ތ.ގުރައިދޫ އަކީ ނަމޫނާ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ތ.ގުރައިދޫގެ ތަރައްޤީއަށްޓަކައި، އެރަށުގެ ރައްޔިތުން ކޮށްފައިވާ މަސައްކަތްތަކަކީ ރާއްޖޭގެ އެހެން ކިތަންމެ ރަށަކަށް ނަމޫނާއަކަށްވާންޖެހޭނެ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތ.އަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ރައީސް ފެށްޓެވި ދަތުރުފުޅުގައި، ގުރައިދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ އިއްޔެ ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގުރައިދުއަކީ ރާއްޖޭގައި މަސްވެރިކަމަށް ފާހަގަކުރެއްވޭ ރަށްރަށުގެ ތެރެއިން އެއްރަށްކަމަށެވެ. އަދި އޮޑިދޯނިފަހަރު ގިނަ، ހީވާގި މަސްވެރިން ދިރިއުޅޭ، ހަމައެހެންމެ މުރާލި، ހީވާގި އަންހެނުން އުޅޭ ރަށެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޢުމްރާނީ ތަރައްޤީގެ ރޮނގުން ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް މިއަދާ ހަމައަށްވެސް މި ސަރުކާރުން ގުރައިދޫގައި ނުފެށި އޮތްކަން ބަޔާންކުރައްވަމުން، ގުރައިދުއަކީ ތަރައްޤީގެ ފުރިހަމަ ހަބަކަށް އަދި ނާރެހަކަށް ހެއްދެވުމުގެ މަސައްކަތް، ބާރަށް ފެށުމުގެ އިތުރު ހިތްވަރާއި ޖޯޝާއި އުންމީދު ލިބިވަޑައިގެންފި ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ގުރައިދޫގެ އާ ބަނދަރު ހެދުމުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ގުރައިދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށް މިއަދު އެންމެބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެއް ލިބިވަޑައިގަތީ، ގުރައިދޫ ސްކޫލަށް ވަޑައިގަތުމުން ކަމަށް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، އޯ ލެވެލް އިމްތިހާންގައި 5 މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް 23 އިންސައްތައަށް، އެސްކޫލުން އިތުރުކޮށްފައިވާ ކަމުގައި ވިދާޅުވެ، މި ކާމިޔާބީއަށްޓަކައި އެ ސްކޫލްގެ ޕްރިންސިޕަލަށާއި، ޓީޗަރުންނަށާއި ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ސްކޫލަށް ބޭނުންވާ ބައެއް ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވަމުން، އެ ސްކޫލްގެ ހޯލް ޢިމާރާތް ކުރެއްވުމުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށާއި، ސައިންސް ލެބަށާއި، ކޮމްޕިއުޓަރ ރޫމަށް ބޭނުންވާ ބައެއް ސާމާނު ހޯއްދަވައިދެއްވައި، ލައިބްރަރީގެ ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ގުރައިދުއަށް މިކުރެއްވި ދަތުރުފުޅުގައި، ގުރައިދޫ ކައުންސިލާ ބައްދަލުކުރެއްވިއެވެ. އަދި ގުރައިދޫ ސްކޫލަށް ޒިޔާރަތް ކުރައްވައި، ސްކޫލްގެ ވެރިންނާ ބައްދަލުކުރެއްވިއެވެ. މީގެއިތުރުން، ހެލްތް ކޯޕަރޭޝަންގެ ބޭފުޅުންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.