ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަގާމުން މުއިއްޒު ދުރުކުރަން ޕެޓިޝަނެއް ތައްޔާރުކުރުމަށް އެމްޑީޕީން ނިންމައިފި

އިބްރާހީމް ރާމިޒް

shifaz histo

ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އަޙުމަދު މުއިއްޒު މަގާމުން ދުރުކުރުމަށް ޕެޓިޝަނެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފި އެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި “ތިޔަހެނެއް ނުކިޔޭނެ” ސިލްސިލާގެ 6 ވަނަ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް ޤާނޫނީ ގޮތުން އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތު އަދާކުރައްވަމުން ނުގެންދަވާ ކަމަށާއި، އެކަމުގެ ސަބަބުން ގައުމު ހަލަބޮލިވެ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދެމުންދާ ކަމަށެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމާއި ގުޅިގެން އެކަމާ ދެކޮޅަށް ސަރުކާރާމެދު ދައުވާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވާ ޕީޖީ މުއިއްޒުގެ މައްޗަށް އިތުބާރެއް ނެތް ކަމަށާއި އެމަނިކުފާނުގެ މައްސަލަ ވަރަށް ބޮޑުވެފައިވާތީ، އެ މައްސަލަތައް ބަލަންޖެހޭ ކަމަށް ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ރޭގެ ޖަލްސާ ގައި ވިދާޅުވިއެވެ. އަދި ދެ ދުވަހެއްގެ ތެރޭގައި އޭނާ މަގާމުން ދުރުކުރުމަށް ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފައްޓަވާނޭ ކަމަށާއި، އެ ޕެޓިޝަން ބައްލަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މުގައްރިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އަށް ޝިފާޒް ގޮވާލެއްވިއެވެ.

ކުށެއްގެ ތުހުމަތު މީހެއްގެ މައްޗަށް ކުރެވިއްޖެ ހިނދެއްގައި އެ ކަމެއްގެ ޝަރީއަތް ހިންގުމަށް އަމުރު ކުރުމަކީ ޕީޖީގެ ވަޒީފާ ބަޔާނުގައި ހިމެނޭ ކަމެއް ކަމަށާއި، އެހެން ނަމަވެސް އެކަން ޕީޖީ މިހާތަނަށް ކޮށްފައިނުވާ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ވިދާޅުވިއެވެ. އެ ގޮތުން ކުރީގެ ރައީސް މައުމޫނާއި ކުރީގެ ވަޒީރު އަދި މައުމޫނުގެ ކޮއްކޮ، ޔާމީން ޢަބްދުލްޤައްޔޫމާ މެދު ތުހުމަތު ކުރެވޭ 800 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލަ ވެސް ޕީޖީ މުއިއްޒު ބަލާފައި ނުވާ ކަމަށް ޝިފާގް ވިދާޅުވިއެވެ.

ގާނޫނާ ހިލާފުވެފައިވާތީ ޕީޖީ މުއިއްޒު ހައްޔަރުކުރުމަށް ގޮވާލައްވަމުން ޝިފާޤް ވިދާޅުވީ ސަރުކާރާއި މެދު ދީނޭ ކިޔައިގެން ވެސް ސާބިތު ނުހިފޭ، އަސްލެއް ނެތް އެތައް ދޮގުވާހަކައެއް ދައްކަމުން ދާއިރު ވެސް، އެ ވާހަކަތަކާ މެދު ދައުވާކުރުމަށް ޕީޖީ ހުށަނާޅުއްވާ ކަމަށް ޝިފާޤް ވިދާޅުވިއެވެ.

“”އަޅުގަނޑު މިރޭ ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރަށާއި، ދިވެހި ރާއްޖޭގެ ދުސްތޫރު ނަގަހައްޓާ ދަމަހައްޓާ ދައުލަތުގެ ސިޔާދަތު ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރައްވަންޖެހޭ ރައީސުލް ޖުމްހޫރިއްޔާއަށް މި ދަންނަވަނީ އަޅުގަނޑުމެންގެ ޕްރޮސެކިއުޓާ ޖެނަރަލް ކަމުގެ މަގާމުގައި ހުންނެވި ބޭފުޅާ މިއަދާ ހަމައަށް ވެސް ގާނޫނު އަސާސީ އެބޭފުޅާއަށް ލާޒިމް ކުރާ ކަންތަކަށް އެބޭފުޅާ ވަނީ އިހްމާލުވެފައޭ. އެނާ ހައްޔަރުކުރާށޭ،” ރޭގެ ޖަލްސާ ގައި ޝިފާގު ވިދާޅުވި އެވެ.

ރޭގެ ޖަލްސާ ގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވަނީ ޕީޖީ މުއިއްޒު މަގާމުން ދުރުކުރުމަށް އެމްޑީޕީން ތައްޔާރުކުރާ ޕެޓިޝަންގެ މަސައްކަތް އެ ޕާޓީގެ ހަރުގޭގައި މިރެއިން ފެށިގެން ކުރިޔަށްދާނޭ ކަމަށް އިއުލާންކުރައްވާފައެވެ.