އެމްޑީޕީ ވިލިނގިލި ދާއިރާ އޮފީހުން ވައްކަންކޮށްފި

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވިލިނގިލި ދާއިރާ އޮފީހުން ރޭ ވައްކަންކޮށްފިއެވެ.
ވިލިނގިލީގައި ހުންނަ، ގއ.ކޮލަމާފުއްޓާއި ވިލިނގިލި ހިމެނޭ، އެމްޑީޕީ ވިލިނގިލި ދާއިރާގެ އޮފީހުން ރޭ 9 ޖެހި އިރު ވައްކަންކޮށްފައިވާ ކަން އެމްޑީޕީ ވިލިނގިލި ދާއިރާގެ ނައިބު ރައީސް އައިމަން ޤާސިމް ވެސް ވަނީ އެމްޑީޕީ ވެބްސައިޓަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި، އެ އޮފީހުން ވަގަށް ނަގާފައިވަނީ އެ އޮފީހުގައި ބޭނުންކުރަމުންދާ 2 ކޮމްޕިއުޓަރ ސިސްޓަމްގެ ތެރެއިން 1 ކޮމްޕިއުޓަރ ސިސްޓަމްގެ މޮނީޓަރާއި، އަނެއް ކޮމްޕިއުޓަރ ސިސްޓަމްގެ ސީޕީޔޫ ކަމަށް ވެސް އައިމަން ވިދާޅުވިއެވެ.
” މިއީ ވަރަށް އާދައިގެ ގޮތަކަށް ހުންނަ އޮފީހެއް. އޮފީހަށް ވަގުން ވަދެފައިވާ ކަމަށް ބެލެވެނީ ފެންލައިޓުން. ހަމައެކަނި ކޮމްޕިއުޓަރުގެ ބައިތަކެއް ވަގަށް ގެންގޮސްފަ ވަނީ. އަޅުގަނޑުމެން ވަގުތުން ޕޮލިހަށް ރިޕޯޓްކޮށްފަ ވާނީ. އަދި ބަޔަކު އިލެކްޓްރިކް ސާމާނުތަކެއް އަގުހެޔޮކޮށް ވިއްކަން އުޅޭ ކަމުގެ މަޢުލޫމާތު ވެސް އަޅުގަނޑުމެންނަށް ވަނީ ލިބިފަ.” އައިމަން ވިދާޅުވިއެވެ.
މި މައްސަލަ މިހާރު ޕޮލިހުން ތަޙްގީގުކުރަމުންދާ ކަމަށް ވެސް އައިމަން ވިދާޅުވިއެވެ.