ޕީޕީއެމްގެ ކުރީ ސަފުން ފެންނަނީ ހުސް މޮނިއުމެންޓް ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

– އަޅުގަނޑު މައުމޫނަށް ދަންނަވާލަން އޮތީ މައުމޫނު އަޑިއަށް ހިނގައްޖޭ. ބޮކިޖަހާފައި މައްޗަށް އެރީ އަޅުގަނޑާއި ޒުވާނުންތަކެކޭ – އަލީ ވަހީދު

– ޖީސީއެމްޖީގެ ލަގަބު ދޫކޮށްނުލާހާ ހިނދަކު މައުމޫނަކީ މުސްލިމެއް ނޫން – ސަރަނގު އާދަމް މަނިކު

23 ޑިސެމްބަރުގައި، ދީން ޙިމާޔަތްކުރުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ނުކުތީ ވަރަށް ހެޔޮ ނިޔަތެއްގައި ކަމަށް ހީފުކުރެއްވި ކަމަށާއި، އެހެން ނަމަވެސް އެކަމުގެ މޯހިރުގައި ވެގެން ދިޔަ ކަންތައްތަކުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދެއްކި ވާހަކަތަކާއި އެ ދެއްކި މޮނިއުމެންޓްތަކުގެ ވާހަކަތައް ވެގެން ދިޔައީ ހީފުޅުކުރެއްވި ގޮތަށް ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އާއި ސަރުކާރު ބަދުނާމް ކުރުމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ޙަޤީޤަތާއި ޚިލާފް ވާހަކަތަކާ ދެކޮޅަށް އެމްޑީޕީން ފަށާފައިވާ “ތިޔަހެނެއް ނުކިޔޭނެ” ކެމްޕެއިންގެ ދަށުން ރޭ ބޭއްވި ދެވަނަ ސިލްސިލާ ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ، “އެހެން މިދަންނަވާލީ އޭގެ ( 23 ޑިސެމްބަރުގެ) ފަހުން ބޭއްވި ޕީޕީއެމްގެ ޖަލްސާގެ ކުރީ ސަފު ބަލާލި އިރު، ޖީބުގައި ވެސް އިނީ މައުމޫނުގެ ފޮޓޯ، ކޮލުގައި ވެސް ފޮޓޯ، ޔާމީނުގެ ޓައީގައި ވެސް މައުމޫނުގެ ފޮޓޯ. މުޅި ގައިގައި ހުރީ ހުސް މޮނިއުމެންޓް” ކަމަށެވެ.

“ހަގީގަތުގައި އަޅުގަނޑަކީ ވެސް ދެން އެ ވަރަށް އެއްޗިހި ކިޔަންޏާ އެ އެއްޗެހިތައް ނަގާށޭ ގޮވާލި މީހެއް، އެހެން ނަމަވެސް މިހާރު އަޅުގަނޑު ހިތަށް އަރާ އެހެން ގޮވަން ވެއްޖެއްޔާ ޕީޕީއެމްގެ ކުރީސަފު އެއްކޮށް މިރާއްޖޭން ނަގާ އުކާލަން ޖެހެޔޭ،” ޢަލީ ވަޙީދު ވިދާޅުވިއެވެ.

އަލީ ވަޙިދު އިތުރަށް ވިދާޅުވީ މައުމޫނުވަނީ ޓައިޓޭނިކް ފަދައިން އަޑިއަށް ގޮސްފައި ކަމަށެވެ. އަދި ސަލާމަތްވީ އޭނާ އާއި ޒުވާނުންތަކެއް ކަމަށެވެ.

” އަޅުގަނޑު މައުމޫނަށް ދަންނަވާލަން އޮތީ މައުމޫނު އަޑިއަށް ހިނގައްޖޭ. ބޮކިޖަހާފައި މައްޗަށް އެރީ އަޅުގަނޑާއި ޒުވާނުންތަކެކޭ.” ޢަލީ ވަޙީދު ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ބޮޑު ދައިތާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲގެ މަންމާފުޅު ވިދާޅުވީ “އަޅުގަނޑަކީ ރައީސް ނަޝީދުގެ ބޮޑު ދައިތަ، އަޅުގަނޑު ހަމަ ދަންނަވާނީ އަޅުގަނޑުގެ ކޮއިފުޅަކީ އިސްލާމެކޭ، ތިޔަހެނެއް ނުކިޔޭނޭ.”

މިރޭގެ ޖަލްސާގައި ވެސް ވާހަކަ ދެއްކެވި ގިނަ ބޭފުން ވަނީ އެމްޑީޕީގެ ވައުދުތައް ފުއްދެމުން އަންނަ ކަމަށާއި އެމްޑީޕީގެ ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ދަނީ ސިޔާސީ ގޮތުން ދައްކާނެ އެހެން ވާހަކައެއް ނެތީމާ ދައްކާ ވާހަކައެއް ކަމަށެވެ. އަދި އެއްވެސް މީހެއްގެ އަގީދާއާ މެދު ސުވާލު އުފައްދައިގެން ވާހަކަ ދެއްކުމަކީ ގާނޫނީ ކުށެއް ކަމަށާއި އެކަން ހަޖަމު ކުރައްވައިގެން ނުތިއްބަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އެބޭފުޅުން ތަކުރާރު ކުރެއްވި އެވެ.

މި ޖަލްސާގައި އެމްޑީޕީ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އަދި ކުރީގެ މާލޭގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވީ ކުރީގެ ރައީސް މައުމޫނަށް އިނގިރޭސިވިލާތުގެ ރާނީ އެރުވި ޖީސީއެމްޖީގެ ލަގަބަކީ ކްރިސްޓިއަން ދީން ދިފާއުކުރާ މީހުންނަށް އެ ދީނުގެ މަޒުހަބެއް ކަމަށްވާ އެންގްލިގަމްގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ދިން ލަގަބެއް ކަމަށެވެ. ޖީސީއެމްޖީ އަކީ ކްރިސްޓިއަން ދީނުގެ އިސް ދެ ފާދިރީން ކަމަށްވާ ސޭންޓް މައިކަލް އެންޑް ސޭންޓް ޖޯޖްގެ ޝަރަފްގައިދޭ ގްރޭންޑް ކްރޮސް އޮފް ސޭންޓް މައިކަލް އެންޑް ސޭންޓް ޖޯޖްގެ ލަގަބެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އޮފް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓްގެ މަގާމު ވެސް ފުރުއްވާ ސަރަނގު އާދަމް މަނިކު ވިދާޅުވީ މިއަދާ ހަމައަށް ވެސް ކުރީގެ ރައީސް މައުމޫން ޖީސީއެމްޖީގެ ލަގަބު ދޫކޮށްލައްވާފައި ނުވާ ކަމަށާއި، އެ ލަގަބު ދޫކޮށްނުލާހާ ހިނދަކު މައުމޫނަކީ މުސްލިމެއް ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ.