ދިވެހިރާއްޖޭގެ ތަޢްލީމުގެ ޤައުމީ މަންހަޖުގެ އާ އޮނިގަނޑާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފި

މިހާރު ރާއްޖޭގައި ޢަމަލުކުރަމުންދާ ތަޢްލީމީ މަންހަޖަކީ 2000 ވަނަ އަހަރު އިސްލާޙު ކުރެވިފައިވާ މަންހަޖެއް

cabinet2

ދިވެހިރާއްޖޭގެ ތަޢްލީމުގެ ޤައުމީ މަންހަޖުގެ އާ އޮނިގަނޑާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި އިއްޔެ މަޝްވަރާ ކޮށްފިއެވެ.

ދިވެހިރާއްޖޭގެ ތަޢްލީމުގެ ޤައުމީ މަންހަޖުގެ އާ އޮނިގަނޑު އިސްލާޙު ކުރެއްވުމުގެ މަސައްކަތް ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. މިކަމަށްޓަކައި ދިވެހި ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު، ފުޅާ ދާއިރާއެއްގައިވަނީ ހޯދާފައެވެ. އަދި މި މަސައްކަތުގައި ދުނިޔޭގައި ތަޢްލީމީގޮތުން ކުރިއަރާފައިވާ ޤައުމުތަކާއި، ކުދި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގެ މަންހަޖު ރޭވިފައިވާ ގޮތް ބަލަވައި ދިރާސާކޮށްފައިވެއެވެ. މީގެއިތުރުން، ރާއްޖޭގެ މިހާރުގެ ޙާލަތާއި، މުސްތަޤްބަލުގައި ރާއްޖެއަށާއި ދުނިޔެއަށް އަތުވެދާނޭ ބަދަލުތަކާމެދުވެސް ވަނީ މަޢުލޫމާތު ހޯދާފައެެވެ.
.
އެ މަޢްލޫމާތުތަކުގެ އަލީގައި މަންހަޖުގެ އޮނިގަނޑު އެކުލަވާލުމަށްފަހު، އޮނިގަނޑުގައި ހުރި އެކިއެކި ނިންމުންތަކާމެދު މުޖުތަމަޢުގެ ތަފާތު ފަންތީގެ ބޭފުޅުންގެ މަޝްވަރާ ހޯދާފައިވެއެވެ. އަދި މަންހަޖުގެ އޮނިގަނޑު އިޞްލާޙްކޮށް ނިންމާފައިވަނީ، މިފަރާތްތަކުން ލިބުނު ތަފާތު ޚިޔާލުތަކާއި ތަޢުލީމީ ތަފާތު ނަޒަރިއްޔާތުތަކަށް ބެލެމަށްފަހުގައެވެ. މިމަސައްކަތް ކުރިއަށް ގެންދެވުމުގައި ބައިނަލްއަޤްވާމީ ފަންނީ މާހިރުންގެ ލަފާވެސް ވަނީ ހޯދާފައެވެ..

މިހާރު ރާއްޖޭގައި ޢަމަލުކުރަމުންދާ ތަޢްލީމީ މަންހަޖަކީ 2000 ވަނަ އަހަރު އިސްލާޙު ކުރެވިފައިވާ މަންހަޖެކެވެ. އޭގެފަހުން، ތަފާތު އެކިފަހަރުމަތިން ވަކިވަކި މާއްދާތަކުގެ މުޤައްރަރުތަކަށްވަނީ އެކިވަރުގެ ބަދަލު ގެނެވިފައެވެ. ނަމަވެސް މުޅި ތަޢްލީމީ ނިޒާމު ހިމެނޭގޮތުން މަންހަޖަށް ބޮޑު ބަދަލެއް ގެނެވިފައެއް ނުވެއެވެ.