ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އިފްތިތާޙްކޮށްފި

މިދިޔަ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އުފައްދަވައި، އެކައުންސިލް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި ކައުންސިލަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތީގެ ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމާ ގުޅޭ ސިޔާސަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ފަރާތެވެ.

ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް”ގައި ހިމެނިވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީއާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒާއި، އެޓަރނީ ޖެނެރަލާއި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްއާއި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި، ޗީފް އޮފް ޑިފެންސް ފޯސްއާއި، ކޮމިޝަނަރ އޮފް ޕޮލިސްއާއި، ޕްރޮސެކިއުޓަރ ޖެނެރަލެވެ. މި ކައުންސިލުގެ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް” އުފެއްދެވުމާ ގުޅިގެން މިހާރު ހިނގަމުންދާ “ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލް” ރައީސުލްޖުމްހޫރިއްޔާ އުވާލައްވައިފިއެވެ.