ނޫސް ބަޔާން: އިލެކްޝަންސް ކޮމިޝަން ބަދުނާމްވާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ދައްކަވާފައިވާ ވާހަކަފުޅުތައް ކުށްވެރިކޮށް އެމްޑީޕީން ނެރޭ ނޫސް ބަޔާން

MDP-2012-PR-01ނަންބަރު:
ތާރީޚް: 07 ޖެނުއަރީ 2012 (ހޮނިހިރު)

އިލެކްޝަންސް ކޮމިޝަން ބަދުނާމްވާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ދައްކަވާފައިވާ ވާހަކަފުޅުތައް ކުށްވެރިކުރުން

mdp-logo

އިންތިޚާބުތަކުގެ ނަތީޖާ މިހާރު ނިކުންނަނީ ރައްޔިތުން ވޯޓުލާ ގޮތަށް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް 5 ޖެނުއަރީ 2012 ވީ ބުރާސްފަތި ދުވަހުގެރޭ، އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ ޖަލްސާއެއް ގައި ދައްކަވާފައިވާ ވާހަކަފުޅަކީ، މިނިވަން މުސްތަޤިއްލު މުޥައްސަސާއެއް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުގެ އަގުވައްޓާލައި، އެ ކޮމިޝަނާ ދެކޮޅަށް ދިވެހި ރައްޔިތުން ނެރެ، ގައުމު ފިތުނައިގެ އަނދަވަޅަކަށް ވައްޓާލުމަށް ދައްކަވާފައިވާ ވާހަކަފުޅަކަށް ވާތީ، އެކަން، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އިސްނަގައި އެކަމަށް އެންމެ ބުރަކޮށް މަސައްކަތްކުރި ޕާޓީގެ ޙައިސިއްޔަތުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
ދިވެހި ލޮބުވެތި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްކުރި ފަހުން، މި ރާއްޖޭގައި ބާއްވާފައިވާ އިންތިޚާބުތަކަކީ ދެފުށް ފެންނަ އިންސާފްވެރި އިންތިޚާބުތަކެކެވެ. ވޯޓު ފޮށި މަތީގައި ބަނޑުއެޅުމާއި، “ކުޑަކާފާއި ބޮޑު ކާފު”ގެ ޒަމާން މާޒީވެ ގޮސް، މި އިންތިޚާބު ތަކުގައި ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންތައް އިންތިޒާމްކޮށް ބަލަހައްޓަނީ ރައްޔިތުންގެ މަންދޫބުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢައްޔަންކޮށްފައިވާ މިނިވަން މުސްތަޤިއްލު ކޮމިޝަނަކުންނެވެ. ކުރީގެ ވެރިކަމުގައި ގިނަ ޒަމާންތަކެއް ވަންދެން އަމަލުކުރަމުން އައި އުސޫލު ކަމަށްވާ ގައުމުގެ ސީދާ ރައީސް އަށް ފެނިވަޑައިގަންނަވާ، އެމަނިކުފާނު ހިތްޕުޅާވާ ފަރާތެއްގެ ބެލުމުގެ ދަށަކުންނޫނެވެ. އަދި ވޯޓުފޮށިތަކުގެ ކައިރީގައި މިހާރު ޙަރަކާތްތެރިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ” ކަތީބުންނެއް” ނޫނެވެ. އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާންކުރައްވައިގެން ހޯދާ، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން މުސްތަޤިއްލު ފަރާތްތަކާއި، ކެންޑިޑޭޓުންގެ އޮބްޒާވަރުންނެވެ.
މިހެންވީ ހިނދު، އިންތިޚާބުގެ ނަތީޖާ ނިކުންނަނީ ވޯޓުލާ ގޮތަށް ނޫން ކަމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ވެސް އަދި އެހެން އެއްވެސް ބޭފުޅަކަށް ވެސް ވިދާޅުވުމުގެ ފުރުޞަތު އޮތްކަމަކަށް މި ޕާޓީން ނުދެކެމެވެ. އަދި އެމަނިކުފާނުގެ ވިސްނުންފުޅު އެހުރީ ކުރީގައި އެމަނިކުފާނު ކުރައްވަމުން އައި ޚުދުމުޚްތާރު ވެރިކަން އަނބުރާ މިރާއްޖޭގައި އިޔާދަކުރުމަށްކަން މިވާހަކަފުޅުން ވަރަށް ރަނގަޅަށް ސާބިތުވެގެން ދެއެވެ.
ވީމާ، އިލެކްޝަންސް ކޮމިޝަނާ މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި، ވަހުމް އުފެދި، ޑިމޮކްރެޓިކް އުސޫލުތަކުގެ އިތުބާރު ގެއްލޭ ގޮތަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ދައްކަވާފައިވާ ދޮގު ވާހަކަފުޅުތަކަކީ ސިޔާސީ މަންފާއެއް ޙާޞިލްކުރެއްވުމަށް ދައްކަވާފައިވާ ވާހަކަފުޅުތަކެއް ކަމަށް މި ޕާޓީން ދެކޭ ހިނދު، އެ ފަދަ ޢަމަލުތައް ތަކުރާރު ނުކުރެއްވުމަށާއި، ރާއްޖޭގައި ފައްކާވަމުން މިދާ ޑިމޮކްރަސީގެ ރީތި އުޞޫލުތައް ޤަބޫލުފުޅުކުރައްވައި، އެ އުޞޫލުތަކަށް އިޙްތިރާމްކުރެއްވުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް