ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮން ޖެހުމަކީ ވަޒީފާ އަދާ ނުކުރާ ދިވެހީންގެ ޢަދަދު ގިނަ ވުން

ފަހަލަސަޢިދު

ރާއްޖޭގެ އާބާދީގައި ތިންލައްކަ މީހުންނަށް ވުރެ ގިނަވެފައިވާ އިރު ވަޒީފާ އަދާ ކުރަނީ އައްޑިހަވަރަކަށް ހާސްރައްޔިތުންނެވެ. ޢާއިލާއެއްގައި ވަޒީފާ އަދާ ނުކުރާ ފަސް ހަމީހުން ނެތް ޢާއިލާއެއް މަދުވާނެއެވެ. ކަންމިހެން ހުރުމާއެކު ވަޒީފާ އަދާ ކުރާ ކޮންމެ ރައްޔިތަކު ޢޭނާއަށް ލިބޭ ޢާމަދަނީއާ ނުބައްދަލު އެތަށް ކަމެއް ކުރަން ޖެހިފައި ވެއެވެ. ވަޒީފާ އަދާ ނުކުރާ އެންމެންނަށް ޚަރަދު ބަރަދު ކުރަނީ ވަޒީފާ އަދާކުރާމީހުންނަށް ލިބޭ އާމްދަނީ އިންނެވެ.

މިސާލަކަށް ގެއެއްގައި ވަޒީފާ އަދާ ނުކުރާ ހަތަރުމީހުން އުޅޭނަމަ އެހަތަރުމީހުން ނަށް ބޭނުންވާ ކެއުމާ ބުއިމާ އެކަމަޑޭޝަނާ ކަރަންޓާ ފެނާ ކޮސްމެޓިކް ފަދަ ތަކެއްޗަށް ކުރާ ޚަރަދު ދަނީ އެގޭގައި ހުންނަ ވަޒީފާއަދާކުރާ މީހާއަށް ލިބޭ އާމްދަނީގެ ތެރެއިންނެވެ. އެހެންކަމަށްވާނަމަ އެގޭގެ ދިރިއުޅުމުގެ ޙާލަތު އޮންނާނީ އަބަދުވެސް ނުހަނު ނާޒުކު ފައްތަރެއްގައެވެ.

މިސަރުކާރު ވެރިކަމަށް އައުމާއެކު މިހެންހުރި ބޮޑެތި ކަންކަން ބަލާ ރައްޔިތުންނަށް އުފާފާގަތިކަން މަތީ ނުއުޅެވިގެން އުޅެނީ ކޮންކޮން ސަބަބުތަކާ ހެދިތޯއާއި މިހެން ހުރި ގޮންޖެހުންތައް ނައްތާލާ އެކަންކަމަށް ޙައްލުހޯދުމަށް ސަރުކާރުން އެދަނީ ކެނޑިނޭޅި ވަރަށް ވިސްނުންތެރިކަމާ އެކު ފިޔަވަޅުއަޅަމުންނެވެ.

ޒުވާނުންނަކީ ގައުމުގެ މުސްތަގްބަލޭ ކިޔާ މިރާއްޖޭގެ ޒުވާންޖީލު ފަނާކޮށްލުމަށް ރޭވި ރޭވުމުގެ ތެރެއިން އެތައް ހާސް ޒުވާނުން ތަޢުލީމާ ތަރުބިއްޔަތުން މަޙުރޫމްވެ ވަޒީފާނުލިބި ރަށުތެރޭގައި މޫކަނޑަން އުޅުމުގެ ސަބަބުން މުޅި ދިވެހި މުޖުތަޢުގެ ތެރޭގައި ވަނީ ނުރައްކާތެރި އެތައް ޢަމަލު ހިންގަން ފުރުޞަތު ހުޅުވިފައެވެ. ބޭނުމަކީ ޒުވާނުންލައްވާ ކުށްކުރުވާ އެބައިމީހުން ޖަލުތަކުގައި ފޮރުވުމެވެ.

