ނޫސް ބަޔާން: އެމްޑީޕީގެ ނޫސް ބަޔާން

MDP-2012-PR-02 ނަންބަރު:

ނޫސްބަޔާން

mdp-logo

23 ޑިސެމްބަރު 2011 ވަނަ ދުވަހު ބައެއް ސިޔާސީ ޕާޓީތަކާއި، ދީނީ ބައެއް ޖަމްޢިއްޔާތައް ގުޅިގެން އިސްލާމް ދީން ހިމާޔަތް ކުރުމުގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި، ރާއްޖޭގެ ވެރިކަންކުރާރަށް މާލޭގައި ގިނަ ޢަދަދެއްގެ ހަށިވިއްކާތަންތަން ހުރިކަމަށް އެމުޒާހަރާގައި ވާހަކަފުޅު ދެއްކެވި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އެގޮތުން، ޝައިޚް އިމްރާން ވިދާޅުވެފައިވަނީ، “ރާއްޖޭގެ މާލޭގައި 33 މިސްކިތް ހުރިއިރު ،60އަށްވުރެގިނަ ހަށިވިއްކާތަން އެބަހުރި” މިފަދައިންނެވެ.
ހަށިވިއްކުމުގެ ވިޔަފާރިއަކީ، ހިއުމަން ޓްރެފިކިންގއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. އަދި، ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާތަކުންނާއި، އެކިއެކި ސަރުކާރުތަކުން ސިފަކުރާ ގޮތުގައި ރާއްޖެއަކީ ހިއުމަން ޓްރެފިކިންގގެ މައްސަލަތަކެއް ހުރި ޤައުމެކެވެ. އަދި ހިއުމަން ޓްރެފިކް ކުރެވޭ މައިގަނޑު އެއް ބޭނުމަކީ ހަށިވިއްކުމުގެ ވިޔަފާރި ކުރުމަށްކަމަށްވެސް އެފަރާތްތަކުން ބުނަމުން ގެންދެއެވެ.
އަދި ހިއުމަން ޓްރެފިކިންގ އަކީ މުޅި ދުނިޔޭގައިވެސް ވަރަށް ސީރިއަސް ކުށެއް ކަމަށްވެފައި، ވަކިން ޚާއްޞަކޮށް ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާއަކީ ހިއުމަން ޓްރެފިކިންގެ ގިނަ މައްސަލަތަކެއް ހުރި ސަރަހައްދަކަށްވާތީ، ރާއްޖޭގައި ހުރި އެކަމާ ގުޅޭ މައްސަލަތައް ހައްލު ކުރުމަށް މިއަދުގެ ސަރުކާރުންނާއި މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ވީމާ، އިސްވެ ދެންނެވި މުޒާހަރާގައި ޝައިޙް އިމްރާން ދައްކަވާފައިވާ ވާހަކަފުޅުތަކުގައި ވިދާޅުވެފައިވާ މާލޭގައި ހުރި ހަށިވިއްކާ ތަންތަނުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯއްދަވައި ދެއްވައި، އެތަންތަނުގައި އެފަދަ މަސައްކަތް ކުރާ ފަރާތްތަކާއި، އެތަންތަން ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވުމަށް އެދި މިޕާޓީންވާނީ މޯލްޑިވްސް ޕޮލިސް ސަރިވިސްއަށް މައްސަލައެއް ހުށަހަޅާފައެވެ.
މިޕާޓީން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ، ރާއްޖޭގައި ހިންގާ މިފަދަ ކުށްތައް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކު ދައުލަތުގެ މުއައްސަސާ ތަކަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެމުންކަމުގައި ދަންނަވަމެވެ. މިޕާޓީން ދެކޭ ގޮތުގައި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު އެއްވެސް ފަރާތަކުން ސިއްރުކޮށްގެން ނުވާނެއެވެ. އަދި މީގެ އިތުރުން އެފަދަ މަޢުލޫމާތު ވީ އެންމެ އަވަހަކަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދަންވެސްވާނެއެވެ. މިޕާޓީން ދެކޭ ގޮތުގައި އެފަދަ ކުށްތަކުގެ މަޢުލޫމާތު ސިއްރުކުރުމަށްފަހު، އެކަންކަމުގައި ޢަމަލުކުރަން ހަމަޖެހިފައިވާ އުޞޫލުން ޢަމަލުނުކުރައްވައި، ހަމައެކަނި މުޒާހަރާތަކުގައި އެފަދަ ވާހަކަތައް ދެއްކެވުމަކުން އެކަންކަން ޙައްލުވެގެންނެއް ނުދާނެއެވެ. އަދި އެފަދަ ވާހަކަތައް އެފަދަ ތަންތަނުގައި ހަމައެކަނި ދައްކަވާނަމަ އެއީ، އިޚްލާޞްތެރިކަމާއެކު އެކަންކަން ޙައްލުކުރުމަށް ދައްކަވާ ވާހަކަތަކެއްކަމަށް ޤަބޫލެއް ނުކުރެވެއެވެ.
ވީމާ، މާތް ﷲ ނަހީކުރައްވާފައިވާ ފާހިޝް ކަންތައްތައް ދިވެހިރާއްޖެފަދަ ސައްތައިންސައްތަ އިސްލާމީ ގައުމެއްގައި ފާޅުކޮށް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭއިރު އެފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ،ކަމާއިބެހޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތުދީ ހެކިބަސްދިނުމަކީ ކޮންމެ މުސްލިމަކަށް ވާޖިބު ކަމަކަށްވެފައި, ހަމައެހެންމެ ދިވެހިރާއްޖޭގެ ޤާނޫންތަކުންވެސް ލާޒިމް ކަމަކަށްވީ ހިނދު، އެ މައުލޫމާތު ވީހާވެސް އަވަހަކަށް ހާމަކުރުމަށް އިމްރާނަށް ގޮވައިލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް