ތެލަސީމިއާ ކުދިންނަށް އާސަންދައިގެ ޚިދުމަތް ދިނުމަށް މަގުފަހިކުރުމުގެ ގޮތުން ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު ތަޞްދީޤު ނުކުރައްވައި އެ ބިލް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި

– ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވައިފި

ntc-450-x-180

ތެލަސީމިއާ ކުދިންނަށް އާސަންދައިގެ ޚިދުމަތް ދިނުމަށް މަގުފަހިކުރުމުގެ ގޮތުން ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު ތަޞްދީޤު ނުކުރައްވައި އެ ބިލް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

27 ޑިސެމްބަރ 2011 ގައި ފާސްކޮށްފައިވާ މިބިލު އަލުން ވިސްނާވަޑައިގަތުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ، އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާއިރު، މި ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، މި ބިލާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ބައްލަވާލައްވައި، އެމައްސަލަތަކަށް ރިޢާޔަތް ކުރައްވައި، އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

މިގޮތުން، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމުގެ އިންތިޒާމް، މި ބިލުގައި އެކަށައަޅާފައިވަނީ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ނޫން ކަމަށާއި، ޞިއްޙީ ޚިދުމަތަކީ ޤައުމީ ނިޒާމްގެ ތެރެއިން ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތަކަށްވާތީ، ތެލަސީމިއާ ކުދިންނަށްދެވޭ ފަރުވާވެސް އެ ނިޒާމްގެ ތެރެއިން އިންތިޒާމް ކުރެއްވުން ރަނގަޅުވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ލަފާދެއްވައި، އެބިލާ ގުޅޭގޮތުން ފާހަގަކުރައްވާފައިވާ ބައެއް މައްސަލަތައް ބަޔާންކުރައްވައި، އެ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، އެބިލަށް އިޞްލާޙު ގެންނެވުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މި ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަމަވެސް، މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހު އެ މަޖިލީހުން ފާސްކޮށްފައިވާ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ވަނީ ތަޞްދީޤު ކުރައްވާފައެވެ.