ތިޔަހެނެއް ނުކިޔޭނެ މި ނަމުގައި ހއ. ފިއްލަދޫގައި ވެސް އެމްޑީޕީގެ ޖަލްސާ އެއް ބާއްވައިފި

އިބްރާހީމް ރާމިޒް

އެމްޑީޕީން “ތިޔަހެނެއް ނުކިޔޭނެ” މި ނަމުގައި ފަށާފައިވާ ފޯރިގަދަ ކެމްޕެއިންގެ ދަށުން ހއ.ފިއްލަދޫ ގައި ވެސް އެމްޑީޕީގެ ޖަލްސާ އެއް ބާއްވައިފިއެވެ.

ހުކުރު ދުވަހުގެރޭ ފިއްލަދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި މި ޖަލްސާ ގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު ކަމާއި، އެ ޕާޓީގެ ޑައިރެކްޓަރ އޮފް ފޮރިންގ ރިލޭޝަންސްގެ މަޤާމް ފުރުއްވާ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް އާއި އެ ދާއިރާގެ އެމްޑީޕީ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ފަލާޙް ވެސް ފިއްލަދޫ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފިއްލަދޫގެ އިތުރުން ކެލާ އާއި ދިއްދޫގެ ބައެއް އެމްޑީޕީ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާ އަކީ ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަން ގައި ވާދަކުރައްވައި، އެ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އިނާޒް ކާމިޔާބުކުރެއްވުމާ ގުޅިގެން އެ ރަށު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާތީ އެކަން ފާހަގަކުރުމަށާއި، އެމްޑީޕީއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްދު ދިނުމަށް އެމްޑީޕީން ބޭއްވި ޖަލްސާ އެކެވެ.