ގދ. ނަޑެއްލާ އެމްޑީޕީ މެދުމިންގޮފީގެ ހިންގާ ކޮމެޓީގެ އިންތިޚާބް ބާއްވައިފި

– މި ގޮފީގެ ރައީސަކަށް ހަމްދޫން ރަޝީދު ހޮވުނު އިރު، ނައިބު ރައީސަކަށް ހޮވިފައިވަނީ ޙާމިދު ޢަބްދުﷲ

އިބްރާހީމް ރާމިޒް

img_0314-450-x-338ނަޑެއްލާ އެމްޑީޕީ މެދުމިން ގޮފީގެ އިންތިޚާބުގައި މީހަކު ވޯޓު ދެނީ..

ގދ. ނަޑެއްލާ އެމްޑީޕީ މެދުމިންގޮފީގެ ހިންގާ ކޮމެޓީގެ އިންތިޚާބް ބާއްވައިފިއެވެ.

31 ޑިސެމްބަރ 2011 ވީ ހޮނިހިރު ދުވަހު މެންދުރު ފަހު 14:00 އިން ފެށިގެން އެދުވަހު 18:00 އާއި ދެމެދު ނަޑެއްލާ ސްކޫލްގައި ބޭއްވުނު ގޮފީގެ ހިންގާ ކޮމެޓީ އިންތިޚާބުގައި މެދުމިން ގޮފީގެ ރަޢީސްގެ މަޤާމަށް ވާދަކުރައްވާފައިވަނީ ގދ. ނަޑެއްލާ ސިއްޙީ މަރުކަޒުގެ އެސިސްޓެންޓް މެނޭޖަރ، އެ ރަށު މޯނިންގްވިލާ ޙަމްދޫން ރަޝީދެވެ. އަދި ގޮފީގެ ނާއިބް ރައީސްގެ މަޤާމަށް ވާދަކުރައްވާފައި ވަނީ ގދ. ނަޑެއްލާ އަތަމާވިލާ ޙާމިދު އަބްދުﷲ އެވެ.

31 ޑިސެމްބަރ 2011 ގައި ބޭއްވި އިންތިޚާބުގައި ކުރިމަތި ލެއްވި 2 ކެންޑިޑޭޓުންނަށް ވެސް ލިބިވަޑައިގެންފައިވަނީ %97 ވޯޓު ކަމަށް ނަޑެއްލާ އެމްޑީޕީ އޮފީހުން މަޢުލޫމާތުދެއެވެ. މިނަތީޖާއާއި އެކު ގޮފީގެ ރައީސްގެ މަޤާމަށް އިންތިޚާބު ވެފައިވަނީ ހަމްދޫން ރަޝީދެވެ. އަދި ގޮފީގެ ނާއިބް ރަޢީސްގެ މަޤާމަށް އިންތިޙާބް ވެފައިވަނީ ޙާމިދު އަބްދުﷲ އެވެ.

ގދ. ނަޑެއްލާ އެމްޑީޕީ މެދުމިން ގޮތްޕަކީ އެމްޑީޕީ އިން މެދުމިނަށް ތާއީދުކޮށް 23 ޑިސެމްބަރ 2011 ގައި ކުރި މުޒާހަރާއާއި އެކު މަޑަވެލި ދާއިރާގެ ނަޑެއްލާގައި އުފެދިފައިވާ ގޮތްޕެކެވެ. މި ގޮފީގެ މަޤުސަދަކީ މާތްވެގެންވާ އިސްލާމް ދީނުގެ ހިޔާވަހި ކަމުގައި ދިވެހި ޤައުމާއި ނަޑެއްލާ ދެމިއޮތުން ކަމަށާއި، އަދި އެމްޑީޕީ ގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ޓަކައި، ކޮށްދެމުންދާ އިޚްލާސްތެރި މަސައްކަތާއި ސަރުކާރުން އިސްލާމްދީން ހިމާޔަތްކޮށް ނެގެހެއްޓުމަށް ޚުދު ރަޢީސް ނަޝީދު ކުރައްވާ މިންނެތް ބުރަމަސައްކަތަކީ އެ ގޮފީގެ ފަރާތުން ފާހަގަ ކުރާ ކަންތައް ކަމުގައި ނަޑެއްލާ މެދުމިން ގޮފިން ބުނެއެވެ.

