޭގަނޑެކޭ ބުނެފިނަމަ އެކަން ގަބޫލުކުރާނެ ގައިމުވެސް ގިނަބަޔަކު ނުތިބޭނެއެވެ. މިހެން ކަންވާންވުމުން އަދި ކުރީންމިބުނި ގިންތީގެ މީހުންނަށް އެކުރަނީ އަމަށަކު އަސަރެއްވެސް ނޫނެވެ.

މިއަދު މިރާއްޖޭން ފެންނަމުން މިދާ ގިނަ މަންޒަރުތަކަކީ މިއެވެ. ރައްޔިތުންނަށް އޮޅުވާލައި ތިމަތިމާމެންގެ އަމިއްލަ އެދުމަށްޓަކައި ތިމާގެ އަމިއްލަ ގައުމަށް ޚިޔާނާތްތެރި ވެވޭ މިންވަރުވެސް އެފަދަ މީހުންނަށް ނޭނގޭކަމީ ހިތާމަކުރާ ކަމެކެވެ. ތިމާގެ އަނބިމީހާ ހިލޭފިރިހެނުންނަށް ވިއްކައި އުޅޭ މީހުންނަށް އަހަރެމެންގެ ތެރެއިން ބައެއްމީހުން ކިޔައި އުޅެނީ ” އިޔަހޫދީންނޭ ” އެވެ. އެހެންވީއިރު ތިމާގެ މަންމަ ކަމުގައިވާ އަމިއްލަ ގައުމު ވިއްކާލައި ފުނޑު ފުނޑު ކޮށްލާ މީހުންނަށް ދެންކިޔާނީ ކީކޭ ބާވައެވެ؟ އެނގޭ ކަމަކީ ތިމާގެ ވަތަނަށް ޚިޔާނާތްތެރިވެ ޣައްދާރުވާ މީހުންނަށްވުރެ ވަކިން ނުލަފާ ބަޔަކު މިދުނިޔޭގައި ނޫޅޭނެއެވެ. އެބުނާ ނުލަފާ ޔަހޫދީންވެސް އެމީހުންގެ ގައުމަކަށް ޚިޔާނާތްތެރި ވާކަށް ނޫޅޭނެއެވެ.

އެކަމަކު ސައްތައިން ސައްތަ މުސްލިމުންނޭ ބުނެއުޅޭ މިގައުމުގެ ބަޔަކު ނުކުމެ ފާޅުގައި މިގައުމު ފަސާދަކޮށް ގައުމުގެ ރަށްޔިތުން ހަނާކޮށްލުމަށް މަސައްކަތް ކުރަމުން ގެންދާތަން މިދަނީ ތަކުރާރުކޮށް ފެންނަމުންނެވެ. މިމީހުންގެ ނިޔަތަކީ ކޮބައިކަން ކިތަންމެ ރަނގަޅަކަށްވެސް މިދަނީ އެނގި ހާމަވަމުންނެވެ. އެއްދުވަހުން އަނެއް ދުވަހަށް ބޭޒާރު ވަމުންނެވެ.
ތިމާމެންނަކީ އިސްލާމްދީނުގެ ޢިލްމު ވެރީންނޭ ބުނެ ނުކުމެ ތިމާމެން މެނުވީ ދެންތިބީ ހުސްކާފަރުން ކަމުގައި ދައުވާކުރާ މީހުންގެ ހާލުހުރިގޮތް އެނގުމުން މުޅިގައުމު ލަދުވެތި ވެއެވެ. އެންމެ ދަށުފަންތީގެ މީހުންވެސް ނުކުރާފަދަ ހަޑިހުތުރު ވަހުޝީ ކަންކަން ކުރާބަޔަކު ތިމާމެންނީ ދީނީ އިލްމުވެރީންނޭ ބުނުމުން މިދީނަށް ކުރެވޭނެ އެއަށްވުރެ ހުތުރު މަލާމާތެއް އޮންނާނެ ހެއްޔެވެ؟ ވެރިކަމުގެ ދަހިވެތި ކަމުގައި ދެތިން މުއްސަދީން ދިއްކޮށްލާ ދެތިންބޮނޑި ރުފިޔާއަށް ތިމާމެންގެ އަގީދާ ވިއްކާލާ ބަޔަކަށް ދީންވެރީންނޭ ކިޔިދާނެ ހެއްޔެވެ؟ ދީނާ ދުނިޔެ ، ނުވިތާކަށް އާޚިރަތް އޮޅުވާލާ ބަޔަކީ ކޮންފަދަ ނުބައި ނުލަފާ މީހުން ހެއްޔެވެ؟

