ޖަރުމަންވިލާތުގެ ފެޑެރަލް މިނިސްޓްރީ ފޮރ ދި އެންވަޔަރަންމަންޓް ނޭޗަރ ކޮންޒަރވޭޝަން އެންޑް ނިއުކްލިއަރ ސޭފްޓީގެ ޕާލިމެންޓްރީ ސްޓޭޓް ސެކްރެޓަރީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

hep-german-450-x-299

ޖަރުމަންވިލާތުގެ ފެޑެރަލް މިނިސްޓްރީ ފޮރ ދި އެންވަޔަރަންމަންޓް، ނޭޗަރ ކޮންޒަރވޭޝަން އެންޑް ނިއުކްލިއަރ ސޭފްޓީގެ ޕާލިމެންޓްރީ ސްޓޭޓް ސެކްރެޓަރީ ކެތެރީނާ ރީޗް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށާއި، މާލީ ނިޒާމަށް ގެންނަވަމުން ގެންދަވާ އިޞްލާޙްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދައުލަތަށް އާމްދަނީ ލިބޭ މަގުތައް، ތަހުޒީބު އަދި ދެމެހެއްޓެނިވި ގޮތަކަށް ބަދަލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ މަޢްލޫމާތާއި، މިހާރު ޢަމަލުކުރަމުންގެންދާ ޓެކްސްގެ ޤާނޫނާބެހޭ މަޢްލޫމާތު، ޖަރުމަންވިލާތުގެ ޕާލިމެންޓްރީ ސްޓޭޓް ސެކްރެޓަރީއާ ޙިއްޞާ ކުރެއްވިއެވެ. މިބަދަލުތަކުގެ ސަބަބުން، ދައުލަތުގެ އާމްދަނީ އިތުރުވެ، ސަރުކާރުންގެ ފަރާތުން، ރައްޔިތުންނަށް ލިބޭ ޚިދްމަތަށް އިތުރު ފުރިހަމަކަން ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ދެޤައުމުގެ ދެމެދުގައި، އެހެން ބައެއް ދާއިރާތަކުން ޚާއްޞަކޮށް، ތިމާވެށީގެ މައްސަލަތަކާ ބެހޭގޮތުން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.