އެމްޑީޕީގެ ތިޔަހެނެއް ނުކިޔޭނެ ސިލްސިލާގެ 5 ވަނަ ޖަލްސާ މިރޭ އޮންނާނެ

އިބްރާހީމް ރާމިޒް

haruge-dheneh-nukiyeyne-15-01-2012-731

އެމްޑީޕީން “ތިޔަހެނެއް ނުކިޔޭނެ” މި ނަމުގައި ފަށާފައިވާ ފޯރިގަދަ ކެމްޕެއިންގެ ދަށުން ބާއްވާ ސިލްސިލާ ޖަލްސާ މިރޭ ވެސް އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.

މިރޭ 8.45 ގައި ފަށާ މި ޖަލްސާ ގައި ވެސް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނާއި، އެމްޑީޕީގެ ބައެއް ކޮމިޓީތަކުގެ ބޭފުޅުން ވާހަކަދައްކަވާނެއެވެ.

އެމްޑީޕީން “ތިޔަހެނެއް ނުކިޔޭނެ” މި ނަމުގައި ފަށާފައިވާ ސިލްސިލާ އަކީ އެމްޑީޕީގެ މެންބަރުންނަކީ ލާދީނީ ފިކުރުގެ ބައެއް ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުންދާތީ އެއީ ޙަގީގަތެއް ނޫން ކަން ސާބިތުކޮށް، އެ ފަދަ ތުހުމަތުތަކުން ބަރީއަވުމަށް އެމްޑީޕީން ފަށާފައިވާ ކެމްޕެއިންއެކެވެ. މި ހާތަނަށް އެމްޑީޕީން ބޭއްވި މި ސިލްސިލާގެ ޖަލްސާތަކުގައި އެ ޕާޓީގެ އިސް ވެރިން ވަނީ އެމްޑީޕީން ރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތް ހުއްޖަތާއެކު ދައްކައިފައެވެ.

މި ދިޔަ ބުދަ ދުވަހުގެރޭ ފެށި މި ސިލްސިލާގެ ޖަލްސާތައް ހުކުރު ދުވަހުގެރޭ ފިޔަވައި ކޮންމެ ރެއަކުވެސް މެދު ކެނޑުމެއްނެތި މިހާތަނަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި މި ޖަލްސާތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.