ދައުލަތުން ހިންގާ ޕްރީ ސްކޫލެއް ކޮންމެ ރަށެއްގައި ހުރުން ލާޒިމްކޮށް ޕްރީ ސްކޫލް ހިންގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފި

ހުސްވި ޑިސެމްބަރު މަހުގެ 21ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރި ޕްރީ ސްކޫލް ހިންގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ޕްރީ ސްކޫލް ހިންގުމުގެ ޤާނޫނަކީ، ތުއްތު ކުދިންނަށް ދޭ ޅަފަތުގެ ތަޢުލީމުގެ ފުރުޞަތުތައް ވީހާވެސް ފުޅާކޮށްދިނުމުގެ މަޤްޞަދުގައި، ދައުލަތުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތުން ދިވެހިރާއްޖޭގެ ސިޓީ ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތަކުންނާއި، ދިވެހި ކުންފުނިތަކުންނާއި، ދިވެހި ޖަމާޢަތްތަކުންނާއި އަމިއްލަ ފަރުދުންނާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ޕްރީ ސްކޫލް އުފައްދައި، ހިންގައި، ތުއްތު ކުދިންނަށް ދޭ ޅަފަތުގެ ތަޢުލީމު ރާއްޖޭގެ ވީހާވެސް ފުޅާކޮށް ލިބިދީ، އޮއްޓަރުހުރި ފޭރާންހެޔޮ ތަޢުލީމެއް، އެކުދިންނަށް ލިބިދިނުމުގެ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ ބޭނުމަކީ، ހުރިހާ ތުއްތު ކުދިންނާ ހަމައަށްވެސް ޕްރީ ސްކޫލްގެ ޚިދްމަތް ފޯރުކޮށްދިނުމާއި، އޮއްޓަރުހުރި، ފޭރާން ހެޔޮ ޕްރީ ސްކޫލް ޕްރޮގްރާމްތަކެއް، 4 އަހަރާއި 6 އަހަރާ ދެމެދުގެ ކުދިންނަށް ލިބިދެވޭނެ ނިޒާމެއް ޤާއިމްކޮށްދިނުމެވެ. 4 އަހަރާއި 6 އަހަރާ ދެމެދުގެ ކުދިންނަށް ޕްރީ ސްކޫލް ޕްރޮގްރާމްތައް ލިބިދެވޭނެ ނިޒާމެއް ޤާއިމްކޮށްދިނުމަށް އޮތް ނަމަވެސް، ތުއްތު ކުއްޖާގެ ބެލެނިވެރިން، އެކަމަށް ބޭނުންވާނަމަ، ޢުމުރުން ދެއަހަރު ބައިން ފެށިގެން 6 އަހަރާ ދެމެދުގެ ތުއްތު ކުދިންނަށްވެސް ޕްރީ ސްކޫލް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރްޞަތު ލިބިދޭންވާނެ ކަމަށް، މި ޤާނޫނުގައި ބުނެފައިވެއެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ދައުލަތުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތުން، ޕްރީ ސްކޫލެއް ޤާއިމްކޮށް ހިންގުމަށް ދައުލަތުން ބާރުއަޅައި، މަގުފަހިކޮށްދިނުން ނުވަތަ ދައުލަތުން ހިންގާ ޕްރީ ސްކޫލެއް، ކޮންމެ ރަށެއްގައި ހުރުން، މި ޤާނޫނުން ލާޒިމް ކުރެއެވެ.

މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގައި ހިންގާ ޕްރީ ސްކޫލެއްގެ އަމާޒަކަށްވާންވާނީ، ޅަފަތުގެ ކުދިންނަށް އަޅާލުމާއި، ހަމަހަމަ ފުރްޞަތު ލިބޭނެގޮތާއި، އެކި ކުދިންނަކީ ތަފާތު ކުދިންކަން ދަނެގެން، ފުރިހަމަ އެހީތެރިކަމާއި، ތަފާތު ފުރްޞަތުތައް ލިބިދިނުމާއި، ޖިސްމާނީ ދުޅަހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަން ހަމަހަމައަށް ލިބިދިނުމާއި، އިސްލާމީ ޢަޤީދާއާއި އިސްލާމީ ތަރުބިއްޔަތު ލިބިދިނުމުގެ މާޙައުލެއް ޤާއިމްކޮށްދިނުމެވެ.