މިހުރިހައި ކަމެއް ދަނެހުރެ މި އިންސާނުން މިދަނީ އޭނާގެ ހުރިހައި ކަމެއްގައި އިސްރާފުކޮށް މުޅިދުނިޔެއާއި އާޚިރަތުގެ ގިންޏަށް އަބަދު ހުށައެޅުމުގެ މަގުކޮށަމުންނެވެ. މީސްތަކުން ސުލްހަ ކުރުމުގެ ބަދަލުގައި މުޖުތަމައުތައް ފަސާދަ ކުރަމުންނެވެ. ފިތުނަޔަކީ ގަތުލު ކުރުމަށްވުރެ ނުބައި ފާފައެއްކަން އެނގިތިބެމެއެވެ.
މިއަދު މިގައުމުގައި މިއޮތް ސަރުކާރަކީ އެތަކެއް ޒަމާންވީ ޚުދުމުޚުތާރު ވެރިކަމެއް ނިންމުމަށްފަހު ދިވެހީން ގެނައި ސަރުކާރެކެވެ. ކުރީގެ ސަރުކާރުން ގައުމާއި ރައްޔިތުންނަށް ވެފައިވާ އަނިޔާއާއި ، ޚިޔާނާތުގެ ބަދަލުގައި މިސަރުކާރުން އެމީހުންގެ ކިބައިން ބަދަލު ނުހިފައި ދޫކޮށްލުމަކީ އަލުން ބިމުން ވެލިފޮޅާލައި ތެދުވެ މިސަރުކާރު އިނދަ ޖައްސާލުމަށް ކުރީގެ ސަރުކާރު ހިންގި އަނިޔާވެރި ޚާއިނުންނަށް ލިބުނު ފުރުސަތެއް ކަމުގައި ދުށުމަކީ އިންސާފު ހެއްޔެވެ؟ ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ނިޔަތުގައި ރެޔާދުވާލު ސަރުކާރުން ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރާތަނާއި އެކަންކަން ކާމިޔާބުވެ ރައްޔިތުންގެ ތާއީދު ސަރުކާރަށް ލިބޭން ފެށުމުން ” އާންދޮގޭ ތިޔަހެން ތިއްބަކަ ނުދޭނަމޭ ” ބުނެ ވިއްޔާވީ މީހަކު ގޮވައިގެން، ހައްލައިގެން ނުކުތުމަކީ ސަރުކާރު މަޑުމަޑުން ބަލާން އޮންނާން ޖެހޭނެ ކަމެއް ކަމުގައި ބަލާން ޖެހޭހެއްޔެވެ؟ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ކޮންމެ ގޮތަކުން ނަމަވެސް ވައްޓާލުމަށް ތާއަބަދު ގޮވައި ނަގަމުން އެކަމަށް ނުކުމެ ގައުމު ކުޑަޔަށްލައި ދުވަމުން ގެންދާއިރު ސަރުކާރުން ބަލާން އޮންނާންވީ ހެއްޔެވެ؟ ދުލަށް އެރިހައި އެއްޗެއް ގޮވަމުން ހެއްދެވިހައި ދޮގުތައް ހަދަމުން ގެންދާއިރު އެއީ ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ބުނެ ނިންމާލާން ވީހެއްޔެވެ؟ ނުވިތާކަށް ދީންވެސް ހަތިޔާރަކަށް ހަދައިގެން ނުކުމެ މުޅިގައުމު ފިތުނަ ކުރާތަން ބަލާން ތިބެން ވީހެއްޔެވެ؟ އެންމެހައި ފާހިޝް ޢަމަލުތަކުން ފޯވެފައި ތިބި އަމިއްލަ ނަފުސާއި ދީން މަދު ރުފިޔާ ކޮޅަކަށް ވިއްކާލާ ބަޔަކަށް މިގައުމުގައި ހުރިހައި ފުރުސަތެއް ދީގެން ތިބެންވީހެއްޔެވެ؟

