މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމަށް މުޙަންމަދު ޝިހާބު ޢައްޔަން ކުރައްވައިފި

shihab-finance-minister-400-x-259

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމަށް މާފަންނު ބަގީޗާ އަލްފާޟިލް މުޙަންމަދު ޝިހާބު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މުޙަންމަދު ޝިހާބު މިހާތަނަށް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ކަމުގެ މަގާމުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިދުވަސްވަރަކީ ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއްކަން ފާހަގަކުރައްވަމުން، ޓެކްސްގެ ނިޒާމު ތަޢާރުފް ކުރެވި، ސަރުކާރުގެ އާމްދަނީ އިތުރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެހެންވީމާ، ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި، ދައުލަތުގެ އާމްދަނީ ޚަރަދު ކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، މިކަމުގައި މަސައްކަތް ކޮށްދެއްވުމަށްވެސް މުޙަންމަދު ޝިހާބަކީ ވަރަށް ޤާބިލް ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މުޙަންމަދު ޝިހާބް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ލިޔާޤަތާއި ޤާބލިއްޔަތު ތަންދިން އެންމެމަތީ ދަރަޖައަކަށް، މިމަގާމުގައި ޚިދްމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
މުޙަންމަދު ޝިހާބަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެމަނިކުފާނު ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.