އަނެއް ދިވެހި ރާއްޖެއަށް މަރުޙަބާ

ފަހަލަސަޢީދު

aneh-dhivehiraaje-211-x-3002

ހުން އައިސް ރަޖާލައިގެން އަމިއްލަ ސިއްޙަތާ މެދު ރޮއި ރޮއި ތިއްބާ ﷲ ގެ ރަޙުމަތުގެ ދޮރު ހުޅުވި ދިވެހި ހަށިތަކުގައި ދުޅަހެޔޮ ކަމާ އުފާވެރިކަމާ ހިތްހަމަޖެހޭފަދަ ނަލަ ނަލަ ވައިރޯޅިތަށް ބީހެން ފަށައިފިއެވެ.
މިދުވަސް ދިވެހީންނަށް ﷲ ދެއްކެވީ ދިވެހީންގެ ޙާލަތު ބަދަލުކުރުމަށްޓަކާ ދިވެހީން ކުރި ޖިހާދެއްގެ ސަބަބުން ކަމާ މެދު ޝައްކެއް ނުކުރަމެވެ.
މުޅިއާއިލާ ދިރިއުޅެނީ އިހަވަންދޫ ގައެވެ. ނަމަވެސް އަޅުގަނޑަށް ވަޒަންވެރި ވެވުނީ ކެލާގައެވެ.އާއިލާގެ މީހަކު ލޮލަށް ފެނިލަނީ އަހަރަކު ތިންފަހަރުއެވެ. މިހެންދިމާވަނީ މިރާއްޖޭގައި މީހުންދިރި އުޅެނީ އެއްފަސްގަނޑެއްގައި ނޫންކަމުން ދަތުރު ފަތުރުގެ ދަތިކަން ހުރިގޮތުން އާއިލާ އާ ބައްދަލު ކުރުމަކީ ފަސޭހަކަމަކަށް ނުވާތީއެވެ.
ރާއްޖޭގައި ދަތުރު ފަތުރުގެ ނިޒާމެއް އޮންނަން ވާނޭކަން ކުރީގައި ތިބި ވެރީންނަށް ވެސް އެނގެއެވެ. ނަމަވެސް ރައްޔިތުން އަޅުވެތި ވެފައި ތިބުމުގެ ސަބަބުން މިފަދަ ނިޒާމަކަށް ޑިމާންޑު ކުރުމުގެ ފުރުޞަތު ވަނީ ގެއްލިގެން ގޮސްފައެވެ. 30 އަހަރު މާޒީއާ އެކުވެދިޔައީ ދަތުރު ފަތުރު ގެ ޕްލޭނަށް ހިރަފުސް އަރަމުން ގޮސް ކުލަ ވަކި ނުވާ ހިސާބަށް ދިޔަފަހުންނެވެ.

ކުރާނެ އެއްވެސް ކަމެއް ނޭނގި ރޮއި ރޮއި ތިބުން ނޫންއެއްވެސް ގޮތެއް ނުފެނިތިއްބާ އިރުމަތީފަރާތުން މިރާއްޖެއަށް ދިވެހިރައްޔިތުންގެ ރަޙުމަތުގެ ތަރި ފާއްދާލިއެވެ. ކުރިން މާޔޫސްވެފައި ތިބި އެންމެހާ ހިތްތަކަށް ރޯޝަނީކަން ލިއްބައިދިނީ ” ބިރުފަހަނަ އަޅާ ގޮސް އެކަކު އަނެއްކެއްގެ ކިބައިން ހިތްވަރު ލިބިގެން ހެޔޮވެރިކަމުގެ ނިޒާމަކަށް ދިވެހިރާއްޖެ” މި ހިކުމަތްތެރި ޝަޢާރެވެ.