ގައުމުގައި ވަޒީފާއަދާކުރާ މަދުބަޔަކު އެބައިމީހުންނަށް ލިބޭ އެންމެހައި އާމްދަނީ ގިނަބަޔަކަށް ހޭދަކުރަންޖެހިއްޖެ ނަމަ ދެކޮޅުޖެހޭނެ ގޮތެއް އެއްވެސް މީހަކަށް ބުނެދޭކަށެއް ނޭނގޭނެއެވެ. ރައްޔިތުންނަށް ދަތިވާނަމަ އެވާ ދައްޗަކީ މިދެންނެވީ އެވެ. ނޫން ނަމަ މިއަދު މިގައުމުގެ ރައްޔިތުން ދަތިވެގެން އުޅެންވީ އެއްވެސް ސަބަބެއް ނެތެވެ.

މުސްކުޅި މަންމައާއި ބައްޕައަށް އަސާސީ ޕެންޝަނެއްލިބޭ އިރު އަންހެން ދަރިފުޅު އިނީ ދެކުދިންގެ ބައްޕަ ވަރިކޮށްފައެވެ. އެހެންކަމުން ހަތަރުމީހުންގެ އެ ޢާއިލާއަށް އާމްދަނީ ހޯދުމަށްޓަކާ މަސައްކަތެއް ނުކުރި ނަމަވެސް ދަތިކަމެއްނެތި އުޅެވޭނެ މަގު މިސަރުކާރުން އެވަނީކޮށްޓަވައި ދެއްވާފައެވެ.

ނަމަވެސް މިއާއިލާގައި މަސްތުވާތަކެތީގެ ދެޒުވާނަކު ހިމެނިއްޖެނަމަ ޢާއިލާގެ ކުރިމަގަށް ވަރަށް ބޮޑު ހުރަސްތަކެއްއެޅިގެން ހިނގައިދާނެއެވެ. މިއީ ވިސްނަންޖެހިފައިވާ ކަންކަމެވެ.

ވެރިކަން ބަދަލު ކުރަން ރައްޔިތުން ނުކުންނަނީ އަނިޔާވެރިކަމާއި، ފަގީރުކަމުން އަރައި ނުގަނެވިގެންނެވެ. މިރާއްޖޭގެ ރައްޔިތުން ދުވަހަކުވެސް ދެކިފައި ނުވާ އެތައް އެތައް އަސާސީ ޚިދުމަތެއް މިހާރު ރައްޔިތުންނަށް ލިބޭކަމީ މިވެރިކަން ބަދަލު ނުކުރެވޭނޭ އެންމެ ބޮޑު އެއްސަބަބެވެ. ސަރުކާރުގެ ހައިބަތު ދައްކައިގެން ރައްޔިތުން ބަޑަށް ޖައްސައިގެން އޭރުގެ ސަރުކާރު އޮތް އިރު ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކޮށްފައި އެވަނީ އުފާވާ މިޒަމާން އޭރު ހުވަފެނުން ފެންނާތީއެވެ.

ގޮއްމުށުގެ ވެރިކަމުގައި ރައްޔިތުން ބިރުން ތިބި ތިބުން ނިންމާލީ މި އެމްޑީޕީކަން ރައްޔިތުން ގަބޫލުކުރާނެއެވެ. ރައްޔިތުން ތިބީ ކާކުގެ އަނިޔާވެރިކަމާއި، ކާކުގެ އަޅުވެތި ކަމުން ސަލާމަތް ވުމަށްތޯ މި ސުވާލުގެ ޖަވާބު 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގެ ޥޯޓޫންގެ ނަތީޖާއިން ބަލަން މަޑުކޮށްލައްވާށެވެ.

2013 އޮތީ ވަރަށް ސާފުކޮށް ފެނިފެނިއެވެ. ރޭހަށް ތައްޔާރުވާށެވެ. ﷲ ކާމިޔާބު ދެއްވާނީ ރައްޔިތުންނަށް އޯގާވެރި ފަރާތަކަށެވެ.