ސްޕާތައް އަލުން ހުޅުވުމުގެ ހުއްދަދިނުމަށް ސަރުކާރުން ނިންމައިފި

– ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އެންމެ ބޮޑަށް ބޭނުންކުރި ދުވަހަކީ ޑިސެމްބަރ 23 ކަމަށް ރައީސް ވިދާޅުވި
– ހައްދުފަހަނައެޅުމުން އެއްކިބާވެގެން މެނުވީ ރާއްޖޭގައި ފަތުރުވެރިކަން ދިރުވެން ނެތް ކަމުގައި ވެސް ރައީސް ވިދާޅުވި

hep-kurumba-maldives-450-x-299

ސްޕާތައް އަލުން ހުޅުވުމުގެ ހުއްދަދިނުމަށާއި، ރާއްޖޭގައި ޣައިރު މުސްލިމުންނަށްދެވޭ ޚިދްމަތްތަކާއި، ވިއްކޭ ތަކެތި ވިއްކަމުން ގެންދިޔުމުގެ ހުއްދަދިނުމަށް ނިންމައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ޓޫރިސްޓް ރިޒޯޓް ކަމަށްވާ ކުރުނބާ މޯލްޑިވްސްގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ އިއްޔެ ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިހުއްދަ ދެއްވި ކަމުގައިވިޔަސް، ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި، ސުޕްރީމް ކޯޓުން އަވަހަށް ޙުކުމެއް އިއްވެވުމަކީ، ސަރުކާރަށް ލިބިވަޑައިގަންނަވާނެ ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގައި ފަތުރުވެރިކަމުގެ ޞިނާޢަތު އަދާކުރާ މުހިންމު ދައުރުގެ މައްޗަށް ބައްލަވާލައްވަމުން، ފަތުރުވެރިކަމުގެ ޞިނާޢަތަކީ، ހަރުކަށި އުޞޫލުތަކާއި، ހައްދުފަހަނައެޅި ގޮތްތަކުން އެއްކިބާވެގެން ނޫނިއްޔާ، މި ރާއްޖޭގައި ދިރުވެންނެތް ޞިނާޢަތެއްކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ހަރުކަށި އުޞޫލުތަކާއި އަދި އެ އުޞޫލުތައް ރާއްޖޭގައި ޤާއިމް ކުރުމަށް ގޮވާލާ ގޮވާލުންތަކާއި، އެކަމުގައި އުފުލޭ އަޑު، މުޅި ދުނިޔެއަށް އިވިގެންދާނީ، އަޅުގަނޑުމެން އަބަދުވެސް އެދޭހާ މިންވަރަކަށް ނޫން ކަމަށާއި، އެދޭ ގޮތަކަށް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަކި ޤައުމެއްގެ ރައްޔިތުންނަކީ ނުވަތަ ވަކިބަޔަކީ، މި ރާއްޖެއަށް ނާދެވޭނެ ބައެއްގެ ގޮތުގައި އަދި ވަކި އެއަރލައިނަކީ، މި ރާއްޖެއަށް ނުޖެއްސޭނެ އެއަރލައިނެއްގެ ގޮތުގައި ފާހަގަކުރަން ފަށައިފިނަމަ، އެއީ އަޅުގަނޑުމެންގެ ހަނި ވިސްނުމާއި، ރާއްޖޭގެ އުޞޫލުތައް، ކަންކަމަށް ޖާގަނުދޭ މިންވަރު ކަމަށް، ބޭރުގެ ފަރާތްތަކުން ދެކޭނެކަމީ، މިއަދުގެ ދުނިޔޭގެ ވަރަށް ސާފު ޙަޤީޤަތެއް ކަމުގައި ވިދާޅުވިއެވެ.

ޑިސެމްބަރ 23 ވަނަ ދުވަހު ބޭއްވި މުޒާހަރާއަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، ސިޔާސީ ބޭނުމަކަށް، ދީން އެއަށްވުރެ ބޮޑަށް ބޭނުންކުރި ތަނެއް، މި ރާއްޖޭގެ ރައްޔިތުން މިހާތަނަށް ދެކެފައިނުވާނެ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، އޭގެ ސަބަބުން ލިބުނު ގެއްލުންތައް ނުހަނު ބޮޑެވެ. އަދި އަޅުގަނޑުމެންނަށް ސާފުވެގެންދިޔައީ، ބަޔަކު އަޑު އުފުލަމުން މިގެންދަނީ، ޒަމާނުއްސުރެ ފެށިގެން ރާއްޖޭގައި އިސްލާމްދީން ދެކެމުން އައި އުޞޫލުތަކާއި ގޮތްތައް ދޫކޮށް، މުޅިން އެހެން ގޮތްތަކެއްގައި އެކަން ދުށުމަށް އެދިގެންކަމެވެ.