މިއަދުގެ ގައުމީ ލީޑަރ މުޙައްމަދު ނަޝީދުގެ އިޚުލާޞްތެރި ހެޔޮވެރިކަން ދިވެހިން ކާމިޔާބު ކޮށްފައި އެވަނީ މި މަތިވެރި މޮޓޯގައި ހިފާ އެކަތިގަނޑަކަށް ވެ ތިބެގެންނެވެ. ރަށުބަންދުވެފައި ތިބި ޢާއިލާތައް ވީއްލި ތަޅުލެވިފައިވާ ދޫތައް ހުޅުވި ހަންތައްލާފައިވާ ޖިސްމުތަކުގައި ރޫފަޖެހި ހިކިފައިވާ ކަރުތައް ތެމި ހަނަފަސް ބިންތަކަށް ވާރޭފެންލިބި އަމިއްލަ ފައިމަތީގައި ޝަރަފްވެރި ކަމާއެކު އަމިއްލަ ބޯހިޔާވަހިކަމުގެ ދަށުގައި ފުދުންތެރިކަމާއެކު ޢާއިލާ ގޮވައިގެން އުޅުމުގެ ފުރުޞަތު ގާއިމުވެފައިވާ އަނެއްދިވެހި ރާއްޖެއަށް ނުހަނު ގަދަވަޔާ ވިއްސާރައިގާ އޮޔާވަޔާ ދެކޮޅަށް މިސްރާބަށް ކުޑަވެސް ބަދަލެއް އަޔަނުދީ ދަތުރު ނިންމާ ލެވުނީ ތީ ﷲ އަށް ހަމްދު ކުރަމެވެ.
ނިކަމެތީންގެ ނިކަމެތިކަމަށް ރަބީޢު މޫސުމް ގެނުވި އުފާވެރި އާއަހަރުގެ ތަހުނިޔާ އެންމެހައި ދިވެހި މުސްލިމުންނަށް އަރިސްކުރަމެވެ.
މިދިވެހި ރާއްޖޭގައި ދިވެހިން ދިރި އުޅެން ބޭނުންވަނީ މިނިވަންކަމާއެކު ޢައިލާތަށް އަތުގުޅާލައިގެން ބިރުފަހަނަ އަޅާ ގޮސް މުދަލާ ފުރާނަ ސަލާމަތް ކުރެވިގެންވާ މިނިވަން އިންޞާފްވެރި އިސްލާމީ ޝަރީޢަތަށް ލޯބިކުރާ ބައެއްގެ ގޮތުގައެވެ.
މިއުންމަތަކީ އަމާންކަމުގެ އުންމަތެކެވެ. މިއުންމަތަކީ ސަލާމަތާ ރައްކާ ތެރިކަން ލިބިގެނަވާ އުންމަތެކެވެ. މިއުންމަތަކީ ޞުލްޙަވެރިކަމުގެ އުންމަތެވެ. ފިތުނަފަސާދަ ދުރުކުރެވިގެންވާ އުންމަތެއްވެސް މެއެވެ. އެކުވެރިކަމާ އޯގާވެރިކަމުގެ އުންމަތެވެ. އެއްބައިވަންތަ ކަމާ އެއްބަޔެއްވަންތަ ކަމުގެ އުންމަތެވެ.

މިއަދު ރާއްޖޭގައި ހުންނެވީ ރައްޔިތުން ވޯޓުދީގެން ރައްޔިތުން އިޚުތިޔާރު ކުރި ވެރިއެކެވެ.
މަސައްކަތް ކުރައްވަނީ ރައްޔިތުން އެމަނިކުފާނު ވެރިކަމަށް ގެނެސްދެއްވި މަގުޞަދު ޙާޞިލް ކޮށްދެވޭތޯއެވެ. އަނެއް ކޮޅުން މަސައްކަތް ކުރަނީ ރައްޔިތުންގެ ކުރިމަގަށް ހުރަސްއަޅާ ވެރިކަންވައްޓާ ލުމަށެވެ. ގާނޫނީ ގޮތުން ރައްޔިތުން ހޮވާފައިވާ ސަރުކާރެއް ބަދަލު ކުރެވޭނީ އަނެއްކާވެސް ފަސް އަހަރު ހަމަވުމުން ވޯޓަކުންނެވެ. މިނޫންގޮތަކަށް ވެރިކަން ވައްޓާލުމުގެ ނިޔަތުގައި މިރާއްޖޭގެ މަގުތަކަށް ނުކުމެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނުދެއްކޭނެއެވެ.
ނަމަވެސް ހަނގުރާމަ އިއުލާނުކޮށް މީހުންކަތިލާނެ ކަމަށް ބުނެ ވެރިކަން ވައްޓާލަން ނުކުތުމުގެ ފުރުޞަތު ސަރުކާރަކުން ބަންދެއް ނުކުރައްވައެވެ. ތިމާމެން ޑިމާންޑު ކުރި ފަސް ކަންތަކަށް އިޖާބަދީ ސަރުކާރުން އެވަނީ އެކަންކަން ތަންފީޒް ކުރަންފަށާފައެވެ. އެކަމަކުވެސް އަޑީގައި ބަޔަކު ތިބެގެން މިރާއްޖޭގެ ޢީލްވެރީންނަކީ މިސަރަޙައްދުގެ ޓެރަރިސްޓު ޖަމާޢަތްތަކާ ގުޅިފައިވާ ބަޔަކު ކަން މި ރީޖަންގެ ގައުމުތަކަށް ދެއްކުމަށްޓަކާ މަސައްކަތް ކުރާއިރު މިބައި މީހުންގެ ހައްދުފަހަނައަޅާފައިވާ މިންވަރު ގަދަކަމުން އެބައިމީހުންނަކަށް އެކަމެއް ނުވިސްނެއެވެ.
ދުވަސްކޮޅަކުން މިރާއްޖޭގެ ތުނބުޅިލީ އެންމެން ތިބެން ޖެހޭނީ ގައުމުގައި ބަންދުވެގެންނެވެ. ހުރިހާވެސް މައްސަލައަކީ މިރާއްޖޭގެ ޢީލްމުވެރިން އެމްޑީޕީ އާއި ގުޅިގެން މައުމޫނުގެ ވެރިކަން ވައްޓާލުމުގެ ސަބަބުން ޢިލްމުވެރިން ދެކެ އެރި ރުޅިގަނޑު މަތަނުވެ އޮތުމެވެ. މިރާއްޖޭގެ ޢިލްމުވެރިންގެ ކުރިމަގު މަރާލެވޭނެ މިއަށްވުރެ މޮޅު އެހެންގޮތެއް ނު އޮންނާނޭކަމަށް ގަބޫލު ކުރެވެއެވެ.
ދިވެހި ދައުލަތަކީ ބާރުތައް ވަކި ކުރެވިގެން ހިނގާ ދައުލަތަކަށް ވުމުގެ ސަބަބުން ކުއްލިއަކަށް ދިމާވާ ހުރިހާކަމެއްގެ ހުރިހާޒިންމާއެއް ރައީސުލް ޖުމްހޫރިއްޔާގެ އިސްތަށިފުޅަކު ނޭޅޭނެއެވެ. މުސްތަގިއްލު އެއްވެސް މުއައްސަސާ އަކަށް އެހެން މުއައްސަސާ އަކުން ބާރު ނުހިންގޭ މި ވެރިކަމުގެ ނިޒާމު ރައްޔިތުންނަށް އަންގައިދޭން ޖެހޭ ފަރާތް ތަކުން މަސައްކަތް ކުރައްވަނީ އެކަން ކަން ރައްޔިތުންނަށް އޮޅުވާލުމަށެވެ. މިއީ ހެޔޮ ވެރިކަމުގެ ނިޒާމެއް ރާއްޖެއަށް އަލަށް ތަޢާރުފް ވަމުން އަންނައިރު ރައްޔިތުންނަށް އެންމެ ބޭނުންތެރިވާނޭ މައުލޫމާތެވެ.
ދައުލަތުން ރައްޔިތުންނަށް ދޭ ތަފާތު އެހީތަކަކީ އެ އެހީ ލިބޭވާހަކަ ގިބަޔަކު އަޑުވެސް ނާހާ ވާހަކަ ތަކަކަށް ވުމުން އެކަމުގެ ޒިންމާ މީޑިޔާތަކުން އުފުލާން ޖެހޭނެ ޒިންމާއެއް ނޫންބާވައެވެ. ހެޔޮ ވެރިކަމުގެ ނިޒާމެއް އޮތުމަށް ނުއެދޭނީ ކާކުހެއްޔެވެ. ނަމަވެސް ހެޔޮވެރިކަމުގެ ނިޒާމުގެ ތެރެއިން ކަމެއްވާކަން ނޭނގޭބަޔަކު ތިބެއްޖެނަމަ ކިތަންމެ ހެޔޮ ވެރިކަމަކަށް ވިޔަސް ބަދަލު ކުރަން އުޅެފާނެއެވެ.