މިސަރުކާރު އައީ ވައުދުތަކެއް ހިފައިގެންނެވެ. އެވައުދުތައް މިވަނީ ފުއްދައިދީ ނިމެން ކައިރި ވެފައެވެ. ކުރީ ސަރުކާރުން ނަމެއްގައި ސަރުކާރު މުއަށްޒަފުންނަށް ހަމައެކަނި ދެމުންއައި މަދަނަ ފުޅާކޮށް، މިއަދު އާސަންދައިގެ ނަމުގައި ދިވެހި ރައްޔިތު އެންމެންނަށް ހިލޭ ބޭސްފަރުވާ އެގެންދަނީ ލިބިދެމުންނެވެ. ދުވަސްވީ މީހުންނަށް އެދަނީ ފައިސާ ދެމުންނެވެ.އެކަނިވެރި މައިންގެ ތުންފަތަށް ހިނިތުންވުމެއް ގެނެސްދިނީ މިސަރުކާރުންނެވެ. ސަރުކާރުގެ އެންމެހައި ވައުދުތައް އެގެންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ފުއްދަމުންނެވެ. އިމްޕޯޓު ޑިއުޓީ ކަނޑާލި ގިނަ ބައިވަރު މުދާތަކުގެ އަގު މިއަދު އެދަނީ ތިރިވެ އަތްފޯރާފަށުން ފައިތިލައާއި ހަމަޔަށް ތިރިވަމުންނެވެ. ރަށްޔިތުންނަށް މިކަންކަމުގެ ފައިދާއާއި މަންފާ ދެންފެނިދާނެކަން ޔަގީންވުމުން އިދިިކޮޅު ފަރާތްތަކުގެ މޭބޮޑުވެ ދެފައި އެދަނީ ތުރުތުރު ލަމުންނެވެ.

ކުރީގައި ވެރިމީހާގެ ބަތާކައިގެން އުޅުނުހާ ބަޔަކާއި، ފަގީރުންގެ ހައްގުތަށް މުށުތެރެއަށް ލީހައި ބަޔަކާއި ޝަރުއީ ދާއިރާގައި އެމީހުންގެ ނަގޫ ފިތިފައި ތިބިހައި މަޖުނޫނުން ބޭނުން ކޮށްގެން މިއަދު ނުކުމެ އެތިބީ ވައްޓާލެވުނު ކޮންމެ ގޮތަކުން މިސަރުކާރު ވައްޓާލާށެވެ. ބަހަނާއެއް ކަމުގައި ބުނެ ގޮވަނީ މިސަރުކާރުން ވައުދުތައް ނުފުއްދާ ވާހަކައެވެ. އިސްލާމްދީން މުގުރާ ވާހަކައެވެ. އަޖާބުވެ އަންތަރީސްވަނީ މިބޮޑު ދޮގުތައް ހަދަމުން ގެންދާއިރު މިސަރުކާރުގެ ލުއިފަސޭހަކަން ހިއްސާ ކުރަމުން ގެންދާ މީހުންގެ ތެރެއިން ބަޔަކު ނަމަވެސް އެމީހުންގެ މިމަކަރުވެރި ދަންތުރައިގައި ޖެހި ހަފުސްވަމުންދާ ކަމެވެ. މިގައުމު ބޭރުދުނިޔެއަށް ބޭޒާރުކުރުމަށް ފޫގަޅައިގެން ދުވާކަމެވެ. މިސަރުކާރުން ދިންހާ އެހީތެރިކަމެއް ގޭގައިތިބި ދުވަސްވީ މީހުންނާއި ޅަދަރީންނަށް ފަހިކޮށް ދީފައި ނުކުމެ ދުވަމުން އެތިބަ ގޮވަނީ “މިސަރުކާރުން ވީއެއްވެސް ވައުދެއް ފުއްދައި ދެވިފައެއްެނެތެވެ.” ބަޔަކު ވެރިކަމައިގެން ހަސްގަނެ ތަސައްރަފުން ކެނޑޭނީ މިވަރަށެވެ.