ތެލަސީމިއާ ކުދިންގެ ފަރުވާގެ ހުރިހާ ކަމެއް އާސަންދައިގެ އިންޝުއަރެންސްގެ ތެރޭގައި ހިމެނުއްވުމަށް ސަރުކާރުން ނިންމަވައިފި

ދިވެހިރާއްޖެއަށް އެހެން ދީންތައް ގެނައުމަށް، މިސަރުކާރުން މަސައްކަތްކުރާ ކަމަށް ދައްކާ ދޮގު ވާހަކަތަކުންނާއި، އެ އިލްޒާމުން ބަރީއަވުމަކީ، މިސަރުކާރުގެ ވާޖިބެއް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.

radio-address-hep-450-x-270

އާސަންދައިގެ އިންޝުއަރެންސްގެ ތެރޭގައި، ތެލަސީމިއާ ކުދިންގެ ފަރުވާގެ ހުރިހާ ކަމެއް ހިމެނުއްވުމަށް ސަރުކާރުން ނިންމަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް، އެމަނިކުފާނު ތަޞްދީޤު ނުކުރައްވައި، އަލުން ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވުމާ ގުޅިގެން، ތެލަސީމިއާ ކުދިންގެ ބެލެނިވެރިން، އެކަމުގެ ހިތްހަމަނުޖެހުންތައް ފާޅުކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ވަކި ޚާއްޞަ ފަރުވާ ހޯދުމުގައި ކުރައްވަންޖެހޭ އެއްވެސް ޚަރަދެއް، މިހާރުން ފެށިގެން އެކުދިންގެ ބެލެނިވެރިން ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ. އެކުދިންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް އިރާދަކުރެއްވިއްޔާ ލިބޭނެއެވެ. އަދި އެކަމަށް ހިނގާ ޚަރަދުތައްވެސް، އިންޝުއަރެންސްގެ އުޞޫލުގެ ތެރެއިން ހަމަޖެހިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރާ ގުޅޭގޮތުން ދޮގު ވާހަކަ ދައްކަމުން ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ރައްޔިތުންނަށް އަނެއްކާވެސް ތަކުރާރުކޮށް ހަނދާންކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރާ ގުޅޭގޮތުން ކިޔާ ހުރިހާ ފާޑަކަށް ފިޔަވަޅު އެޅުއްވުމަކަށް ނުވަތަ ކަމެއް ކުރެއްވުމަކަށް ސަރުކާރަކުން ވިސްނާވަޑައެއްނުގަންނަވައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ވިސްނާވަޑައެއްނުގަންނަވާނެއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުޑަކޮށްވެސް ލޮޅުމެއްއަރާކަށް ސަރުކާރުން ބޭނުންފުޅެއްނުވާ ކަމަށާއި، އެހެން ނަމަވެސް، ސަރުކާރާ ގުޅޭގޮތުން ކަނޑައެޅިގެން ދޮގުވާހަކަ ދައްކައި، ރައްޔިތުންނަށް އޮޅުވާލައި އަދި ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖެއަށް އެހެން ދީންތައް ގެނައުމަށް، މިސަރުކާރުން މަސައްކަތްކުރާ ކަމަށް ދައްކާ ދޮގު ވާހަކަތަކުންނާއި، އެ އިލްޒާމުން ބަރީއަވުމަކީ، މިސަރުކާރުގެ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިރާއްޖެއަށް އިތުރު ދީނެއް ގެނައުމުގެ ފިކުރަކީ އަދި މަސައްކަތަކީ ދުވަހަކުވެސް އެމަނިކުފާނުވެސް އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީންވެސް އަދި މި ސަރުކާރުންވެސް ކުރައްވާނެ ކަމެއް ނޫން ކަމުގައެވެ. އެހެން ނަމަވެސް، ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ ޕާޓީއާއި ރައްޔިތުންނާ ދެމެދު ޚިލާފު އުފެއްދުމަށްޓަކައި، ވިސްނުން ތަޣައްޔަރު ކުރުމަށްޓަކައި، ކަނޑައެޅިގެން ބުހުތާނު ދޮގު ހައްދަވަމުން ގެންދެވީމާ، އެކަމަށް ސަރުކާރުން ފިޔަވަޅު އަޅުއްވަންޖެހޭނެ ކަމަށާއި، ފިޔަވަޅު އަޅުއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މުސްލިމުންނަށް ދިނުމަށް އިސްލާމްދީން ހުއްދަނުކުރާ ޚިދްމަތްތަކެއް، ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ދިނުމާ ގުޅޭގޮތުން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ، އެކޯޓުން އިއްޔެ ނިންމަވައިދެއްވާފައިވާތީ، މި ނިންމުމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ސުޕްރީމް ކޯޓުގެ ނިންމެވުމުން، މުޅި މައްސަލައަށް ސާފުކަމެއް ނުލިބުނު ކަމުގައިވިޔަސް، އެ ނިންމެވުންތަކުން ބައެއް ކަންކަން ފާހަގަކުރެއްވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ދިވެހި ރައްޔިތުން، އެހެން ދައުލަތެއްގެ މީހުންނާ މުޢާމަލާތް ކުރުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ހުރަސްނާޅާކަމާއި، ޝަރީޢާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙުދޫދުގެ ތެރެއިން ފަތުރުވެރިންނަށްދެވޭ ޚިދްމަތްތަކަށް ހުރަސްނޭޅޭ ކަމާއި، ޒަމާނުއްސުރެ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދެމުން އަންނަ ޚިދްމަތްތަކަށް ހުރަސްއަޅާނެ ޤާނޫނީ ސަބަބެއް ނެތްކަން، ސުޕްރީމް ކޯޓުގެ ނިންމެވުމުން ވަރަށް ބޮޑަށް ސާފުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.