ވެށިފަހި ޕްރޮގްރާމް އޮފީހުގެ ޕްރޮގްރާމްގެ އިސް ބޭފުޅުންނާ އެމްޑީޕީގެ ގެދޮރާއި ބެހޭ ކޮމިޓީން ބައްދަލުކުރަނީ

އިބްރާހީމް ރާމިޒް

veshifahi-450-x-264

ވެށިފަހި ޕްރޮގްރާމް އޮފީހުގެ ޑައިރެކްޓަރ ސަރަނގު އާދަމް މަނިކާއި، އެ އެފީހުގެ އެހެނިހެން އިސް ބޭފުޅުންނާއި އެމްޑީޕީގެ ގެދޮރާއި ބެހޭ ކޮމިޓީން ބައްދަލުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްޑީޕީގެ ގެދޮރާއިބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ބައްދަލުވުމަށް ހާޒިރުވި 6 މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ، ވެށިފަހި މާލެ ޕްރޮގްރާމް މިހާރު ހިނގަމުންދަނީ ކޮންގޮތަކަށްތޯ އާއި، އެ ޕްރޮގްރާމް ކުރިޔަށްދާ ގޮތާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އެމްޑީޕީގެ ގެދޮރާއި ބެހޭ ކޮމިޓީއަށް އެނގިފައި އޮތީ މުހިންމު ކަމެއް ކަމަށް ފެންނާތީ، އެ ޕްރޮގްރާމް ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި އެކު ބައްދަލުވުމެއް ބޭއްވުމަށެވެ.

” އަޅުގަނޑުމެން ވެށިފަހި މާލެ ޕްރޮގްރާމް އޮފީހުގެ އިސްބޭފުޅުންނާ ބައްދަލުކުރަން މި ނިންމީ، އެ ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމާއި، އެ ބޭފުޅުންނާއެކު މަޝްވަރާކުރުން. އަޅުގަނޑުމެންގެ އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެދެމުން އެބަދޭ އެބޭފުޅުންނަށް އެ ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު އެރުވުމަށް. އެހެންކަމުން އަޅުގަނަޑުމެން މިއެދެނީ ވެށިފަހި މާލެ ޕްރޮގްރާމާއި ބެހޭ އެއްވެސް ޝަކުވާއެއް އޮތް ނަމަވެސް އެކަން އަޅުގަނޑުމެންނަށް އެމްޑީޕީ ސެކްރެޓޭރިއަޓް މެދުވެރިކޮށް ލިޔުމަކުން އަންގާށޭ. އަޅުގަނޑުމެން ތިބޭފުޅުންގެ ޝަކުވާތައް އެ ބޭފުޅުންނާ ހަމައަށް ގެންގޮސްދޭނަމޭ.” އެމްޑީޕީގެ ގެދޮރާއި ބެހޭ ކޮމިޓީގެ މުޤައްރިރު މުޙައްމަދު ޢަބްދުލް ކަރީމް (ރުކުމާ އަޙުމަދު) ވިދާޅުވިއެވެ.

އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާ ރުކުމާ އަޙުމަދު މިއަދު ވިދާޅުވީ، ” އެމްޑީޕީގެ ގެދޮރާއިބެހޭ ކޮމިޓީގެ މެންބަރުންނާއި، ވެށިފަހި މާލެ ޕްރޮގްރާމްގެ ބޭފުޅުންނާއި، ދެމެދު ގުޅުން ބަދަހިކޮށް، ދެ ފަރާތުގެ ޚިޔާލާއި، މަޝްވަރާ ބަދަލުކުރުމަކީ ވެސް މި ބައްދަލުވުމުގެ ބޭނުމެއް” ކަމަށެވެ.