އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ލީޑަރެއް ނެތް -އަލީ ވަހީދު

ކޯޓުތައް މެދުވެރިކޮށް ފުލުހުންގެ ބާރު ކަނޑުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް ވެސް އަލީ ވަހީދު ރޭ ވިދާޅުވި

އިބްރާހީމް ރާމިޒް

haruge-dheneh-nukiyeyne-15-01-2012-66-450-x-301

އިދިކޮޅު ފަރާތް ތަކުގެ ތެރޭގައި ލީޑަރެއް ނެތްކަން ކަމަށާއި، ބައެއްފަހަރު އިދިކޮޅު ފަރާތް ތަކުގެ ކަންތަށް ހުންނަށް ގޮތުން އެފަރާތްތަކުގެ ލީޑަރަކީ އެކިފަހަރުއެކިމީހުން ކަމަށް ދޭހަވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު
ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ފަށާފައިވާ “ތިޔަހެނަކުން ނުކިޔޭނެ” ސިލްސިލާގެ 4 ވަނަ ޖަލްސާ ގައި ރޭ ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަމަލުތަކާއި ޙަރަކާތްތައް ހުންނަ ގޮތުން އެ ފަރާތްތަކުގެ ލީޑަރަކީ މަދަނީ އިއްތިހާދުގެ އަބްދުﷲ މުޙަންމަދު ކަމަށާއި، ބައެއް ފަހަރު ޝޭހް އިމްރާން ނުވަތަ ސަންދާނު އަހައްމައިދީ ކަމަށް ހީވާ ފަހަރު ވެސް އަންނަ ކަމަށެވެ.

“ހަގީގަތުގައި މިއަދުގެ ބޮޑު މަންޒަރަކީ އިދިކޮޅު ފަރާތްތަކުން 2013 އަންނާނެ ކަމަށްތިއްބާ އޭގެ މާކުރިން އަރަމުން އަރަމުން ގޮސް އެންމެނަށް ނޭގި އެތިބީ އެރޭނެ އެންމެ ފަހު ހިރި އަށް އެރިފަ. އެކަހަލަ ގަޑިއަކު ނޭގޭނެ ހިރި މެދުގަ ހުންނަންވީ ކާކު ކަމެށް، އަރިމަތީ ހުންނަންވީކާކުކަމެށް” އަލީ ވަހީދު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ފެބްރުއަރީ 24 ވަނަ ދުވަހު ކުރަން ނިންމައިފައިވާ މުޒާހަރާއާ ބެހޭ ގޮތުން ވާހަކަދެއްވަމުން އަލީ ވަހީދު ވިދާޅުވީ މިސަރުކާރު ވައްޓާލުމުގެ ބޭނުމުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރާ ނަމަ، އެ ބަޔަކާ ދެކޮޅަށް މުޒާހަރާއަށް ނިކުމެ، އެމްޑީޕީން ވެސް ހަނާ ވަންދެން މުޒާހަރާކުރާނޭ ކަމަށާއި، މާލެ އަކީ އެމްޑީޕީގެ ސަޕޯޓް އޮންނަ އެ ޕާޓީގެ ކިއްލާއެއް ކަމަށެވެ.

ތާއަބަދު މި ސަރުކާރު ވައްޓާލަން މަސައްކަތްނުކޮށް، މަޝްވަރާގެ އުސޫލު ޚިޔާރުކުރުމަށް ވެސް އިދިކޮޅު ފަރާތްތަކަށް ޢަލީ ވަހީދު ގޮވާލެއްވިއެވެ. އަދި ބަދަލު ހިފުމުގެ ރޫހުގައި މަގުމައްޗަށް ނިކުމެ އެކުރާ މަސައްކަތުން އެއްވެސް ކާމިޔާބީއެއް ނުލިބޭނޭ ކަމަށާއި، މި ސަރުކާރުވެސް މަގުމަތިން ވައްޓައި ނުލެވޭނޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، ރައީސް ނަޝީދު އުމުރު ދުވަހަށް ޖަލަލަށް ލެވޭނޭ ކަމަށް ޑރ.ޖަމީލް ދައްކާ ވާހަކައަށް ރައްދު ދެއްވަމުން މި ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރިމީހުން ޖަލަށްނުލެވޭއިރު އެންމެ ތިން އަހަރު މިރާއްޖޭގައި ވެރިކަން ކުރިމީހަކު ޖަލަށް ނުލެވޭނެ ކަމަށާއި، އެއީ ބުއްދި ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ކޯޓުތައް މެދުވެރިކޮށް ފުލުހުންގެ ބާރު ކަނޑުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށާއި، ރައްޔިތަކު ކުށެއް ކޮށްފިނަމަ 24 ގަޑިއިރު ވަންދެން ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ގާނޫނޫ އަސާސީން ލިބިދީފައިވީ ނަމަވެސް އިދިކޮޅު ފަރާތްތަކުން ކޯޓުތައް މެދުވެރިކޮށް އެ ބާރު ކަނޑުވާލަން މަސައްކަތްކުރަމުންދާ ކަމަށް ވެސް ރޭގެ ޖަލްސާގައި އަލީ ވަހީދު ވިދާޅުވިއެވެ. އަދި ވަކި ބަޔަކަށް ތަފާތުނުކޮށް އިންސާފުން ކަންތައް ކުރުމަށް ކޯޓުތަކަށް އޭނާ ގޮވައިލެއްވިއެވެ.