އެންމެންނަށް ބޯހިޔާވަހިކަން އެންމެންނަށް ހިލޭ ބޭސަފަރުވާ، ނިކަމެތީންގެ ބޯމަތީގައި ދަމާލެވިފައިވާ ރައްކާތެރިކަމުގެ ފުރާޅުގެ ހިޔާވަހިކަން ތަކެތީގެ އަގު އަތްފޯރާފަށަށް ގެނައުމަށްޓަކާ ކުރާ ހަނގުރާމަ ފަތަހަވުން، ގައުމު ދަރަނީން ސަލާމަތް ވުން ރައްޔިތުން ގެ އެންމެހައި އަސާސީ ޙައްގުތައް ޖީބަށް ލުއި ޚަރަދަކުން ފުދިގެންދިއުން، މިއީ މިސަރުކާރުގެ ބުރަމަސައްކަތުގެ މޭވާއެވެ.
” އުންމީދުގެ އަލިކަން އެގެނައި ކުޑަކުޑަ ސިއްރުން
އުންމީދު އުފައްދައިފިއެ މުޅި ދޭހަށަ ރަމްޒުން”
މިސަރުކާރަކީ ރައްޔިތުންގެ އަޑުއަހާ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރާން އައި ސަރުކާރެކެވެ.
މަދު ބަޔަކު ކިތަންމެވަރަކަށް ކަމެއްބޭނުން ވެގެން އުޅުނަސް ގިނަބަޔަކު އެކަން ބޭނުން ނުވާނަމަ އެކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. މިއީ ދުނިޔޭގެ އުޞޫލެވެ. މިއުޞޫލު ބަދަލުކުރަން އުޅޭނީ ހައްދުފަހަނަ އަޅަފައިވާ ފަރާތްތަކުންނެވެ. އޭގެސަބަބުން ދުނިޔެފަސާދަވެ ދާނޭކަން މާކުރީއްސުރެ ޢިލްމުވެރީން ވަނީ ފަތުވާ ދެއްވާފައެވެ.
ގައުމު އަމާންތަނަކަށް ހެދުމަކީ އެންމެންގެ ޒިންމާއެކެވެ. އެންމެންވެސް އުޅެނީ މިގައުމުގައެވެ. މިސަރުކާރުން މިރާއްޖޭގައި ދީނީ މިވަންކަން ދީފައެއް ނުވާނެއެވެ. މިސަރުކާރުން މިނިވަންކަން ދިނީ އިސްލާމްދީން ފެތުރުމަށާ ދީނީ ނަޞޭހަތް ދިނުމަށެވެ. ރައްޔިތުންގެ މެދުގައި ދީނީ ޚިލާފްތައް އުފައްދަނީވެސް ދީނީ އިލްމުވެރިންނެވެ.
އަދި އެޚިލާފްތަށް ކުޑަކޮށް އެއްވިސްނުމަކަށް ގެނެސް މިގައުމުގެ ދީނީ އެއްބައިވަންތަކަން ދިފާޢު ކުރަންތިބީވެސް ދީނީ ޢިލްމުވެރީންނެވެ. ކަންމިހެން ހުރުމާއެކު ހީވަނީ ދީނީ ޢިލްމުވެރިންނޭ އަހަރެމެން މިކިޔާ މީހުންގެ ކިބައިގާ ކޮންމެވެސް މިންވަރެއްގެ ސިކުނޑީގެ އުނިކަމެއް ހުންނަނީ ކަމަށެވެ.
އެހެން ނޫންނަމަ ބާރުގެ ބޭނުންކޮށްގެން ކަނޑީގެ ބާރުން ކަންކަން ކުރަން ނުއުޅުނީސްތާއެވެ.