“ޖަލުގެ ތޭރިތަކުގެ ތެރޭގައި ޗިލީ ސޯސް އަދި ފުޅިތޮއްޓާއި މުގުރުބުރީގެ ބިރާއި ހިތްދަތިކަމުގައި ދުވަސްތައް ވޭތުކުރަމުން އައި އެތަކެއް ދީނީ އިލްމުވެރިންނަކަށް ދީނީ ބަސްބުނުމުގެ ހައްޤު އެމްޑީޕީގެ ސަރުކާރުގައި ލިބިފައިވާތީ އެކަމާ އަޅުގަނޑުމެން އުފާކުރަން.” ނަޑެއްލާ އެމްޑީޕީ މެދުމިންގޮފީގެ ރައީސް ޙަމްދޫން ރަޝީދު ވިދާޅުވިއެވެ. އަދި “މި ގޮފީގެ އަމާޒަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އިޙްލާސްތެރި ޚިދުމަތްތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމާއި އެކު 2013 ގައި ނަޑެއްލާ އިން އެމް.ޑި.ޕީ އަށް ފުރިހަމަ ކާމިޔާބެއް ހޯދައި ދިނުމަށް މެދުމިން ގޮފީގެ 50 އެތައް މެމްބަރުންނެއް ވަނީ އަތުކުރި އޮޅާލާފަ” ހަމްދޫން ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްލާމް ދީނުގެ ނަމުގައި ބައެއް މިޔުޒިކް ބޭންޑްތަކާއި، މަސްތުވާތަކެތި ވިއްކައި، އެއިގެ ބޭނުންކުރާ އަދި ބަދުއަޙްލާޤީ މައްސަލަތަކާއި، ކުޑަކުދިންގެ އިތްފަތް ފޭރިގަތުންފަދަ އެތަކެއް މަސަލަތަކެއްގެ ތުހުމަތު ކުރެވިފައިވާ އެތައް ބަޔަކު ނިކުމެ މާތްވެގެންވާ އިސްލާމްދީނުގެ ނިވަލުގައި ތިބެ ހިންގާން މިއުޅޭ ދީނާ ދެކޮޅު ޖަރީމާތަކާއި މެދު ދިވެހި ރައްޔިތުން ހޭލުންތެރިވެ އެކަމާ ދެކޮޅަށް ތެދުވުމަށް ނަޑެއްލާ އެމްޑީޕީ މެދުމިން ގޮފީގެ ނާއިބް ރައީސް ޙާމިދު އަބްދުﷲ ގޮވާލެއްވިއެވެ. އަދި 23 ޑިސެމްބަރ 2011 ގައި އިންދިކޮޅު ފަރާތް ތަކުން ސަރުކާރަށް ގޮވައިލެއްވި ކަންކަމަކީ ދިވެހި ގިނަ ރައްޔިތުން ތަކެއްގެ އަޑު ކަމުގައި ވުމުން އާދާލަތު ޕާޓީގެ ދީނީ އިލްމު ވެރިން އެގޮވައިލެއްވި ކަންތައް ކަމަށްވާ ސްޕާތައް ބަންދު ކުރުމާއި އޫރުމަސް ވިއްކުމާއި ރާވަވިއްކުމާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ޙަމްދޫން ތަޢުރީފްކުރެއްވިއެވެ.

” 01 ޖެނުއަރީ 2012 ގައި ނަޑެއްލާ އެމް.ޑީ.ޕީ މެދުމިން ގޮފީގެ ހިންގާ ކޮމެޓީ އުފެދި ގޮފި ހިންގަން ފެށުނު އިރު ދިވެހި ކޮންމެ ރައްޔިތަކަށް 100،000 ރުފިޔާގެ ހިލޭ ބޭސް ފަރުވާ ލިބިފައިވާ ކަމީ މި ގޮތްޕާއި މި ގޮފީގެ މެމްބަރުންގެ އިތުރުން ނަޑެއްލާގައި ގާއިމް ވެފައިވާ އެމްޑީޕީގެ އެހެނިހެން ގޮފިތަކާއި މުޅި އެމްޑީޕީ އިން 2013 އާއި މެދު ކުރާ އުންމީދު ހަގީގަތަކަށް ވާނޭކަމުގެ ހެޔޮ ފާލެއް” ކަމުގައި ވެސް ނަޑެއްލާ އެމްޑީޕީ މެދުމިންގޮފީގެ ރައީސް ޙަމްދޫން ވިދާޅުވިއެވެ.