ކޯޓުތަކުގައި މިއަދަށް ޝެޑިއުލްކުރި މައްސަލަތައް ކެންސަލް ކުރުމަކީ އަދުލު އިންސާފުގެ ދާއިރާ ސިޔާސީ ވެފައިވާ ކަމުގެ ހެއްކެއް ކަމަށް އެމްޑީޕީގެ ނައިބު ރައީސް ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

alhaan-fahumy

ކޯޓުތަކުގައި މިއަދަށް ޝެޑިއުލްކުރި މައްސަލަތައް ކެންސަލް ކުރުމަކީ އަދުލު އިންސާފުގެ ދާއިރާ ސިޔާސީ ވެފައިވާ ކަމުގެ ހެއްކެއް ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އަލްހާން ވިދާޅުވީ އެންމެ މީހެއްގެ ދިފާއުގައި އެތައް ދިވެހިރައްޔިތުންގެ ހައްގު ގެއްލުވާލައި ކޯޓުތަކުގެ މަސައްކަތް ހުއްޓާލުމާއި، “ރޭ މުޅި ޖުޑިޝަރީ ހޭލާތިބެ ބަޔާންތަކާއި ޙުކުމްތައް ނިންމަމުން ދިއުމާއި، މިވަނީ ކީއްކަން ނޭނގި ޢަބްދުﷲ ގާޒީ ދޫކޮށްލަން އެންގުމުން ރާއްޖޭގެ ޖުޑިޝަރީ ރިފޯމް ކުރަންޖެހިފައިވާ ކަން ގަބޫލުކުރަން ޖެހޭ”، ކަމަށެވެ.

އަލްހާން އިތުރަށް ވިދާޅުވީ ޢަބްދުﷲ ޤާޒީ ގައުމީ ދިފާޢީ ބާރުގެ ދަށަށް ގެންދިއުމުގައި ރައީސުލްޖުމްހޫރިއްޔާ ވެސް އަދި ސިފައިން ވެސް ޤާނޫނު އަސާސީ އާ ޚިލާފް ކަމެއް ކޮށްފައިނުވާ ކަމަށާއި، ދައުލަތުގެ އެންމެ މަތީ ތަންފީޒީ ބާރަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ރަސޫލު ޒަމާނުއްސުރެ ސްޕްރީމް ކޯޓުގައި ހުރި ރައްޔިތުންގެ މަސްލަޙަތު ހިމެނޭ އެތައް މައްސަލައެއް އެއްފަރާތްކޮށް ޢަބްދުﷲ ޤާޒީގެ ހިމާޔަތުގައި ސްޕްރީމް ކޯޓާއި މުޅި ޖުޑިޝަރީ، ރޭ އެކްޓިވޭޓްވި ކަމަށާއި، “މުޅި މަންޒަރަށް ބަލާއިރު ޖުޑިޝަރީ ރިފޯމްކުރަންޖެހޭ” ކަމަށް އަލްހާން ވިދާޅުވިއެވެ. އަދި އެއީ ހަމައެކަނި އޭނާގެ ވިސްނުން ނޫން ކަމަށާއި، ރާއްޖޭގެ އެންމެ ބައިބޯ ސިޔާސީ ޕާޓީގެ ވިސްނުން ކަމަށާއި، ދިވެހިރައްޔިތުންގެ އަޤްލަބިއްޔަތުގެ ވިސްނުން ކަމަށް އަލްހާން ވިދާޅުވިއެވެ.

” އަޅުގަނޑުމެން މިކަން ހުއްޓައެއް ނުލާނަން ޖުޑިޝަރީ ރިފޯމް ނުވަނީސް. ޖުޑިޝަރީ ރިފޯމްވާން ޖެހޭނެ. ޖުޑިޝަރީއަށް ޤާނޫނު އަސާސީން ލިބިދޭ މިނިވަން މުސްތަޤިއްލުކަން ލިބެންދެން އަޅުގަނޑުމެން މި މަސައްކަތް ހުއްޓައެއް ނުލާނަން.” ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަލްހާން ވިދާޅުވިއެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، އެ ޕާޓީގެ ސްޕޯކްސްޕާސަން މުޙައްމަދު އިމްތިޔާޒް (އިންތި) ވެސް ބައިވެރިވެވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ.

މޫސަ ދެއްކެވި ވާހަކަފުޅުގައި ސަރުކާރާއި އެމްޑީޕީގެ ބޮލުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން، ސިޔާސީ ބޭނުމަކަށް ދީނޭ ކިޔައިގެން ސާބިތު ނުހިފޭ ދޮގު އިލްޒާމް އެޅުވުމަކީ އެމްޑީޕީ ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ސިޔާސީ ގޮތުން އެމްޑީޕީ މަސައްކަތް ކުރަނީ ޖޯކެއްގެ ގޮތުގައި ނޫން ކަމަށާއި، އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއެއް ކަމަށް މޫސަ ވިދާޅުވިއެވެ.

” ރައީސުލްޖުމްހޫރިއްޔާ އާއި އެމްޑީޕީގެ މެންބަރުންނަކީ ކާފަރުން ކަމުގައި ކަނޑައެޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރުވެސް، މިނިވަން މުޥައްސަސާތަކުން” ވެސް އަދި ކަމާއިބެހޭ އެހެން ފަރާތްތަކުން ވެސް ހަނު ތިބުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަކީ ކާފަރުންނޭ ކިޔާއިރު، މި ދަންނަވަނީ ސްޕްރީމް ކޯޓުން ހުކުމެއް ނެރެދެއްވާށޭ އެހެނެއް ނުކިޔޭނޭ ކަމުގަ،” މޫސަ ވިދާޅުވިއެވެ.